ތިން އަހަރުން ނުނިންމުނު ޝަރީއަތް އެންމެ 19 ދުވަހުން ވަނީ ނިންމާފައި: އަބްދުﷲ ގާޒީ

ރިމިނަލް ކޯޓުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ނަސަންދުރާ ޕެލަސް ހޮޓަލުގައި ބޭއްވި ހަފްލާގައި އަބްދުﷲ ގާޒީ ވާހަކަފުޅު ދައްކަވަނީ ---- ސަން ފޮޓޯ/ފަޔާޒު މޫސާ

ޖަސްޓިސް ބިލްޑިންގުގައި ޓެންޓުޖަހައިގެން ސްކޭން މެޝިނެއް ބަހައްޓައިގެން މުޅި ގައުމު އެލާޓަށް ގެނެސްގެން ތިން އަހަރު ދުވަހުންވެސް ނުނިމުނު ޝަރީއަތް އެންމެ 19 ދުވަހުގެ ތެރޭގައި ނިންމައި ހުކުމް އިއްވާފައިވާކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ވިދާޅުވެއްޖެއެވެ.

އިސް ގާޒީ މިހެން ވިދާޅުވީ، ކްރިމިނަލް ކޯޓުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ނަސަންދުރަ ޕެލެސް ހޮޓެލްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

"ދިވެހިރާއްޖޭގެ ދިފާއީ ބާރުތައް ކޮޅަށް ޖަހައި، ޖަސްޓިސް ބިލްޑިންގްގައި ޓެންޓުޖަހައި، ސްކޭން މެޝިން ބަހައްޓައި، މުޅި ގައުމު އެލާޓަށް ގެނެސް، ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިގެން ތިން އަހަރު ދުވަސްވީއިރު ނިމުމަކަށް ނުގެނެވުނު ޝަރީއަތް އެންމެ 19 ދުވަހުގެ ކުރު މުއްދަތުގެ ތެރޭގައި ފައިސަލާކުރަނިވި ހުކުމަކާ ހަމައަށް ގެނައީ ކްރިމިނަލް ކޯޓުގެ ގާޒިންނާ ލޮބުވެތި މުވައްޒަފުން،" އަބްދުﷲ ގާޒީ ވިދާޅުވިއެވެ.

އަބްދުﷲ ގާޒީ ވިދާޅުވީ، ކްރިމިނަލް ކޯޓުގެ ގާޒިންނާއި މުވައްޒަފުން ފިޔަވައި މެންދަމުގެ ވަގުތުގައި ގައުމީ ޚިދުމަތުގައި މަސައްކަތްކުރާ ބަޔަކު ނުތިބޭނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ނަސަންދުރަ ޕެލަސް ހޮޓަލުގައި ބޭއްވި ހަފްލާގައި އެ ކޯޓުގެ ގާޒީ ސުޖާއު އުސްމާން (މެދު) -- ސަން ފޮޓޯ/ފަޔާޒު މޫސާ

ތިން އަހަރުގެ ތެރޭގައި ނުނިމުނު ޝަރީއަތް އެންމެ 19 ދުވަހުގެ ތެރޭގައި ނިންމާފައިވާތީ އެ ކޯޓުގެ ގާޒިންނަށް ޚާއްސަ އިނާޔަތާއި ސަލާމަތާ ރައްކާތެރިކަން ދިނުމަށް އަބްދުﷲ ގާޒީ މިރޭ ވަނީ ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ.

މުޅި ޖުޑީޝަރީ ނިދާފައި އޮންނައިރު ކްރިމިނަލް ކޯޓު އޮންނަނީ ހޭލައި ކަމަށާއި އެކަންކަން ދަންނަނީ ކޮންބައެއްތޯ އެއީ އުފެދޭ ސުވާލެއް ކަމަށް ވެސް އަބްދުﷲ ގާޒީ ވިދާޅުވިއެވެ.

"މުޅި ޖުޑިޝަރީ ނިދާފައި އޮންނައިރު ކްރިމިނަލް ކޯޓު އޮންނަނީ ހޭލައި. މިކަން މިގައުމުގައި ދަންނަނީ ދަންނަނީ ކާކުތޯ؟ މިކަމަށް ސަމާލުވަނީ ދައުލަތުގެ ކޮން މުއައްސަސާއަކުންތޯ؟ މިއީ އަޅުގަނޑުމެންގެ ހިތުގައި އުފެދޭ ސުވާލެއް،" އަބްދުﷲ ގާޒީ ވިދާޅުވިއެވެ.

އަބްދުﷲ ގާޒީ ވިދާޅުވީ، ކަންކަން ކުރުމަށް ޖުޑީޝަރީ ނުކުޅެދިއްޖެކަމަށް ގިނަ ފަރާތްތަކަށް ގަބޫލުކުރެވޭ މިންވަރަށް ހާލަތު ގޮސްފައި ވަނިކޮށް، ޖުޑީޝަރީ އޮތީ ހޭލާ ކަމާއި ޖުޑީޝަރީގެ ގާބިލްކަން ކްރިމިނަލް ކޯޓުން ދައްކައިދީފައިވާ ކަމަށެވެ.

"ކަންކަން ކުރުމަށް ދިވެހިރާއްޖޭގެ ޖުޑީޝަރީ ނުކުޅެދިއްޖެކަމަށް ގިނަ ފަރާތްތަކަށް ގަބޫލުކުރެވޭ މިންވަރަށް ހާލަތު ގޮސްފައި ވަނިކޮށް، ދިވެހިރާއްޖޭގެ ޖުޑީޝަރީ އޮތީ ހޭލާ ކަމާއި، ޖުޑިޝަރީގެ ގާބިލް ކަމާއި ފޯރުންތެރިކަމަށް ކުޑަނަމަވެސް ބުރުލެއް އަތުވެއްޖެނަމަ އެކަންކަން ހަމަމަގަށް އެޅުވުމުގެ ގާބިލްކަން ކްރިމިނަލް ކޯޓުގައި ހުރިކަން ސާބިތުކޮށްދެއްވައި އެކަންކަން އަމަލީގޮތުން ކޮށްދެއްވިކަމަށްޓަކައި ކޯޓުގެ ގާޒިންނަށާއި މުވައްޒަފުންނަށް އައްސަރިބަހާ ސާބަސް ދަންނަވަން،" އަބްދުﷲ ގާޒީ ވިދާޅުވިއެވެ.

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ ޖުމްލަ 16،607 މައްސަލައެވެ. އޭގެތެރެއިން 16،360 މައްސަލަ މިދިޔަ އަހަރު ނިންމާފައިވާ ކަމަށް އިސް ގާޒީ ވިދާޅުވިއެވެ.

މިދިޔަ އަހަރު 873 ގަޒިއްޔާއެއް ކްރިމިނަލް ކޯޓުން ނިންމާފައިވާއިރު، ކުށެއް ކުރި ކަމަށް ތުހުމަތު ކުރެވޭ 11،160 މީހުންގެ ބަންދާ މެދު ވަނީ ގޮތެއް ނިންމާފައެވެ. އަދި ކަމާބެހޭ އެކި އިދާރާތަކުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން 4561 ކޯޓު އަމުރު މިދިޔަ އަހަރު އެ ކޯޓުން ނެރެދީފައިވާ ކަމަށް އަބްދުﷲ ގާޒީ ވިދާޅުވިއެވެ.

ގާނޫނާ ޚިލާފަށް ހައްޔަރުކުރި ކަމަށް ބުނެ މިދިޔަ އަހަރު ހަތް މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅި، ގޮތެއް ނިންމާފައިވާ ކަމަށް ވެސް އިސް ގާޒީ މިރޭ ވިދާޅުވިއެވެ.

comment ކޮމެންޓް