"ފައިންޑް މޮޔަ މީހާ" ކެމްޕޭނުގެ ބިލްބޯޑް ހަލާކުކޮށްލި ކަމަށް ކުރާ ތުހުމަތު ދޮގުކޮށްފި

"ފައިންޑް މޮޔަ މީހާ" ކެމްޕެއިންގެ ދަށުން ހެދި ބިލްބޯޑު ---- ފޮޓޯ/ ފައިންޑް މޮޔަ މިހާ

ގެއްލުނު ނޫސްވެރިޔާ އަހުމަދު ރިލްވާން ހޯދުމަށް ފަށާފައިވާ "ފައިންޑް މޮޔަ މީހާ" ކެމްޕެއިންގެ ދަށުން ހަދާފައިވާ ބިލްބޯޑެއް މޯލްޑިވްސް ބޮޑީ ބޯޑިންގް އެސޯސިއޭޝަން (އެމްބީބީއޭ)ގެ މެންބަރުންތަކެއް ހަލާކު ކުރި ކަމުގެ ތުހުމަތު އެމްބީބީއޭ އިން ދޮގު ކޮށްފި އެވެ.

"ފައިންޑް މޮޔަ މީހާ"ގެ ކެމްޕެއިން ޓީމުން ހަދާފައިވާ ބިލްބޯޑް އެމްބީބީއޭ އިން މި އަހަރު ބޭއްވި ފުރަތަމަ މުބާރާތް ކަމަށްވާ "ބުރުނު ޝިކާރު ބޮޑީ ބޯޑިންގް ޗެލެންޖް"ގެ ތެރޭ ހަލާކުކޮލި ކަމަށާއި އެކަން ކުށްވެރި ކުރާ ކަމަށް ބުނެ އެ ޓީމުން ވަނީ އެމްބީބީއޭއަށް މިދިޔަ ބުރާސްފަތި ދުވަހު ސިޓީއެއް ފޮނުވާފައެވެ.

ކެމްޕެއިން ޓީމުން ފޮނުވި ސިޓީގައި އެ ބިލްބޯޑަކީ ރިލްވާން ގެއްލުނު މައްސަލައާ މެދު މީހުން ހޭލުންތެރިކުރުވަން މިދިޔަ ސެޕްޓެމްބަރު މަހު އެ ޓީމުން ތައްޔާރުކޮށްފައިވާ ބޯޑެއް ކަމަށާއި އެ ބޯޑު ހެންވޭރު މީރުބަހާރު ގޭގައި ބަހައްޓާފައި ހުއްޓައި އެމްބީބީއޭ އިން ބުރުނު ޝިކާރު މުބާރާތަށް ހުއްދަޔަކާ ނުލައި ބޯޑު ގެންދިޔުމަށް ފަހު، އެ ބޯޑު ހަލާކު ކޮށްލާފައިވާ ކަމަށް ވަނީ ބުނެފައެވެ.

އޭގެ އިތުރުން ކެމްޕެއިން ޓީމުން އެމްބީބީއޭ އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، މިދިޔަ ޖެނުއަރީ މަހު ރިލްވާނުގެ އުފަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިންގި ހަރަކާތެއްގައި ހެޔޮއެދޭ ގިނަ ފަރާތްތަކުން އެ ބޯޑުގައި މެސެޖުތަކެއް ލިޔެފައިވާ ކަމަށާއި މީރުބަހާރު ގޭގައި ބަހައްޓާފައި ހުރީ ރައްކާތެރިކަމާ އެކު އެ ބޯޑު ބެހެއްޓުމުގެ ނިޔަތުގައި ކަމަށެވެ.

"ފައިންޑް މޮޔަ މީހާ" ޓީމުން އެމްބީބީއޭ އަށް ފޮނުވި ސިޓީ އެ ޓީމުން ސޯޝަލް މީޑިއާގައި ވެސް އާންމުކޮށްފައިވާ އިރު، އެކަމާ ގުޅޭ ގޮތުން އެމްބީބީއޭ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ބިލްބޯޑު ވަގަށް ނަގައި ހަލާކޮކޮށްފައިވާ ކަމަށް ބުނެ "ފައިންޑް މޮޔަ މީހާ" ޓީމުން ލިޔުނު ސިޓީގައިވާ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށާއި އެފަދަ ތުހުމަތުތަކެއް ކޮށް ސިޓީއެއް ފޮނުވުމަށް ފަހު އެ ސިޓީ ސޯޝަލް މީޑިއާގައި ހާމަކުރުމުން އެކަމާ ހިތާމަ ކުރާ ކަމަށެވެ.

އެމްބީބީއޭގެ ބަޔާނުގައި ބުނެފައި ވަނީ ބުރުނު ޝިކާރު ބޮޑީ ބޯޑިންގް ޗެލެންޖުގައި އެ ބޯޑު ބޭނުންކުރުމަށް އެގެއިން ނެރެފައި ވަނީ "ފައިންޑް މޮޔަ މީހާ" ޓީމުގެ މެންބަރުންނާއި ގޭގެ ވެރިފަރާތުގެ ހުއްދައާ ވެސް އެކު ކަމަށެވެ. އަދި އެކަން ހިނގައި ދިޔަ ގޮތުގެ ތެދު މައުލޫމާތު "ފައިންޑް މޮޔަ މީހާ" ޓީމުގެ މެންބަރެއް ކަމަށްވާ އަހުމަދު މުހައްމަދު (ފޯމީ)އާ ހިއްސާކޮށްފައި ވާނެ ކަމަށާއި ނަމަވެސް އެ ވާހަކަ އެ ޓީމުން ސޯޝަލް މީޑިއާގައި ހާމަކޮށްފައި ވަނީ ހަގީގަތާ ހިލާފަށް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އޭގެ އިތުރުން "ފައިންޑް މޮޔަ މީހާ" ޓީމުން އެ ބޯޑު ބަހައްޓާފައި ހުރީ އެއްވެސް ކަހަލަ ހިޔާވާ ފަދަ ތަނެއްގައި ނޫން ކަންކަން އެމްބީބީއޭ އިން ވަނީ ފާހަގަކޮށްފައެވެ.

އެމްބީބީއޭ އިން ބުނީ އެކަމަކީ ސިޔާސީ ކަމަކަށް ނުހެދުމަށާއި ކުޅިވަރު ކުރިއެރުވުމަށް މައްސައްކަތް ކުރާ އެސޯސިއޭޝަނެއްގެ އަގު ވެއްޓޭ ފަދަ ގޮތަކަށް އަމަލުތައް ނުބެހެއްޓުމަށް އެމްބީބީއޭގެ ބަޔާނުގައި ވަނީ އެދިފައެވެ. އަދި އެކަމުން ގެއްލުމެއް ވެފައިވާ ނަމަ، އެކަމަށް ރިލްވާންގެ އާއިލާ އާއި ރާއްޓެހިން އަދި "ފައިންޑް މޮޔަ މީހާ" ޓީމުގެ ފަރާތުން މައާފަށް އެދޭކަމަށް ވެސް އެމްބީބީއޭ އިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް