ފަލަސްތީނުގެ ޓެކްސް ފައިސާ އެއްކޮށް އަނބުރައި ދިނުމަށް އިސްރާއީލު ނިންމައިފި

ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް ކެބިނެޓްގެ ބައްދަލުވުމެއްގައި--

ރާމަﷲ (އެޕްރީލް 19) : ގަވައިދާ ޚިލާފަށް ގަދަބާރުން އިސްރާއީލުން ހިފަހައްޓާފައިވާ ފަލަސްތީނުގެ ޓެކްސް ފައިސާ އެއްކޮށް އަނބުރައި ދިނުމަށް އެންމެ ފަހުން އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔަހޫ ނިންމަވައިފިއެވެ.

ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް ވިދާޅުވީ އިސްރާއީލުން ހިފަހައްޓާފައިވާ ފަލަސްތީނުގެ ޓެކްސް ފައިސާ އެއްކޮށް ފަލަސްތީނުގެ މަރުކަޒީ ބޭންކަށް ޓްރާންފަރ ކުރުމަށް އިސްރާއީލުން އިއްޔެ ނިންމައި އެކަން ފަލަސްތީނަށް އަންގާފައިވާ ކަމުގަ އެވެ. މިކަމަށް އިސްރާއީލު އެއްބަސްވީ މި ފައިސާގެ އެއްބައި ދިނުމަށްފަހު އަނެއްބައި ނުދީ ހިފެހެއްޓުމަށް އިސްރާއީލުން ކުރި މަސައްކަތަށް ފަލަސްތީނުން ދެކޮޅުހެދުމާ ގުޅިގެން އެކަން ނާކާމިޔާބު ވުމުންނެވެ. އަދި ހުރިހާ ފައިސާ، އެއްފަހަރާ ފަލަސްތީނަށް ދިނުމަށް އިސްރާއީލުން ނިންމީ މިކަމަށްޓަކައި ފަލަސްތީނުގެ ސަރުކާރުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

އިސްރާއީލުން ހިފަހައްޓާފައިވާ ފަލަސްތީނުގެ ޓެކްސް ފައިސާގެ މިންވަރަކީ 470 މިލިޔަން އެމެރިކާ ޑޮލަރެވެ. މި ފައިސާ ހިފެހެއްޓުމުގެ ސަބަބުން ފަލަސްތީނަށް ވަނީ ސަރުކާރު ވުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތެއް ވެސް ނެތިފައެވެ.

ޓެކްސް ފައިސާ އިސްރާއީލުން ހިފަހައްޓަންފަށާފައިވަނީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ މެންބަރުކަން ހޯދުމަށް ފަލަސްތީނުން މަސައްކަތް ފެށުމާ ގުޅިގެންނެވެ. އެކޯޓުގެ މެންބަރުކަން ފަލަސްތީނަށް ލިބުމަކީ ފަލަސްތީނުގެ ޢާންމުންނާ ދެކޮޅަށް ހިންގާފައިވާ ލާއިންސާނީ އަމަލުތަކާއި ހަނގުރާމައިގެ ޖަރީމާތަކާ ބޭހޭގޮތުން އިސްރާއީލުގެ ހަރުކަށިވެރިންގެ މައްޗަށް ދައުވާ އުފުލުމުގެ ފުރުސަތު ފަލަސްތީނަށް ފަހިވެގެންދާނެ ކަމެކެވެ.

އިސްރާއީލުން ފަލަސްތީނުގެ ޓެކްސް ފައިސާ ހިފެހެއްޓީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ މެންބަރުކަން ހޯދުމަށް ފަލަސްތީނުން ކުރި މަސައްކަތް ހުއްޓާލާނެކަމުގެ އުންމީދުގަ އެވެ. ނަމަވެސް އިސްރާއީލުގެ ދެކޮޅު ހެދުންތަކާ އަދި ފިއްތުންތަކާއެކު ވެސް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ ފުރިހަމަ މެންބަރަކަށް ފަލަސްތީނު މިހާރު ވަނީ ވެފަ އެވެ. އަދި އެންމެފަހުން އިސްރާއީލަށް ޖެހިފައި މި ވަނީ ގޮތްދޫކޮށް ފަލަސްތީނުގެ ފައިސާ އަނބުރައި ފަލަސްތީނަށް ދޭށެވެ. (އަލްޖަޒީރާ)

comment ކޮމެންޓް