މިއަދުގެ މެޗަށް ނިކުންނައިރު ޓީމްގެ އަނިޔާއާ ހެދި ވެންހާލަށް ބޮލުގެ ރިހުމަކަށް!

މެންޗިސްޓާ ޔުނައިޓެޑްގެ ކޯޗް ލުއިސް ވެންހާލް. މިއަދު ޗެލްސީއާ ދެކޮލަށް ނިކުންނައިރު ޑިފެންސް ލައިންގެ ހަތަރު ކުޅުންތެރިޔަކަށް އަނިޔާވވެފައިވުމަކީ އޭނާއަށް ކުރިމަތިވާނެ ބޮލުގެ ރިހުމަކަށް --- ފޮޓޯ/ އޭޕީ

މިއަދު ޗެލްސީއާ މެންޗެސްޓާ ޔުނައިޓެޑް ބައްދަލު ކުރާއިރު ޔުނައިޓެޑްގެ ޑިފެންސްލައިނަށް ކުރިމަތިވެފައިވާ އަނިޔާގެ މަސައްލައަކީ ކޯޗް ލުއިސް ވެންހާލްއަށް ކުރިމަތިވާނެ ބޮލުގެ ރިހުމެކެވެ.

ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗްގައި ޔުނެއިޓަޑްގެ ޑިފެންސް ލައިންގެ މުހިންމު ހަތަރު ކުޅުންތެރިޔަކަށް ނުކުޅެވޭނެކަން ވަނީ ޔަގީންވެފައެވެ.

އަނިޔާގެ މައްސަލަތަކާ ބެހޭގޮތުން މެންޗެސްޓާ ޔުނެއިޓަޑްގެ ޓީވީގައި ވާހަކަ ދައްކަމުން ކޯޗް ލުއިސް ވެންހާލް ބުނީ މިދިޔަ އާދިއްތަ ދުވަހު ސިޓީއާ ދެކޮޅަށް ކުޅުނު މެޗްގައި އިންޖަރީވި ޓީމްގެ މައި ޑިފެންޑަރު މައިކަލް ކެރިކް އާއި ޑިފެންސްގައި މުހިންމު ދައުރެއް އަދާ ކުރަމުން ގެންދާ އާޖެންޓީނާގެ މާކޯސް ރޮޖާ އާއި ޑިފެންސިވް މިޑްފިލްޑަރު ފިލް ޖޯންސްގެ އިތުރުން ފަހަތާއި މެދުތެރޭގައި މުހިންމު ދައުރެއް އަދާ ކުރަމުންގެންދާ ހޮލެންޑްގެ ޑެލީ ބްލިންޑަށްވެސް މިއަދުގެ މެޗްގައި ނުކުޅެވޭނެކަން ޔަގީންވެފައިވާކަމަށެވެ.

މިދިޔަ އާދިއްތަ ދުވަހު ސިޓީއާ ދެކޮޅަށް ކުޅުނު މެޗްގައި އިންޖަރީވި މައިކަލް ކެރިކް ދަނޑުން ފައިބަނީ --- ފޮޓޯ/ ޕީއޭ

ޑިފެންސް ލައިނަށް ދިމާވެފައިވާ އަނިޔާގެ މައްސަލަ ބޮޑުވުމުގެ އިތުރުން، ވެންހާލްގެ އަނެއް ބޮލުގެ ރިހުމަކީ ޖޮނީ އީވަންސް އަދިވެސް ސަސްޕެންޝަނުގައި ހުރުމެވެ.

ޔުނެއިޓަޑްގެ އަނިޔާގެ ލިސްޓް ދިގުވެފައިވާ އިރު، ވާދަވެރި ޗެލްސީގެ ކޯޗް ޕޯޗްގަލްގެ ހޯޒޭ މޮރީނިއޯގެ ވިސްނުން ހުރީ އެއްވެސް ވަރަކަށް މެޗް ފަސޭހަކޮށްލާކަށް ނޫނެވެ.

"އަދަދަށް ބަލާއިރު ޔުނައިޓެޑްގެ ސްކޮޑަކީ ވަރަށް ވަރުގަދަ ސްކޮޑެއް. އެޓީމް ގައި ތަޖުރިބާ ކާރު ގިނަ ކުޅުންތެރިންތަކެއް އެބަތިބި މީއެޓީމަށް ހައްލު ހޯދޭނެ ސަބަބެއް،" މޮރީނީއޯ ބުންޏެވެ.

ޗެލްސީގެ ކޯޗް ހޯޒޭ މޮރީނިއޯ. އޭނާ ހުރީ މިއަދުގެ މެޗް ފަސޭހަކޮށްލާކަށް ނޫން --- ފޮޓޯ/ އޭޕީ

މިރޭގެ މެޗަށް ނިކުންނައިރު ޗެލްސީއަށް ދިމާވެފައިވާ ހަމައެކަނި މައްސަލައަކީ އަނިޔާގައި ހުރި ސްޕެއިންގެ ފޯވަޑް ޑިއޭގޯ ކޯސްޓާ ނެތުމެވެ. ނަމަވެސް މިރޭގެ މެޗުގައި މިމަހުގެ 12 ވަނަ ދުވަހު ކްއީންސް ޕާކް ރޭންޖާސްއާ ދެކޮޅަށް ކުޅުނު މެޗްގައި އަނިޔާވި ފްރާންސްގެ ސްޓައިކަރު ލޮއިކް ރީމޭ އަށް ކުޅުމުގެ ފުރުސަތު އޮތްކަމަށް އިނގިރޭސި މީޑިއާތަކުން ބުނެއެވެ.

ނަމަވެސް މޮރީނިއޯ ބުނެފައި ވަނީ ރިމޭ މިރޭގެ މެޗްގައި ކުޅުމާމެދު އޮތީ ފިފްޓީ ފިފްޓީ ޗާންސެއް ކަމަށެވެ.

"އަންހަނަކަށް ނޭނގެ މިރޭގެ މެޗްގައި ރިމޭ ކުޅޭނެ ކަމެއް. ފަހަރެއްގައި ކުޅެދާނެ،" މޮރީނިއޯ ބުންޏެވެ.

ޗެލްސީގެ ސްޓެމްފޮޑް ބުރިޖްގައި ރާއްޖޭ ގަޑިން މިރޭ 9:30 ގައި ކުޅޭ މިމެޗަށް ނިކުންނައިރު މިދިޔަ ސީޒަންގައި ހަތަރު ފަހަރަށް ދެޓީމް ވަނީ ބައްދަލުކޮށްފައެވެ. މިމެޗުތަކުން މޮޅުވުމުގެ ރެކޯޑް އޮތީ ޗެލްސީ އޮތްއިރު އެޓީމުން ވަނީ ތިން މެޗުން މޮޅުވެފައެވެ. ޔުނައިޓެޑް މޮޅުވީ އެންމެ މެޗަކުންނެވެ.

comment ކޮމެންޓް