"ކަލޭ މިތަނުން ދާން އުޅޭ، ހުއްދަނެތި ގޭގެއަށް ވަންނަން ޖެހޭތަ؟ " ޒޫނީގެ ޖުމްލައާއިއެކު ކައިލަންގެ މޫނާއި ދިމާލަށް އެއްލައިލި އެއްޗަކުން ރެކެންވެގެން އޭނަ އެއްފަރާތަކަށް ޖެހިލިކަމުން ސަލާމަތްވިއެވެ. ޒާޔަލްވެސް އިސްތަށިގަނޑުން ފެންހިއްކަމުން ފާޚާނާއިން ނުކުމެފައި މަންމަ ރުއްސަން މަސައްކަތްކުރިއެވެ. މަންމައަށް ކައިލަން ތަޢާރަފުކޮށްދިނުމުގެ ބޭކާރު މަސައްކަތްކުރިއެވެ. އެވަރުންވެސް ޒޫނީގެ ރުޅިމަޑުވާއަތަކަށް ނޭޅުނެވެ. ކައިލަންއާއި ދިމާލަށް ހަޅޭއްލަވާފައި އިރުކޮޅަކުން ވަރަށް ހިނިއައިސްފައިހުރެ ސައި ހަދަން އުޅުނުއިރު މީހާ މުޅިން މައިތިރިވެއްޖެއެވެ.

ކައިލަން އެނދުގައި އޮށޯވެލައިގެން އޮތްއިރު ހޫނުވެ އުދާސްވާވަރުން ތަނުގައި ނޯވެވިގެން ދެތިން ފަހަރު ތެދުވެ ފިނިފެން ތަށިތަކެއް ދަމާލިއެވެ. އެވަރުންވެސް އެތެރެހަށީގައިވާ ހޫނުކަން ކެނޑި ފިނިވާގޮތެއް ނުވިއެވެ. އެދަންވަރު އޭނަ ބެލްކަނީ ހުޅުވާލައިގެންގޮސް ބޭރަށް ބަލަން ހުރިއިރު އަނާގެ މަތިން ވަރަށް ބޮޑަށް ހަދާންވިއެވެ. މިހެންވާންޖެހޭ ސަބަބަކީ ކޮބާހެއްޔެވެ؟ އަނާގެ ނަފްސާނީ މައްސަލައިގެ ގޮތުން ވިސްނެނީހެއްޔެވެ؟ ބެލްކަނީގައި ދެކޮޅަށް ހިނގަން ހުރެފައި ގަޑި ބަލާލިގޮތަށް ކައިލަން އަވަސްވެގަތީ އަލީސާ ބަލާ ހުޅުލެއަށް ދިޔުމަށެވެ.

"ޑޭމިޓް، އެހެން ކަންތަކާ ވިސްނަން ހަދައިގެން ފްލައިޓް ޖެއްސިއިރުވެސް ހަނދާނެއްނުވި، އެކުއްޖާ އަހަރެން މަރާލާނެ...." ކައިލަން އަވަސްއަރުވާލާފައި ލައިގެން ހުރި ހެދުން ބަދަލުކުރުމަށްފަހު ދުވެލާފައި ނުކުތީ މަގަށެވެ. މިގަޑީގައި ކާރެއްވެސް ލިބޭނީއެއް ނޫނެވެ. ސައިކަލް ހަލާކުވެފައި ހުރުމުން ގަރާޖަށް ލީ މިއަދުއެވެ. އެއްވެސް ކަމެއް ރަގަޅަކަށް ނުދެއެވެ. ކައިލަން ހުޅުލެއަށް ފޭބިިއިރު އަލީސާ ހުރީ ޓްރޯލީ ހިފައިގެން ނުކުމެ ފެރީ ޓާމިނަލުގައެވެ. މޮޅިވެރިކަމުން ފުރިފައިވާ މޫނެކެވެ. ނަމަވެސް ކައިލަން ފެނުމާއިއެކު އެމޫނު ހީވީ ދިއްލިގެން ދިޔަހެންނެވެ. ދެވަަނަ ސިކުންތުކޮޅުގެ ތެރޭގައި އަލީސާ އައިގޮތަށް ކައިލަންގެ ގައިގާ ކުޑަކޮށް ބައްދާލާފައި ޝަކުވާކުރަންފެށިއެވެ.

" މިހެން ހުރެ ދެފަޔަށް ލޭ ފައިބައިފި، ތިހެންހަދާކަށް ނުވާނެ، އަހަރެންވެސް މިއީ އިންސާނެކޭ، އެހެރީ ދޭއްޖަހާފައި، އެހާ ދިގު ދަތުރެއްކޮށްފައި ހާދަ ބަލިވެފަ އަހަރެން މިހިރީ، ހުންވައްތަރުވެސް ވެއްޖެ، އެހާފިނިވައިޖެހޭ ރެއެއްގައި އެހެރަ ފާރުމައްޗަށް އަރާ އިށީދެލައިގެން އިނދެފައި އައި އޮލްމޮސްޓް ފެލް އެސްލީޕް...." އަލީސާ ކުދިކިޔަން ހުއްޓާ ކައިލަން ފޮށިތަކާއި ދަބަސްތައް ފެރީއަށް އަރުވާލައިފިއެވެ. ކައިލަންގެ ފަރުވާކުޑަކަމާއި އޭނައާއި އަޅާނުލާކަން އަލީސާ ރަަގަޅަށް ދަނެއެވެ. ހިތްދަތިވަނީ ކައިލަންގެ އެހުންނަ ހަރުކަށިކަމަކުންނެވެ. އެހާ ގާތްގޮތަކަށް ވާހަކަދެއްކުން ނުހުންނާތީއެވެ. ހީވަނީ ކޮންމެވެސް ކަމަކާއި އަބަދު ހިތްހަމަނުޖެހިފައި ހުންނަހެންނެވެ. ނަފްސާނީ ޑޮކްޓަރުންގެ މިޒާޖުގެ ބަޔަކީއެވެ.

ކައިލަން އަލީސާ ގޮވައިގެން ދިޔައީ އޭނަ ހިފާފައި ހުރި އެޕާޓްމެންޓަކަށެވެ. ދެކޮޓަރީގެ ކުޑަ އެޕާޓްމެންޓް ފެެނުމުން އަލީސާ ނިކަން ގަޔާވިއެވެ. އެންމެ އެކަށީގެންވާ އަރާމު ތަންކޮޅެކެވެ. އެދަންވަރު ވަރުބަލިވެފައި ހުރުމާއިއެކުވެސް އަލީސާ އުޅެގަތީ އޭނަގެ ސާމާނުތައް އަތުރާފައި ތަރުތީބުކުރާށެވެ. އަލީސާ ކިތަންމެ ވަރަކަށް އަނގަ ތެޅިޔަސް ކައިލަން ހުންނަނީ ހިމޭނުންނެވެ.

"ކައި، ކަމެއް ގޯސްވީތަ؟ ކީއްވެ މަޑުން ތިއޮތީ؟" އަލީސާ ބަލައިލިއިރު ކައިލަން އޮތީ އެނދުގައި އޮށޯވެލައިގެން އަނެއް ފަރާތަށް އެނބުރިގެންނެވެ. ކައިލަން އޭނައާއި މިހާ ދުރުން މިއުޅެނީ އަނެއްކާ އެހެން ލޯބިވެރިޔެއް ގެންގުޅެނީހެއްޔެވެ؟ ބޭވަަފާތެރިވީހެއްޔެވެ؟ އާއިލާއަށް ތަޢާރަފުކޮށްނުދޭން ބޭނުންވާނީ ކޮންމެވެސް ސަބަބެއް އޮތީމައެވެ. ފިރިހެނުންނަކީ އާއްމުކޮށް އެހާ ތެދުވެރި ވަފާތެރި ބަޔެއްނޫންކަން އަލީސާ ދަނެއެވެ. ހަޔާތުގައި އެއްވެސްމީހަކަށް ބަރޯސާވެގެން ނުހުންނަން އަލީސާ ވަނީ މާކުރީއްސުރެން ނިންމާފައެވެ. މޮޅަށް ކިޔަވާ އަމިއްލަ ފައިމައްޗަށް ތެދުވަން ނިންމި އެއް ސަބަބަކީ އެއީއެވެ.

"ކަމެއްނުވޭ، ވަރަށް ބިޒީކޮށް މިއަދު އުޅުނީ، އެހެންވެ މާބޮޑަށް ނިދިއައީ، ވާހަކަ ގިނަނުކޮށް ނިދަން އުޅެބަލަ، އަހަރެން ފަތިހު ތެދުވަން ޖެހޭ....." ކައިލަންގެ އަޑުގައި ހަރުކަށިކަމެއް ނެތަސް އެއިން ކޮންމެ ޖުމްލައެއް އަލީސާ ގެ ހިތުގައި ޖެހިގަތީ އެތައް ޓަނެއްގެ ބުރަދަނަކާއިއެކުގައެވެ. "އަލީސާ" ކިޔާގޮތުންވެސް ހީވަނީ ދުރުހިލޭމީހެއްހެންނެވެ. އެއީ ގާތްމީހުން އަލީސާއާއި މުޚާތަބުކުރާގޮތެއް ނޫނެވެ. ކައިލަން ހާދަ ތަފާތުވެއްޖެއެވެ. އެތައް ދުވަސްތަކަކަށްފަހު ބައްދަލުވުމުންވެސް އޭނައާއި ގާތްވާކަށް ބޭނުމެއްނުވިއެވެ. ގަޑީގެ ގޮތުން ނޫންކަން އަލީސާ އަށް ނޭގެނީއެއް ނޫނެވެ. ކައިލަން ހިތުން ރުހުމުން އޭނަ އާއިއެކުގައި އުޅުނީ ކޮން ދުވަަހަކު ހެއްޔެވެ؟ އޭނަ އެހާ ބޭނުންވާކަން އެނގި ދުުރުކޮށްލުމަކީ ކޮންފަަދަ ބޮޑު އަނިޔާއެއްހެއްޔެވެ؟ އެވަރުންވެސް ދެރަވެގެން ރޯހިތެއްނުވިއެވެ.

އަލީސާ ލަވައެއްކިޔާލަން ހުރެ މޫނުދޮވެލާ ދަތްއުގުޅާ ހަދާލައިގެން ކޮޓަރިއަށް ވަދެ ރަތްކުލައިގެ އުއްބައްތިތައް ދިއްލާލައިފިއެވެ. އަލީސާ ހާސްވާންވީ ކޮންކަމަކާހެއްޔެވެ؟ ކައިލަންއަކީ އޭނަގެ މީހެކެވެ. އޭނައަކީ ކައިލަންގެއެވެ. ކައިލަންއަކީ އަންހެންކުދިންނާއި ހެދި ދުވަހަކު އުޅުނު މީހެއްނޫނެވެ. އަލީސާ ރަތްކުލައިގެ ލޭސް ނައިޓީއެއްލައިގެންގޮސް ކައިލަންގެ ގާތުގައި އޮށޯވެލާފައި މަޑުމަޑުން ބައްދާލައިފިއެވެ. ކައިލަން ހޭލާ އޮތްކަމަކަށް ނެހެދުނެވެ. އަލީސާގެ މަޑު ތުންފަތުގެ ހަދިޔާތަކުންވެސް ކައިލަންއަށް އެނގުމެއްނުވިއެވެ.

"ގުޑްނައިޓް ކައި...." އަލީސާ މަޑުމަޑުން ކިޔާލައިފިއެވެ. ނާކާމިޔާބުވުމުން ދެރަވީވަރަށް ވުރެ ބޮޑަށް ލަދުގަތެވެ.

ބަންގީގެ އަޑަށް ކައިލަން ހޭލައިގެން އަވަހަށް ދިޔައީ މިސްކިތަށެވެ. ނަމާދުކޮށްލައިގެން އައިގޮތަށް މޫދަށް އެރިލާފައި ފަތާލުމުން ހަށގަނޑަށް ލުއިވެ ނިކަން އަރާމުވިއެވެ. ގެއަށް އައިއރު އަލީސާ ހުރީ ބިސްގަނޑު އަޅައިގެން ސެންޑްވިޗްވެސް ހަދާލާފައެވެ. ކައިލަން ފާޚާނާއަށް ވަދެފައި ފެންވަރާ ހަދާލައިގެން ނުކުތްތަނާ އަލީސާ ފުންމައިގެން ކޮނޑަށް އެރުމުންވެސް ކައިލަން އުފަލެއްނުވިއެވެ. އޭރު އަލީސާއާއި ކައިލަންގެ ކޯތާފަތްޖެހި ފިތިބާރުވެފައިވާއިރު އަލީސާގެ އިސްތަށިގަނޑުވެސް ކައިލަންގެ މޫނާއި ކަނދުރާއަށް ގޯނާކުރަމުންދިޔައެވެ.

"އަލީސާ، ލަސްވެގެންނޭ މިއުޅެނީ، އަދިވެސް ބޮޑެއްނުވޭތަ؟ ތީކުޑަކުދިން އުޅެވައްތަރު، ދެންވެސް ހަރުވާން އުޅެބަލަ.." ކައިލަން އަލީސާ ސޯފާމައްޗަށް ވައްޓާލަމުން ތެދުވުނުއިރު ސީރިޔަސްގޮތެއް ހުއްޓެވެ.

"ދެޓްމަޗް އައި ނޯ، ނޭގޭ އެއްޗެއް ކައިވެސް ބުނެދޭނެނަމަ، މީހުން ތެރޭ މިހެންނެއް ނޫޅޭނެ ދޯ، ވަން މޯރ ތިންގް....." އަލީސާ ކައިލަންގެ ޓައީ ރަގަޅުކޮށްލަދޭންފަށަމުން ކައިރިން އެފުންދެލޮލަށް ބަލާލައިފިއެވެ. އަޑިނޭގޭފުން ދެލޮލާއި ހަތަރުކަޅިހަމަވެފައި އަލީސާގެ ގައިން ހީބިހި ހަލުވާލައިފިއެވެ. ފިދާވާފަދަ ރީތި މޫނެކެވެ.

"ކައިގެ ހޮސްޕިޓަލުން އަހަންނަށް ޖޮބް ހަމަޖައްސައެއް ނުދެވޭނެތަ؟ ދެމީހުން އެކީގައި ޑިއުޓީހަދަން ކިހާ ފަސޭހަވާނެ...." އަލީސާ ހިނިތުންވެލިއެވެ.

"ރަގަޅަށް އެނގޭނެ އަހަންނަށް އެބާރެއް ނެތްކަން..." ކައިލަން އިށީދެ ކޮފީ ބޯންފެށިއެވެ.

"ބޮޑުމީހާ ސެޑިއުސްކޮށްލާނީ..." އަލީސާ ސަމާސާކޮށްލުމުން ކައިލަން ބުމަގޮށްޖަހާލާފައި ޖަވާބެެއްވެސް ނުދިނެވެ. އަލީސާގެ ހިތަށް ނުބައިގޮތެއްވިއެވެ. ކައިލަން އޭނަދެކެ ފޫހިވާންފެށީހެއްޔެވެ؟ ނޫނެކެވެ. އެހެނެއްނުވާނެއެވެ. ކައިލަންގެ މޫނަށް އަލީސާއަށް ބަލައިލެވުނީ ނިކަން ފުންކޮށެވެ. ދެލިކޮޅެއްފަދަ ދެލޮލުން އަލީސާ ދުވަހަކުވެސް ލޯބީގެ އަސަރެއްނުދެކެއެވެ. އަލީސާ ކައިލަންއާއި ގުޅުނުއިރުވެސް އެކަން ނޭގެނީއެއް ނޫނެވެ. އަލީސާ އޭރުއްސުރެން ވަނީ އަޒުމެއް ކަނޑައަޅާފައެވެ. ކައިލަންގެ ހިތުން ޖާގައެއް ހޯދުމެވެ. އިންސާނަކަށް އަނެއް އިންސާނަކަށް ލޯބިދެވޭނެ އެންމެ މަތިވެރި ދަރަޖައަކަށް ލޯބި ދޭން އަލީސާ ނިންމިއެވެ. އަލީސާ އެހުރިހާ ކަމަކަށް އުއްމީދުކުރިޔަސް ކިޔެވުން ދޫކޮށްލާފައި އަންނާކަށް ބޭނުމެއްނުވިއެވެ. ކައިލަންއަށްޓަކައިވެސް އޭނަގެ ކެރިއަރ ގުރުބާނެއް ނުކުރެވޭނެއެވެ. ލޯތްބަކީ ގިނަފަހަރު މީހާއަށް ކެހިދޭ އެއްޗެކެވެ. އެފަދަ މަޅިއެއްގައި ބެދޭހާ އަލީސާ މޮޔައެއް ނޫނެވެ. ހިތާމައަކީ އޭނަ އެހާ ލޯބިވާން ބޭނުންވާއިރުވެސް ކައިލަން އެބަހައްޓާ ދުރުކަމަކުންނެވެ. ވަކި އިމެއް ކަނޑައަޅާފައިވާއިރު ކައިލަންއާއި ގާތްވެެވޭނީ ކިހިނެއްހެއްޔެވެ؟

ކައިލަން ޑިއުޓީއަށް ދިޔުމުން އަލީސާ މުޅިގެ ސާފުކޮށް މޮޕް ޖަހާ މެންދުރަށް ކެއްކިއެވެ. ހުޅުމާލެއަކީ އާތަނަކަށްވިޔަސް އެހިސާބުގައި ހިނގާލަންދިޔައެވެ. ކައިރީގައި ހުރި ފިހާރައެއް ފެނިފައި އެތަނަށްވަދެ ގެއަށް ބޭނުންވާ ސާމާނުގެ އިތުރުން އަލީސާ ބޭނުންވާނެ އެއްޗެހިވެސް ގަނެލިއެވެ. ކޮތަޅުތައް ގިނަކަމުން ދެއަތުން އުފުލުނީ ހަމަ ކިިރިޔާއެވެ. ކައިލަންއަށް މީރުކަން އެނގޭތީ ޕާސްތާ ހަދައިގެން އިންތިޒާރުގައި ހުރެ ހުރެ ޚަބަރެއްނުވުމުން ގުޅާލިއިރު ފޯނު އޮތީ ނިވާލާފައެވެ. މާޔޫސްވެފައިވާ ހިތަކާއިއެކު ދެލޮލަށް ކަރުނަ އައި ހިނދުކޮޅަކަށްފަހު އަމިއްލަ ނަފުސަށް ވިސްނާދިނެވެ. އުފާވެރިކުއްޖަކަށްވާތީ ނެގަޓިވްކޮށް ވިސްނާކަށް އޭނަ ނޫޅުނެވެ. އުފާވެރިކަން އަބަދުހެން ވަށާލައިގެން ނޫނީ ދުނިޔޭގައި އުޅެން ފަސޭހައެއްނުވާނެއެވެ. ވާހަކަފޮތެއް ހިފައިގެން ޖައްސައިލިގޮތަށް އިރުއިރުކޮޅާ ގަޑިއަށް ބަލައިލެވެއެވެ.

އަލީސާ އެންމެފަހުން ބަނޑުފުރެންދެން ކާލައިގެން އެކަނިި ހިގާލަން ދިޔައެވެ. މީހުން އޭނައަށް ބަލާކަން ރޭކާލީހެނެއް ހިޔެއްނުވެއެވެ. ރީތި އަންހެންކުއްޖަކަށްވެފައި ލައިގެން ހުރި ހެދުން ނިކަން ސްޓައިލިޝްއެވެ. އަލީސާ ގެއަށް އައިއިރުވެސް ކައިލަން އަދި ގެއަށް އައީއެއް ނޫނެވެ. އިރުއޮއްސި އަނދިރިވުމުން ރީދޫ ބޮކިތަކެއް ޖައްސާލައިގެން ސިިޓިންރޫމްގެ ސޯފާއެއްގައި ޖައްސާލިގޮތަށް އިންދާ ކައިލަން ބެލްޖެހިއެވެ.

"ކައި، ޕާސްތާ ހަދާފައި އެބަހުރި...." އަލީސާ ހެވިލާފައި ހުރެ ތެދުވުނެވެ.

"މިއުޅެނީ ބޭރަށް ދާންވެގެން، މިރޭ ނުކެވޭނެ، ޕޭޝަންޓެއްގެ ސެޝަނަކަށް ދާންޖެހޭ...." ކައިލަން ކޮޓަރިއާއި ދިމާލަށް މިސްރާބުޖެހިއެވެ. އޭނަ އެއައީމޫދުންކަން އެނގުނީ ޖިންސާއި ޓީޝާޓް ތެމިފައި ހުރީމައެވެ. ގޮސް ބައްދައިލެވުމުން ތުންފަތުގައި ލޮނުރަހަ ދިނެވެ. އެހަށިގަނޑުގެ ހޫނުކަން ތެތް އަންނައުނުގެ ތެރެއިންވެސް އިހުސާސްކުރެވި އަލީސާގެ ގައިގާ ހީލިކެރުވުމެއް އުފެދި މުޅިހަށިގަނޑަށް އެ އަސަރު ފެތުރިގެން ދިޔައެވެ.

"މިހާރަކު ނޫން، އަހަންނަށް ޓައިމްއެއްނެތް...." ކައިލަން ކޮންމެފަހަރަކު އޭނަ ރިޖެކްޓްކޮށްލާނީ ހެއްޔެވެ؟ މިދެނީ ކޮންކަމެއްގެ އަދަބުބާވައެވެ. ބުނެލާނެނަމައެވެ.

"އޯކޭ ހަނީ، މިރޭ ނިދަން ގެއަށް އަންނާނަންތަ؟ " އަލީސާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ.

"ކީއްވެ ނާންނަންވީ؟ "ކައިލަންވެސް ކުރީ ސުވާލެކެވެ.

"ނޭގޭ...." އަލީސާ ދެރަވި މޮޅިވެރިވެ މޫނަށް އެރި ކުލަވަރު ދެކެފައި ކައިލަންގެ ހިތަށް ހަމްދަރުދީވެ ޚިޔާލުބަދަލުވާން އުޅުނެވެ. "ކައި ކީއްވެ އަބަދު ރުޅިއައިސްފައި ތިހުންނަނީ؟ " ބަސްނާހައިގެން މަންމައަކު އަޑުލާފައިވާ ކުއްޖެއްހެން ނިކަމެތިވެލާފައި އަލީސާ ސުވާލުކޮށްލިއިރު އެމޫނަށް ރަތްކުލަ ވެރިވެފައިވެއެވެ.

"ރުޅިއަންނަކަމެއް އަދި ނުވެއެއްނު، އަހަރެން ބުނެފިންދޯ ބިޒީވާހަކަ، އެކަމަކު ލީސްއަކަށް އަޑެއްނީވޭ....." ކައިލަން ތަންކޮޅެއް މައިތިރިވެލާފައި އާއްމުކޮށް ކިޔާ އުޅޭނަމުން ގޮވާލުމުން އަލީސާގެ ހިތުގައި ގަނޑުފެނުން ފިރުމާލިހެން ހީވިއެވެ. ބުނާ ބަހަކުންވެސް ހިތަށް ހާދަވަރަކަށް އުފާވެރިކަން އިހުސާސްކޮށްލަދެއެވެ. ކައިލަން ކޮޓަރިއަށް ވަނީ ދޮރުލައްޕާނުލައެވެ. އަލީސާއަކަށް ފަހަތުން ދާކަށް ނުކެރުނެވެ.

އެރޭވެސް ކައިލަން ގެއަށް އައީ ދަންވަރު އެކެއްޖަހަނިކޮށެވެ. އަލީސާއޮތީ ނުނިދިފައެވެ. ކައިލަން އައުމުން ނިދާކަމަށް ހެދުނީއެވެ. ކައިލަން އުޅޭގޮތުން ޝައްކުކުރެވުނަސް ހެއްކެއްނެތެވެ. އަންހެންކުއްޖެއްގެ ކާރިއަށް ދާކަމުގެ ހެއްކެއްނެތެވެ. ހެދުނު ތެދުވެ ލައިގެން ހުރި ޓީޝާޓުގައި އަންހެން ސެންޓުވަހެއް ދުވާތޯ ބަލައިލާނީއެވެ. މިކަހަލަ ޝައްކުކުރާކަށް ނުވާނެއެވެ. ކައިލަން އެހާ ނުބަޔެއްނުވާނެއެވެ.

ކައިލަން ފާޚާނާގައި ހުއްޓާ ފޯނު ރިންގްވާންފެށުމުން އަލީސާ ވިސްނާލާފައި ފޯނުނެގިއެވެ. ޒީގެ ނަމުގައި އޮތީ އަންހެންކުއްޖެއް ނޫންކަން އެނގެނީ ކާކަށްހެއްޔެވެ؟ ކައިލަންއާއިމެދު ދުވަހަކު ޝައްކުނުކުރަން ނިންމައިގެންހުރި ކުއްޖާގެ ހިތްވަނީ ވަހުމާއި ޝައްކުގެ އަސީރަކަށްވެފައެވެ.

"ކައި، މަންމަ މާ ސަކަރާތްވެގެން އުޅެނީ، ދަންޖެހެންވެގެން ވާގަނޑު އައްސައިގެން އުޅެނިކޮށް އަހަންނަށް ގެއަށް އާދެވުނީ ޕްލީޒް ހެލްޕް ހާރ......"އެއީ ކައިލަންގެ އެކުވެރި ޒާޔަލްގެ އަޑުކަން އަލީސާއަށް ޔަގީންވިއެވެ.

"އަމިއްލައަށް މަރުވެގެން ނަރަކައަށް ފުންމާލަންދެން ބެހެއްޓިނަމަ އެއްޗެއް ވިސްނޭނެއްނު، އަލިފާނުގެ ހޫނުކަން ނޭގޭތީތަ މޮޔަވަނީ؟ ހެލްޕްވާނެކަމެއްނެތް، މަރުވަންދެން ބާއްވާ........." އަލީސާ އަޑުބަދަލުކޮށްލާފައި ފިރިހެން ހެދެން މަސައްކަތްކުރިއެވެ.

"ވަޓް....." ޒާޔަލް ހައިރާންވިއެވެ.

"މިބުނީނު، ޓްރަސްޓްމީ، އެހެން މީހުންގެ އެޓެންޝަން ހޯދަން ކުރާހާކަންތައް، އޭ، އަދި މަ ބުނާކަމެއް ކޮށްބަލަ، މަންމައަށް ގިނަގިނައިން ކާންދީފައި ފަލަކޮށްލަން ކެރޭނެތަ؟ އޭރުން ވާގަނޑު އައްސާލާއިރަށް ފަންކާ ބިންދައިގެން އަންނާނީ...." އަލީސާ ގިނަގަޑީގައި ހުންނާނީ ސަމާސާ މޫޑެއްގައެވެ. ހިތް ހަލާކުވެގެންދިޔަސް އެހެންމީހަކަށް އޭނަ އެބައި ދައްކައެއް ނުލާނެއެވެ. ޒާޔަލް ރުޅިއައިސްގެން އެއްޗެކޭ ކިޔާލާފައި ފޯނު ބޭއްވުމުން އަލީސާ ހިނިއައެވެ. މީހަކު ކިތަންމެ ސީރިޔަސްވާ ދަނޑިވަޅެއްގައިވެސް ސީރިޔަސްވާކަށް އޭނައަކަށް ނޭގެއެވެ.

ކައިލަން ކޫލްކޮޓެޖަށް އައުމުން މަންމަގެ ސުވާލުތައް އަމާޒުވިއެވެ. ހުޅުމާލޭގައި ނިދަން އޮންނަތަނެއް އޮޅުން ފިލުވަން އުޅުނެވެ. ކައިލަން އަލީސާގެ ވާހަކަ މަންމަ ގާތުގައި ބުނާކަށް ބޭނުމެއްނުވިއެވެ. އެހާ ސިއްރުން ކުރާކަމެއް އެހެން މީހަކަށް އެނގިގެން މުޅި ރަށުގައި އެވާހަކަ ދެކެވޭކަށްވެސް އޭނަ ނޭދެއެވެ. ރުޚުސާނާގެ އެކުވެރިންނަށް ދާންދެން ކައިލަން ފެނިގެން އޭނައާއި މާ ރުހިގެން ދަނބިދަރިންނަށް ހަދަން ބޭނުންވާއިރު މަޝްއަލް އެހެރީ ބާކީވެފައެވެ. އެކަމާއިހުރެ ރުޚުސާނާގެ ރުޅި އެއްފަހަރުވެސް ފިނިވާކަމަކަށް ނުވެއެވެ. މަޝްއަލްގާތު ކައިލަންއާއި އެއްފެންވަރަކަށް އުޅެން އާދޭސްކޮށްފައި ވާހަކަަދައްކަން ފެށިއެވެ. މަޝްއަލް ދެނީ ބީރުކަންފަތެކެވެ. އޭނަ ކޮންމެހެން އެހާވަރުން އެހެންމީހުންގެ ލޯތްބާއި ތައުރީފު ހޯދަން ބޭނުން ނުވާކަމުގަޔާއި އޭނަގެ ދުނިޔެ އޭނައަށް އެންމެ ރަގަޅުކަމުގައި ބުނުމުން ރުޚުސާނާގެ އަތުގެ ހޫނު އެތިފަހަރެއް މަޝްއަލްގެ މޫނަށް އެރިއެވެ. މަޝްއަލް ރުޅިއައިސް ރަތްވެފައި ހުރެ ވަގުތުން ގެއިން ނުކުމެގެން ދިޔައީއެވެ.

ރާހިލް ކޯކްތަށްޓެއް ހިފައިގެން ޓެރެސްއަށް އެރިއެވެ. ފިނިދުވަހެއް ނަމަވެސް އޭނަގެ އެތެރެހަށީގައި ރޯވެފައިވާ އަލިފާން ނިއްވާލާނެގޮތެއް އޭނަ މިހިރީ ނޭގިފައެވެ. އުޑުވަނީ އަޅިިވިލާތަކުން ފުރިފައެވެ. އެކަމަކު ވިލާތަކުގެ ތެރެއިން އިރު ދައްކާލަން އުޅޭހެން ހީވެއެވެ. ރާހިލްވެސް ބޭނުމީ އޭނަގެ ކަޅު މާޒީގެތެރެއިން ނުކުމެ އާ ހަޔާތެއް ފެށުމެވެ. އެހިސާބަށް އައިއިރު ހިތަށް ވެރިވެފައިވަނީ އެންމެ އަންނަން ނުޖެހޭ އަންހެންކުއްޖާއެވެ. އެކަން ކުރަން އުދަގޫވެފައިވާ ސަބަބުތައް މަދެއްނޫނެވެ. ރާހިލް ވިސްނުމެއްގެ ތެރޭގައި ހުއްޓާ ފިޔަވަޅުތަކެއްގެ އަޑު އިވިގެން ބަލައިލިއިރު އެއީ އަނާއެވެ. ރާހިލްގެ ހިތް ހުއްޓޭހާ އެކުއްޖާ ރީއްޗެވެ.

"ކަމް ހިއަރ....އަނާ....." ރާހިލް ތަންކޮޅެއް އަމުރުވެރިކޮށް ބުނެލުމުން އަނާ ދާން އެނބުރިލާފައިވެސް ފިޔަވަޅުތައް މަޑުކޮށްލިއެވެ. ރާހިލްދެކެ އޭނަ ޖެހިލުންވެއެވެ. ބިރުވެސް ގަނޭމެއެވެ.

"ވަރަށް މުހިއްމު ވާހަކައެއް ދައްކާލަން އެބައޮތް..." ރާހިލް ގަނޑުފެންކޮޅުތައް ވިދަވިދާހުރި ކޯކުން ކޯވަރެއް ދަމާލާފައި އައިސް ހުއްޓުނީ އަނާއާއި ދާދިގާތުގައެވެ.

"މިހާރު އަނާގެ ޝްރިންކް ނާންނަނީ ކީއްވެތަ؟ އޭނަވެސް ފެޑްއަޕްވީތަ؟ "ރާހިލް މަލާމާތުގެ ފާޑަކަަށް ހީލިއެވެ. ކައިލަންއާއި ކޮންމެވެސް ވަރަކަށް އަނގައިން ބުނެ އެކީގައި ކުޅިވަރު ކުޅެ ހެދިކަމުގައިވިޔަސް އެހިތުގައިވަނީ އޭނައަށްޓަކައި ބުނަން ނޭގޭފަދަ ޖަޒުބާތުތަކެވެ. ކައިލަން މިގޭގެ ހަތަރުފާރުން އެތެރެވާކަށް ރާހިލްގެ ހިތް ނޭދެއެވެ.

ކައިލަންގެ ނަން އަޑުއިވުމުންވެސް އަނާގެ މޫނަށް ތަފާތު ކުލައެއްވެރިވިތަން ރާހިލްއަށް ފެނުނެވެ. އެނަމުން އެކަނިވެސް އަނާގެ ޖަޒުބާތުތަކާއި ކުޅެލެވެނީއެވެ. ކައިލަންގެ ނަމުގައިވެސް ޖާދޫއެއްވަނީ ހެއްޔެވެ؟ ރާހިލްއަށް ބާރުކޮށްލެވުނީ އަތުގައިވާ ތުނި ބިއްލޫރިތަށްޓަށެވެ. އެއަތުގެތެރޭގައި ދިރޭފުރާނައެއްވާނަމަ ނެތިގެން ދިޔައީސްކަން ޔަގީނެވެ. އެއްފަރާތުގައި ތަށި ބަހައްޓާފައި މުށްކަވައިލެވުނު އަތް ޖަހައިލެވުނީ ޖިންސްގެ ޖީބަށެވެ.

"އަނާ، އަނެއްކާ ޝްރިންކްދެކެ ލޯބިވާން ފެށީތަ؟ " ރާހިލްގެ ލޮލުން ފެނުނީ ނުރުހުމުގެ ކުލަވަރެވެ. އަނާދެންވެސް ޚިޔާރުކުރީ ހިމޭންކަމެވެ.

"އަހަރެން ބުނެފާނަން ވާހަކައެއް، އަނާއަށްވެސް އަދި މިކަން އެނގޭހެން ހިޔެއްނުވޭ، އަނާއަށް ޓްރީޓްކުރާށޭ ކިޔާފައި އޭނަ މިގެއަށް އަންނަނީ އެހެން ނިޔަތެއްގައިކަން އަހަންނަށް ޔަގީންވާތީ މިހެން މިބުނީ، އޭނަގެ ދަލުގައި ޖައްސާފައިވަނީ މިފަދަ ކިތަން އަންހެންކުދިންނެއްކަމެއްވެސް ނޭގޭ، ތަނަކުން މީހަކު ފެންނައިރަށް އަނާވެސް ހިތާވާން ޖެހޭތަ؟ ޔޫ ޝުޑް ބީ އެޝޭމްޑް އޮފް ޔޯރސެލްފް އަނާ، އެނގޭތަ މިބުނަން އުޅޭ އެއްޗެއް...." ރާހިލްގެ ވާހަކަތައް ނުވިސްނިފައި ހުރި އަނާ ރާހިލްގެ މޫނަށް ބަލައިލީ އެކައްޗެއްވެސް އޭނައަށް ނުވިސްނެއޭ ބުނާފަަދަ ގޮތަކަށެވެ.

"އެއްފަރާތުން ވާހަކަދެއްކީމަ ދެން ހުންނަ މީހާ ބޯހަލާކުވާނެ، އެގޮތަށް އެއްފަރާތުން ވެވޭ ލޯބީގެ ނަތީޖާވެސް ރަގަޅެއްނުވާނެ، އަނާ ތިގޮތަށް ކައިލަން ވަރެއްނެތިގެން އުޅުނަސް އޭނައެއް ނުލިބޭނެ، އަނާ، ހީޒް މެރީޑް...." ރާހިލްގެ ޖުމްލައިން ހީވީ އަނާގެ ހިތުގައި އެއްޗެއް ގޮވާ ކުދިކުދިވެެގެން ލޭ އޮހިގަތްހެންނެވެ. ދުވަހަކު އެހާ ފުންއަސަރެއް އެހިތަށް ކުރިކަމެއް ނޭގެއެވެ. ދެލޮލަށް ބޮޑެތި ކަރުނަތިކިތައް ޖަމާވާން ސިކުންކޮޅެއްވެސް ނުނެގިއެވެ. ރާހިލްގެ ހިތަށްވެސް ލިބުނީ ފުން އަނިޔާއެކެވެ. އަނާ މިގޮތަށް އެހެން ފިރިހެނަކަށްޓަކައި އޭނަގެ ކުރިމަތީގައި ހުރެގެން ރޮއިފާނެކަމަކަށް އޭނަ ހީކޮށްފައެއްނެތެވެ.

"އަނާ، ލަދެއްނުގަނޭތަ ތިގޮތަށް އެމީހާއަށްޓަކައި ކަރުނަ އޮއްސަން، އިމޭޖިންކޮށްބަލަ، މިވަގުތުވެސް އެއަންހެނާއާއިއެކު އެނދުމަތީގައި ކުރާނެކަމެއް ހިތަށް އަރުވާ...... "ރާހިލްގެ ވާހަކަތަކުން އަނާއަށް ޝޮކެއްލިބުނެވެ. ބޭބެއަކަށްވެހުރެ މިކަހަލަ ވާހަކަތަކެއް ދައްކަން ރާހިލް ލަދުނުގަންނަނީހެއްޔެވެ؟ދެބެންގެދެދަރި ކައިވެނި އިސްލާމްދީނުގައި ހުއްދަކަން އަނާއަށް އެނގެއެވެ. އެއީ ބޭބެމެންކަމުގައި ދެކިގެން އެމީހުންނާއިއެކު ހަގީީގީ ބޭބެއެއްގެ ގުޅުމެއް ނުވެސް ބޭއްވޭނެއެވެ. އެމީހުންގެ ކުރިމަތީގައި އުޅެންވާނީ ނިވާވެގެންނެވެ. އަނާ ހަނދާން ހުންނަން ފެށީއްސުރެން މަންމަމެންވަނީ ރާހިލްއަކީ ދެބެންގެ ދެދަރި ބޭބެއެއްކަން އަންގާދީފައެވެ. ރާހިލްގެ ހަގީގީ މައިންބަފައިން ރާހިލްއަށް އޮޅުވާލާކަށް އެމީހުން ދުވަހަކުވެސް ބޭނުމެއްނުވެއެވެ. ރާހިލް މުހައްމަދު ޔަޒީދު އަދި އަނާ އަހުމަދު ޔަޒީދު އޮތަސް ގިނަމީހުންނަށް ނަމުގެ ތަފާތެއް އޮންނަކަން ނުދަތުން އެއީ އެހެން ވާހަކައެކެވެ. އަދި ރާހިލްގެ ހަގީގަތް އާއިލާއިން ބޭރުފަރާތްތަކަށް އެންގުންވެސް އެމީހުންނަށް މުހިއްމެއްނޫނެވެ.

"އަނާ، މިއަދަށްފަހު ކައިލަންއާއި ވާހަކަދައްކައިގެން ނުވާނެ.." ރާހިލް ކުއްލިއަކަށް އަނާގެ އަތުގައި ހިފާފައި އޭނައާއި ދިމާލަށް އަނބުރުވާލައިފިއެވެ. އަނާގެ އަތަށް ތަދުވިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު