ފޮޓޯއަކުން ގެއްލުނު ހަޔާތް، އިބުރަތަކަށް ފުދޭ!

ދާދި ފަހުގެ ހާދިސާއެކެވެ. އެއީ މާލޭގެ ދެމަފިރިއެއްގެ ހަމަ އެކަނި ހުރި ދަރިއެވެ. އުމުރުން 23 އަހަރުގެ އެ އަންހެން ކުއްޖާއަކީ މަތީ ތައުލީމް ހާސިލް ކޮށްފައިވާ ޒުވާނެކެވެ. ތަހުޒީބީ ދިރިއުޅުމުގެ ތެރެއިން މުސްތަގުބަލަކަށް ވިސްނި ޒުވާނެކެވެ. ތައުލީމީ ހަޔާތަށް ފަހު ދެން އޭނާ އަވަސްވެގަތީ ހަޔާތުގެ ބައިވެރިއެއް އިހުތިޔާރު ކުރުމަށެވެ. އެގޮތުން ހަޔާތުގެ ބައިވެރިއަކު ހޯދި އެވެ. އެ ފިރިހެން ކުއްޖާއާ އެކު ހޭދަކުރެވުނު ފުރަތަމަ ބައްދަލުވުމުގައި ނުކިއްސަރު ދެ ތިން ފޮޓޯއެއް ފިރިހެން ކުއްޖާގެ ފޯނުން ނެގި އެވެ. ލޯބީގެ ދަޅަދައްކައިގެންނެވެ.

އެލޯބީގެ ގުޅުމަށް މާގިނަ ދުވަހެއް ނުވެ އެވެ. ފިރިހެން ކުއްޖާގެ އަހުލާގު ބަދަލުވެއްޖެ އެވެ. މަސްތުގެ ޝިކާރައަކަށެވެ. މާލެއަށް ނިސްބަތްވާ އެފިރިހެން ކުއްޖާގެ މުޅި ހަޔާތް، ފައިސާ ހޯދައިގެން މަސްތުވުމަށް ބަދަލުކޮށްލައިފި އެވެ. އެކަމަށް އޭނާ އަތުގައި ހުރި ހަރުމުދާތައް ވެސް ވިއްކައިފި އެވެ. އެއަށް ފަހު ފައިސާ ލިބޭނެ ގޮތެއް ނެތުމުން ފައިސާ ހޯދުމަށް ދެން އިހުތިޔާރު ކުރީ އަންހެން ކުއްޖާ އެވެ. އަންހެން ކުއްޖާ "ބްލެކްމެއިލް" ކުރުމެވެ. އެކަމަށް ބޭނުންކުރި ވަސީލަތަކީ އެދެމީހުންގެ ފުރަތަމަ ބައްދަލުވުމުގައި ނެގި އެއްކަލަ ދެތިން ފޮޓޯގަނޑެވެ.

ފޮޓޯ ލީކް ކޮށްލާނެ ކަމުގެ ބިރުދައްކައިގެން އެ ޒުވާން އަންހެން ކުއްޖާ ލައްވައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުވި އެވެ. އެއަށް ފަހު މަސްތުވާތަކެތި ގަދަކަމުން ދިނީ އެވެ. އެވަރުން ނުވެގެން އަންހެން ކުއްޖާ ބޭޒާރުކުރާނެ ކަމުގެ ބިރުދައްކައިގެން އެކުއްޖާގެ މައިންބަފައިގެން އަތުން ލައްކައިން ފައިސާ އަތުލި އެވެ. އެވަރުން ވެސް ނުވެގެން އަންހެން ކުއްޖާ ލައްވައި ހަށި ވިއްކުވީ ވެސް ހަމަ ފައިސާ ހޯދުމަށެވެ. ނަތީޖާއަކަށްވެފައި ވަނީ އެ އަންހެން ކުއްޖާ މިއަދު އޮތީ ކައިވެނިން ބޭރުން ވިހައިގެންނެވެ. ކާކުގެ ދަރިއެއް ކަމެއް ބުނާކަށް އަންހެން ކުއްޖާއަށް ވެސް ނޭނގެ އެވެ. އެ އަމަލު ހިންގި ފިރިހެން މީހާ މިއަދު ހުރީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް އަންހެން ކުއްޖާގެ ދިރިއުޅުން އެވަނީ ފުނޑުފުނޑުވެފަ އެވެ.

"އެއީ ފުރަތަމަ ދިމާވި ދުވަހު ނެގުނު ފޮޓޯގެ ސަބަބުން ދިމާވިގޮތް. އެ ތައުލީމީ އަންހެން ކުއްޖާގެ މުޅި ދިރިއުޅުން ފުނޑުފުނޑުވީ އެ ފޮޓޯއެއްގެ ސަބަބުން،" ކަމާ ބެހޭ މަސްދަރަކުން މައުލޫމާތު ދެމުން ވިދާޅުވި އެވެ.

އެއީ ޒުވާން އެންމެ އަންހެން ކުއްޖެއްގެ ދިރިއުޅުން ފުނޑުފުނޑިވި ހާދިސާ އެވެ. ހަގީގަތަކީ އެފަދަ އެތައް ކަމެއް މިއަދު މި މުޖުތަމައުގައި ހިނގަމުން އަންނަ ކަމެވެ. ލޯބީގެ ޖަޒުބާތުގައި މާ "ކޫލް" ވެގެން ކުރެވިފައިވާ އެފަދަ ވިޔާނުދާ އެތައް ކަމެއް ބޭނުންކޮށްގެން އެތައް ޖިންސުއްލަތީފުންނެއް ވަނީ ބްލެކްމެއިލް ކުރެވިފަ އެވެ. ތިމާ އަމިއްލައަށް ރުހިގެން ކުރި އެ ވިޔާނުދާ އަމަލުތަކުގެ ނަތީޖާއެއްގެ ގޮތުން ދިރިއުޅުން މަތިން މިއަދު މިވަނީ ފޫހިވެފަ އެވެ. މާޔޫސީ ހިތްދަތި އެތައް ދުވަހެއް ތަހައްމަލް ކުރަންޖެހިފަ އެވެ. އަބުރު ކަތިލެވި މުޅި ދުނިޔެއަށް ބޭޒާރުވެފަ އެވެ.

"ފުރާވަރަށް އަރަމުން އަންނަ ކުދިން، ހާއްސަކޮށް އަންހެން ކުދިންގެ ތެރޭގައި ލޯބިވެގެން ގޮސް އަނެއް މީހާ ބުނާ ހުރިހާ ކަމެއް އެބަ ކޮށްދެވޭ. މިސާލަކަށް ދެމީހުން އެކަހެރިވާ ވަގުތެއްގައި ފޮޓޯއެއް ނެގިދާނެ. ސެލްފީއެއް ނެގިދާނެ. އޭތި ހަމަ ބުރައިބް ކޮށްފާނެ. އެހެން ނަގާ ފޮޓޯއެއް މާނަ ކުރެވިދާނެ އެކަހެރި ގޮތަކަށް، ނުވަތަ އެނޫން ގޮތަކަށް ވެސް މާނަ ކުރެވިދާނެ. އެހެން ކަމުން އަޅުގަނޑުމެން އަމިއްލަ ނަފްސާ ދޭތެރޭ ވިސްނަން އެބަޖެހޭ،" ޖެންޑާ މިނިސްޓްރީގެ ސީއީއޯ އައިމިނަތު އީނާސް ވިދާޅުވި އެވެ.

ބްލެކްމެއިލްގެ ޝިކާރައަކަށް އެތައް ކުއްޖަކު ވެ އެކުދިންގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާ އިރު، އާންމުގޮތެއްގައި ބްލެކްމެއިލް ކުރަން ބޭނުންކުރަނީ ލޯބީގެ އަވާމެންދުރުގައި ޖެހި ނެގިފައި ހުންނަ ވިޔާނުދާ ފޮޓޯތަކާއި ވީޑިއޯ ތަކެވެ. އަނެއް ބައި ފަހަރު ބައެއް "ޗެޓް ކޮންވަޒޭޝަން"ތަކެވެ. މިފަދަ ކަންކަމުގައި ގިނައިން ބްލެކްމެއިލް ކުރެވިފައިވަނީ އަންހެން ކުދިންނެވެ.

އެފަދަ ފޮޓޯތައް އަމިއްލައަށް ނަގާއިރު އެއީ ދީނީ ގޮތުން ވެސް ބޮޑު ފާފައެކެވެ. ހަމައެއާ އެކު އެއީ ގާނޫނީ ބޮޑު ކުށެކެވެ. އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާ އެފަދަ ފޮޓޯތަކާއި ވީޑިއޯތައް ނަގާ ފަރާތްތަކުގެ މައްޗަށް ކުރެވެ އެވެ. އެއީ އެއް އަހަރަށް ވުރެ ދިގު ޖަލު ހުކުމް އަންނަ ކުށެކެވެ. ހަމަ އެހެންމެ އެފަދަ ފޮޓޯއާއި ވީޑިއޯތައް ވެފައެވަނީ އަމިއްލައަކަށް މުޅި ދިރިއުޅުން ކަށިކުނބުރު ޖަންގައްޔަކަށް ވައްޓާލެވޭ ސަބަބަކަށެވެ.

އެފަދަ ތަކެތި ފިރިހެން ކުއްޖެއްގެ އަތްމައްޗަށް އެރުމުން އެތައް ގޮތަކުން އަންހެން ކުއްޖާއަށް މަޖުބޫރު ކުރެ އެވެ. ބައެއް ފަހަރު ކައިވެނި ކުރަން މަޖުބޫރު ކުރަނީ އެވެ. އަނެއް ބައިފަހަރު ރުޅިނުވެ އަބަދު އެކުގައި އުޅުމަށް މަޖުބޫރުކުރަނީ އެވެ. އާންމުގޮތެއްގައި ޖިންސީ އުފާތައް ހޯދުމަށް އަންހެން ކުއްޖާއަށް މަޖުބޫރު ކުރުމަށް އެފަދަ ތަކެތި ލީކްކުރާނެ ކަމަށް ބުނެ ބިރުދައްކަ އެވެ. އަދި އަންހެން ކުދިން ލައްވައި ފައިސާ ހޯދުމަށްވެސް މަޖުބޫރުކުރެ އެވެ. ހީވެސް ނުކުރާފަދަ އެތައް އަމަލެއް އަންހެން ކުދިންގެ ފަރާތުން ފެންނަ އިރު، ގިނަފަހު އޭގެ ފަހަތުގައި ފޮރުވިފައިވާ ސިއްރަކީ ބްލެކްމެއިލެވެ.

"އޭނަ ގުޅާނެ، ދެން މަގުމަތިން ހިނގާފައި ދާއިރު ހިފަހައްޓައި ބިރުދައްކާނެ. ބުނާނެ މިވެނި ކޮޓަރިއަކަށް އަންނާށޭ، ނޫނީ ބުނާކަމެއް ކުރާށޭ. އަދި ބައެއް ފަހަރު ފައިސާ ހޯދަންވެސް ބުނާނެ. އެކަންކަން ނުކޮށްދީފި ނަމަ ލީކް ކޮށްލާނެ ކަމަށް ބުނަނީ. ދެން މަޖުބޫރުވޭ ކޮށްދޭން،" އެފަދަ ހާދިސާއެއް މިއަދުވެސް ތަހައްމަލުކުރަމުން އަންނަ ޒުވާން އަންހެން ކުއްޖަކު ރޮމުން ކިޔައިދިނެވެ.

އެފަދަ ހާދިސާތަކުގެ ސަބަބުން އެތައް ކުދިންނެއްގެ ދިރިއުޅުން ފުނޑުފުނޑުވެފައިވެ އެވެ. އަދި އެތައް ކުދިންނެއް އެވަނީ އެކަމުގެ މަގުމަތީގަ އެވެ. އެފަދަ ހާދިސާތަކުގެ ސަބަބުން ޒުވާން އެތައް ކުދިންނެއްގެ އޮމާން ދިރިއުޅުން ހަލަބޮލި ވެފައިވެ އެވެ. މުޅި ދިރިއުޅުން މަތިން ފޫހިވެ ނަފްސާނީ އެތައް ކަމެއް ދިމާވެފައި އެބަހުއްޓެވެ. މިއީ އެތައް ކުދިންނެއްގެ ދިރިއުޅުން ވިއްސިވިހާލިވާ ކަމެކެވެ.

"ދެން ނޭނގެ ބުނެދޭކަށް. މުޅި ސިނކުޑި ސުމަކަށް ދާވަރުވޭ. ހެސްކިޔާފަ ރުޅިގަދަވޭ. ކަމެއް ކުރާހިތެއްނުވޭ، ދުނިޔޭގައި އުޅޭހިތްނުވާ ހިސާބަށް ކަންކަން ދޭ. ދެން އެކަހަލަ ކަންކަން ނުކެރޭ އާއިލާއާ ހިއްސާކުރާކަށް ވެސް،" ބްލެކްމެއިލް މަޅީގައި ރަނގަޅަށް ބެދިފައިވާ ޒުވާން އަންހެން ކުއްޖަކު ބުންޏެވެ.

އެފަދަ ކަންކަން ކުރިމަތިވެފައިވާ ފަރާތްތަކަށް ޖެންޑާ މިނިސްޓްރީގެ ސީއީއޯ އީނާޒް ދެއްވާ ނަސޭހަތަކީ ލަސްނުކޮށް ކަމާ ބެހޭ ފަރާތްތަކަށް މައްސަލަ ހުށަހެޅުމެވެ. އެގޮތުން ފުލުހުންނަށް ނުވަތަ ޖެންޑާ މިނިސްޓްރީ އަށް ވެސް އެފަދަ މައްސަލަތައް ހުށަހެޅޭނެ ކަމަށާއި އޭރުން އެފަދަ ކަންކަން ދިމާވެފައިވާ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށް އީނާޒު ވިދާޅުވި އެވެ.

"ޕޮލިހަށް ވެސް އެނގޭނެ، ޖެންޑާއަށް ވެސް އެނގޭނެ. އެގޮތަށް ހުށަހަޅާއިރު ވަރަށް މުހިންމު އޭގައި އެއޮންނަ ކޮންވެޒޭޝަން ޗެޓް ސޭވް ކުރުން. މީގަ ހުންނެތާ ބްލެކްމެއިލް ކުރާނަމޭ ކިޔާފަ ހުންނަ ޗެޓްލޮގްސް،" އީނާސް ވިދާޅުވި އެވެ.

ފުލުހުސް އޮފިޝަލަކު ވިދާޅުވީ، އެފަދަ މައްސަލައެއް ވާނަމަ 119 އަކަށް ފޯނުކޮށްގެން ވެސް ނުވަތަ ފުލުހުންގެ އިދާރާއަކަށް އައިސް މައްސަލަ ހުށަހެޅުމުންވެސް ފުލުހުން އެފަދަ މައްސަލަތައް ބަލާނެ ކަމަށެވެ. އެފަދަ މައްސަލަތަކަކީ އެނގެން ނުޖެހޭ ފަރާތަކަށް އެނގޭނެ މައްސަލައެއް ނޫން ކަމަށާއި މައްސަލަތަކުގައި ރައްކާތެރިކަން ދޭންޖެހޭ ކުއްޖަކަށް ފުލުހުން ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އީނާސް ވިދާޅުވީ، އެފަދަ ހާދިސާތައް ދިމާވިޔަ ނުދިއުމަށް ދުރާލައި ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ. އެގޮތުން ފޮޓޯ ހާމަ ނުކުރަން ވަރަށް ވިސްނަން ޖެހޭ ކަމަށް އީނާޒު ވިދާޅުވި އެވެ. އެ ހާމަ ކުރެވޭ ފޮޓޯއަކީ ނާޖާއިޒު ގޮތުގައި ބޭނުން ކުރެވޭ ފޮޓޯއަކަށް ވުމުން ނުވަތަ އެފޮޓޯއެއް އެޑިޓް ކޮށްގެން ވެސް އަގުވައްޓަށް ބޭނުން ކުރެވޭނެ ފުރުސަތު އޮތްކަން ވިސްނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

އެފަދަ ކަންކަމަށް ކުޑައިރުންސުރެ ކުދިން ހޭލުންތެރިކުރުމަކީ ބެލެނިވެރިންގެ ޒިންމާއެއް ކަމަށާއި އެހެންކަމުން އިންޓަނެޓް ބޭނުންކުރާނެ ގޮތާއި ނުދަންނަ މީހުންނާ ވާހަކަ ދައްކާނެ ގޮތްތައް ވެސް އަންގައި، ބުނެދޭން ޖެހޭ ކަމަށް އީނާޒު ވިދާޅުވި އެވެ. ހަމައެހެންމެ ލޯބެރިންނާ ވެސް ވާހަކަ ދައްކަންވީ ގޮތާއި އަމަލުތައް ބަހައްޓަންވީ ގޮތާއި ލޯބެވެރިން އިހުތިޔާރު ކުރުމުގައި ބަލަން ޖެހޭ ކަންކަން ބުނެދީ އަންގައިދިނުމުން އެފަދަ ކަންތައްތައް ކުދިންނަށް ދިމާވުން ހައްލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެފަދަ ރަހުމުކުޑަ އަނިޔާތަކުން ސަލާމަތް ވުމަށްޓަކައި ދުރާލައި ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ. ކަމެއް ދިމާވުމުގެ ކުރިން އެކަންތަކުން ރައްކާތެރިވުމުގެ ފިޔަވަޅުއަޅަންޖެހެ އެވެ. އިސްލާމް ދީން ދައްކާ މަގުން ބައިވެރިޔާ އިހުތިޔާރު ކުރަންޖެހެ އެވެ. ކައިވެނިން ބޭރުން ހިންގާ ނަހަމަ ގުޅުންތައް ހުއްޓައިލާންޖެހެ އެވެ. ހަގީގީ ހައްލަކީ އެއީ އެވެ.

އަނިޔާއަށް ކެތް ކުރާ ނަމަ މުޅި އުމުރުގައި ވެސް ޖެހޭނީ ކެތް ކުރާށެވެ. އަނިޔާކޮށް ބްލެކްމެއިލްކުރާ މީހެއްގެ ކިބައިން ސަލާމަތްވާން އެދޭ ނަމަ އެކަނި އެކަން ކުރާކަށް ނުޖެހެނޭ އެވެ. ބޭނުންވެއްޖެ ނަމަ އެފަދަ ކުދިންނަށް އެހީތެރިވާނެ ފަރާތްތައް މަދެއް ނުވާނެ އެވެ. ލަސްނުކޮށް ކަމާ ބެހޭ ފަރާތްތަކަށް ކަންކަން ހުށަހަޅައި ހިއްސާ ކުރަން ޖެހެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް