ތިލަފުށީގައި ދެވަނަ އެކްސިޑެންޓެއް ހިނގައި އިތުރު މީހަކު މަރުވެއްޖެ

ތިލަފުށީގެ އޭރިއަލް ފޮޓޯއެއް ---

ތިލަފުށީގައި މިއަދު ދެވަނަ އެކްސިޑެންޓެއް ހިނގައި އިތުރު މީހަކު މަރުވެއްޖެ އެވެ.

އެ އެކްސިޑެންޓު ހިނގާފައި ވަނީ ތިލަފުށީގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން ގޮސް މޫދަށް ސައިކަލް ދުއްވަން އިން މީހާ ވެއްޓި ބޮލަށް ލިބުނު އަނިޔާތަކުގެ ސަބަބުންނެވެ.

ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ މެންދުރު 13:59 ހާއިރު ކަމަށެވެ. މި ހާދިސާގައި އަނިޔާ ލިބުނު މީހާ މަރުވެފައިވާކަން އޭޑީކޭ ހޮސްޕިޓަލުން އޭނާ ބެއްލެވި ޑޮކްޓަރު ވަނީ ކަށަވަރުކޮށްދީފައެވެ.

މިއަދު މެންދުރެއްހާއިރު ތިލަ ފުށީގައި އެކްސް ކަވޭޓަރަކާ ފޯކް ލިފްޓަކާ ދެމެދު ތާށިވެ އެރަށުގައި މަސައްކަތްކުރި ބިދޭސީއަކުވެސް ވަނީ މަރުވެފައެވެ. މިއަދު މެންދުރު 12:15 ހާއިރު ހިނގި މިހާދިސާގައި ބިދޭސީއަކު މަރުވުމުގެ އިތުރުން ދިވެއްސަކުވެސް ހޭނެތިގެން ހޮސްޕިޓަލަށް ގެންހޮސް ފަރުވާދީފައި ވެއެވެ. މިޙާދިސާގައި އަނިޔާ ލިބުނު ދެ މީހުން ހޮސްޕިޓަލަށް ގެނެސްފައިވަނީ ފުލުހުންގެ ލޯންޗެއްގައެވެ.

ތިލަފުށީގައި ވަކިވަކިން މިއަދު ހިނގި މި ދެ ޙާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް