ސަރުކާރާ ގުޅިގެން މަސައްކަތްކުރަން މަގޫދޫގެ ރައްޔިތުންނަށް ސިޔާމް ގޮވާލައްވައިފި

ފ. މަގޫދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވާހަކަފުޅުދައްކަވަނީ -- ސަން ފޮޓޯ: އާދަމް ނަޒީރު

ރަށުގެ ތަރައްގީގެ މަޝްރޫއުތައް ސަރުކާރާ ގުޅިގެން ކުރިއަށް ގެންދިއުމަށް ފ. މަގޫދޫގެ ރައްޔިތުންނަށް، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ގޮވާލައްވައިފިއެވެ.

މަގޫދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ، އަދުގެ ސަރުކާރުން ބޭނުން ވަނީ އޯގާތެރިކަމާއި ފުރިހަމަކަމާއި އެކު ރައްޔިތުން އެދޭ ގޮތަކަށް އަދި ރައްޔިތުންނާ ކައިރިން ހިދުމަތް ދިނުމަށް ކަމަށެވެ. އަދި މިސަރުކާރަކީ ވަކި ބަޔަކަށް ވީމަ އެބަޔަކަށް އަނިޔާ ކުރާ ސަރުކާރެއް ނޫން ކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ، މިއަދުގެ ސަރުކާރަށް ތާއީދު ނުކުރެއޭ ކިޔާފައި އެފަރާތްތަކަށް އަނިޔާވެރިވާން ބޭނުން ނުވާ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ބިލެތްދޫ ދާއިރާގެ މެމްބަރު މުބީން، މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު ސިޔާމް ސަލާމް ކުރައްވަނީ: ސަން ފޮޓޯ/ އާދަމް ނަޒީރު

"އަޅުގަނޑުމެންނަށް ތަބާވާ އަދި އަޅުގަނޑުމެންނަށް ތާއީދު ކުރާ ފަރާތްތަކަށް ޝައްކެއް ނެތް، އެބަޔަކަށް ލޯބި ވަރަށް ބޮޑަށް އިތުރުވެގެން ދާނެ. އަޅުގަނޑުމެންގެ ރާއްޖޭގެ މިއަދުގެ އޯގާތެރި ސަރުކާރު... ހަގީގަތުގައި ވެސް މިއަދު ރާއްޖޭގައި މިއޮތީ އޯގާތެރި ސަރުކާރެއް. އަޅުގަނޑުމެން އެބަ ގަބޫލުކުރަންޖެހޭ މިއީ ހަގީގަތް ކަމަށް. އެހެންވީމަ ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމުން ރަށަށް ތަރައްގީ އަންނާނެ،" ސިޔާމް ވިދާޅުވިއެވެ.

މިއަދުގެ އެރަސްމިއްޔާތުގައި ސިޔާމް ވަނީ އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން އެމްޑީޕީއަކީ ފިކުރެއް ނޫން ކަމަށާއި ފިކުރަކީ ރައްޔިތުންނަށް ގެނެސްދޭ ތަރައްގީ ކަމަށް އޭނާ ވިދާޅުވިއެވެ.

މަގޫދޫގައި ހަދާ ބަނދަރަކީ ފުޅާ މިނުގައި 250 ފޫޓު ހުރި ބަނދަރެެކެވެ. އަދި މި ބަނދަރު އެމްޓީސީސީއާ ހަވާލުކުރީ 40.1 މިލިއަން ދިވެހި ރުފިޔާ އަށެވެ.

އެމްޓީސީސީން ބުނީ، މަގޫދޫ ބަނދަރުގެ މަސައްކަތް މިއަދު އަމަލީ ގޮތުން ފަށާފައިވާއިރު އެ ބަނދަރު، 351 ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

މަގޫދޫ އަކީ ފ. އަތޮޅުގައި ވެސް ބަނދަރެއް ނެތް ހަމައެކަނި ރަށެވެ.

comment ކޮމެންޓް