ޔުނައިޓެޑް ބަލިކޮށް ޗެލްސީ ދިހަ ޕޮއިންޓަށް ލީޑް ފުޅާކޮށްފި

ޗެލްސީއާ މެންޗެސްޓާ ޔުނެއިޓަޑް ބައްދަލު ކުރިމެޗަށް ފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ --- ފޮޓޯ/ އޭޕީ

އިނގިރޭސި ޕްރިމިއާ ލީގްގައި މިރޭ ވަދަވެރި މެންޗެސްޓާ ޔުނެއިޓެޑާ ވާދަކުރި މެޗް 1-0 ގެ ނަތީޖާއަކުން ކާމިޔާބިކޮށް ޗެލްސީ 10 ޕޮއިންޓަށް ލީޑް ފުޅާކޮށްފިއެވެ.

މިވަގުތު ޗެލްސީ އެއް ވަނައިގައި އޮތީ 76 ޕޮއިންޓާއެކުއެވެ. އަދި ދެވަނައިގައި އޮތް ވާދަވެރި އާސެނަލަށް ލިބިފައިވަނީ 66 ޕޮއިންޓެވެ.

މިމެޗްގައި ޗެލްސީގެ ހަމައެކަނި ލަނޑު މެޗްގެ 37 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބެލްޖިއަމްގެ މިޑްފީލްޑަރު އެޑިން މައިކަލް ހަޒާޑެވެ. މިއީ ބްރަޒިލްގެ އޮސްކާ ތަނަވަސްކޮށް ދިން ފުރުސަތަކުން ހަޒާޑް ހަނި އޭންގަލަކުން ގޯލްގެ ވާތްފަރާތު ތިރީ ކަނަށް ވައްދާލި ބޯޅައެކެވެ.

މެންޗެސްޓާ ޔުނައިޓެޑުން މިމެޗަށް ކުރިމަތިލިއިރު އެޓީމުގެ ޑިފެންސް ލައިންގެ މުހިންމު ހަތަރު ކުޅުންތެރިކް އަނިޔާ ވެފައިވީ ނަމަވެސް ޔުނޭޓަޑުން ވެސް ވަނީ ލަނޑުޖަހާނެ ފުރުޞަތު ތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ފޯވަޑް ރަޑެމެލް ފަލަކޯއަށް ލިބިގެން ދިޔަ ފުރުސަތު ފާހަގަކޮށްލަން ޖެހެއެވެ.

މިރޭ ޔުނޭޓަޑްގެ ޑިފެންސް ލައިން ބެލެހެއްޓި އުމުރުން އެންމެ 19 އަހަރުގެ އިންގުލެންޑްގެ ޒުވާން ކުޅުންތެރިޔާ ލޫކްޝޯ ދިން ތޫރޫ ޕާސް ފަލްކާއޯ ގޯލަށް އަމާޒުކޮށް ފޮނުވާލި ނަމަވެސް އެހަމަލާ އަމާޒުވީ ގޯލް ދަނޑިއަށެވެ.

މިރޭގެ މެޗްގައިވެސް ޗެލްސީގެ ނުރައްކާތެރި ގިނަ ހަމަލާތަކެއް ޔުނެއިޓަޑްގެ ސްޕެއިންގެ ގޯލް ކީޕަރު ޑޭވިޑް ޑެހެއާ ވަނީ ދިފާއުކޮށްފައެވެ.

ޗެލްސީގެ ސްޓެންފޯޑް ބްރިޖްގައި ކުޅުނު މިމެޗުން އެޓީމު މޮޅުވިއިރު، ޗެލްސީގެ އަމިއްލަ ދަނޑުގައި އެޓީމް ބަލިނުވާތާ ވަނީ އެއް އަހަރުވެފައެވެ. އެންމެ ފަހުން ޗެލްސީ އަމިއްލަ ދަނޑުގައި ބަލިވެފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު 19 ވަނަ ދުވަހު ސަންޑަލޭންޑް އަތުންނެވެ. އެމެޗުން ޗެލްސީ ބަލިވީ 2-1 ގެ ނަތީޖާ އަކުންނެވެ.

މިރޭގެ މެޗުން ޗެލްސީ މޮޅުވުމުން އެޓީމް ޗެމްޕިއަންކަމާ ގާތަށް ޖެހިލިއިރު ކުރިއަށް އޮތް ދެމެޗް ކާމިޔާބުކޮށްގެން ޗެލްސީއަށް މިސީޒަންގެ ޕްރިމިއާ ލީގު ޗެމްޕިއަންކަން ކަށަވަރު ކުރެވޭނެއެވެ.

މިސީޒަންގެ ޕްރިމިއާ ލީގް ކާމިޔާބުކޮށްފިނަމަ ޗެލްސީއަށް ހަތަރު ވަނަ ފަހަރަށް އެމުބާރާތް ކާމިޔާބު ކުރެވުނީއެވެ. ޕްރިމިއާ ލީގް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ޓީމަކީ މެންޗެސްޓާ ޔުނެއިޓަޑެވެ. އެޓީމުން ވަނީ މިމުބާރާތް 20 ފަހަރު ކާމިޔާބުކޮށްފައެވެ.

comment ކޮމެންޓް