ސޯޝަލް މީޑިއާގައި އެންމެ ގިނަ ފާޑު ކިޔުންތަކުގެ އަމާޒަކަށް ޗެލްސީ!

ޕްރިމިއާ ލީގުގައި ޗެލްސީ ކުޅުނު މެޗެއްގެ ތެރެއިން --- ފޮޓޯ/ ބީބީސީ

އެންޓި ޑިސްކްރިމިނޭޝަން، ނުވަތަ އިންސާނީ ހަމަހަމަކަމަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް ކަމަށްވާ ކިކް އިޓް އައުޓް އިން ކުރި ދިރާސާއެއްގައި، ސޯޝަލް މީޑިއާގައި ޕްރިމިއަރ ލީގު ކްލަބުތަކުގެ ތެރެއިން ނަސްލީ ތަފާތުކުރުން ފަދަ ނޭދެވޭ ފާޑު ކިޔުންތައް އެންމެ ގިނައިން އަމާޒުވެފައި ވަނީ ޗެލްސީ އަށް ކަމަށް ދައްކައިފިއެވެ.

ކިކް އިޓް އައުޓް އިން ކުރި ދިރާސާއިން ދައްކާގޮތުން ނަސްލީ ތަފާތު ކުރުމާއި، ޖިންސީ ތަފާތުކުރުމުގެ އިތުރުން، ނުކުޅެދުންތެރިކަމާއި ދީނީ ތަފާތުކުރުން ފަދަ ނޭދެވޭ ފާޑުކިޔުންތައް ހިމެނޭ 134،000 އަށް ވުރެ ގިނަ ޕޯސްޓުތައް، މި ސީޒަންގައި އެކަނިވެސް ވަނީ ޕްރިމިއާ ލީގަށް ސޯޝަލް މީޑިއާގައި އަމާޒު ވެފައެވެ.

އެ ޕޯސްޓުތަކުގެ ތެރެއިން 95،000 އަށް ވުރެ ގިނަ ޕޯސްޓުތައް ޕްރިމިއާ ލީގް ކްލަބުތަކަށް އަމާޒުވެފައި ވާއިރު، ޗެލްސީއާ ބެހޭ ގޮތުން 20،000 ވުރެ ގިނަ އެފަދަ ނޭދެވޭ ޕޯސްޓުތައް ސޯޝަލް މީޑިއާގައި ކޮށްފައި ވާކަމަށް ކިކް އިޓް އައުޓްގެ ދިރާސާއިން ދައްކައެވެ. އަދި ލިވަޕޫލަށް 19،000 ވުރެ ގިނަ ޕޯސްޓް އަމާޒުވެފައި ވާއިރު، އާސެނަލްއަށް 12،000 އަދި ސިޓީ އާއި ޔުނައިޓެޑަށް ވަނީ 11،000 ވުރެ ގިނަ އެފަދަ ޕޯސްޓުތައް އަމާޒު ވެފައެވެ.

ކްލަބުތަކުގެ އިތުރުން، ލީގުގެ ވަކިވަކި ކުޅުންތެރިންނަށްވެސް ވަނީ އެކި ގޮތް ގޮތުން 39،000 އަށް ވުރެ ގިނަ ނޭދެވޭ ފާޑުކިންތައް އެކުލެވޭ ޕޯސްޓުތައް އަމާޒު ވެފައެވެ. އެގޮތުން ކުޅުންތެރިންނަށް އަމާޒުވެފައިވާ ޕޯސްޓުތަކުގެ ތެރެއިން 8000 އަށް ވުރެ ގިނަ ޕޯސްޓުތައް ލިވަޕޫލްގެ މާރިއޯ ބަލެޓޮލީ އަށް އަމާޒުވެފައި ވާއިރު، އޭގެ ތެރެއިން 52 އިންސައްތައަކީ ނަސްލީ ތަފާތުކުރުން ހިމެނޭ ޕޯސްޓުތައް ކަމަށް އެ ދިރާސާއިން ދައްކައެވެ.

ބަލެޓޮލީގެ އިތުރުން އެފަދަ ނޭދެވޭ ޕޯސްޓުތައް އެންމެ ގިނައިން އަމާޒުވެފައިވާ ކުޅުންތެރިންގެ ތެރޭގައި އާސެނަލްގެ ޑެނީ ވެލްބެކް އާއި ލިވަޕޫލްގެ ޑެނިއެލް ސްޓަރިޖް ވެސް ހިމެނޭއިރު، އެފަދަ ނޭދެވޭ ޕޯސްޓުތައް ކުރުމަށް އެންމެ ގިނައިން ބޭނުންކުރާ ވަސީލަތަކީ ޓްވިޓާ ކަމަށްވެސް ކިކް އިޓް އައިޓްއިން ކުރި ދިރާސާއިން ވަނީ ހާމަވެފައެވެ. ނޭދެވޭ ޕޯސްޓުތަކުގެ 88 އިންސައްތަ ޓްވިޓާ މެދުވެރިކޮށް އެކި ފަރާތްތަކުން ކޮށްފައި ވާއިރު، ފޭސްބުކްގައި އެފަދަ ޕޯސްޓުތަކުގެ އަށް އިންސައްތަ ހިމެނޭ ކަމަށް އެ ދިރާސާ އިން ވަނީ ދައްކާފައެވެ.

ކިކް އިޓް އައުޓް އިން ކުރި ދިރާސާއަށް ފަހު، އެފަދަ ނޭދެވޭ ޕޯސްޓުތައް ކުރާ ފަރާތްތަކާ ދެކޮޅަށް ޚާއްސަ ޖަމްއިއްޔާއެއް އުފައްދައި އެކަމާ ދެކޮޅަށް މަސައްކަތް ފެށުމަށް އެ ޖަމްއިއްޔާ އިން ވަނީ ނިންމާފައެވެ. އެ ދިރާސާއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ކިކް އިޓް އައުޓްގެ ޑިރެކްޓަރު ރޮއިސަން ވުޑް ބުނީ ނަސްލީ ތަފާތުކުރުން ފަދަ އިންސާނީ ކަރާމާތް ނަގާލާ ކަންކަމާ ދެކޮޅަށް މަސައްކަތް ކުރުމަކީ އެންމެގެ ޒިންމާއެއް ކަމަށެވެ.

"ސޯޝަލް މީޑިއާގައި އެފަދަ ނޭދެވޭ ފާޑު ކިޔުންތަކުގެ އަދަދު ވަރަށްވެސް ބޮޑުކަން މި ދިރާސާއިން ދައްކުވައިދީފި. އެފަދަ އިންސާނީ ކަރާމާތް ގެއްލޭ ފަދަ ޕޯސްޓުތައް އަމާޒުވާ ފަރާތްތައް އެކަމުން ހިމާޔަތް ކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަކީ އެއީ އަހަރުމެން އެންމެންގެވެސް ޒިންމާއެއް،" ރޮއިސަން ބުންޏެވެ.

ކިކް އިޓް އައުޓް އަކީ އެންމެ ފުރަތަމަ 1993 ވަނަ އަހަރު "ފުޓްބޯޅައިން ނަސްލީ ތަފާތުކުރުން ނައްތާލަމާ" ޝިޔާރުގެ ދަށުން އުފެދުނު ޗެރިޓީ ގްރޫޕެކެވެ. އެ ގްރޫޕުގެ މަސައްކަތް ފުޅާކޮށް، 1997 ވަނަ އަހަރު ރަސްމީ ޖަމްއިއްޔާއެއްގެ ގޮތުގައި ކިކް އިޓް އައުޓް ރަޖިސްޓްރީ ވެފައި ވާއިރު، ނަސްލީ ތަފާތުކުރުމާއި ދީނީ ތަފާތުކުރުން ފަދަ ކަންކަން ފުޓްބޯޅައިން ނައްތާލަން އެ ޖަމްއިއްޔާ އިން ކުރާ މަސައްކަތް ފީފާ އާއި ޔޫއެފާ އިންވެސް މިހާރު ވަނީ ބަލައިގެންފައެވެ.

comment ކޮމެންޓް