ތިލަފުށީގައި ހިނގި އެކްސިޑެންޓެެއްގައި މީހަކު މަރުވެއްޖެ

ތިލަފުށީގެ އޭރިއަލް ފޮޓޯއެއް ---

ސިނާއީ މަސައްކަތް ކުރާ ރަށް، މާލެ އަތޮޅު ތިލަފުށީގައި އެކްސްކަވޭޓަރަކާއި ފޯކްލިފްޓެއް ޖެހި ހިނގި އެކްސިޑެންޓެެއްގައި މީހަކު މަރުވެއްޖެ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ ކޯޑިނޭޓަރު ޒީނަތު ހަބީބު މިއަދު 'ސަން' އަށް ވިދާޅުވީ ތިލަފުށީގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ދެ މީހަކު އައިޖީއެމްއެޗަށް ގެނައި އިރު އޭގެ ތެރެއިން އެކަކު މަރުވެފައިވާ ކަމަށެވެ.

އައިޖީއެމްއެޗުން ބުނީ މަރުވެފައި ވަނީ 30 އަހަރުގެ ބަންގްލަޑޭޝް މީހެއް ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ވިންދުނެތް ކަމަށެވެ. އޭނާ މަރުވިކަން ޑޮކްޓަރުން ޔަގީންކޮށްދީފައި ވަނީ މިއަދު އެކެއް ޖެހި އިރު ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.

އެކްސިޑެންޓްގައި މަރުވި ބަންގްލަދޭޝް މީހާގެ މެޔަށް އިންޓާނަލީ ޒަހަމްތަކެއް ލިބިފައިވާ އިރު، މޭކަށިތަކުން ބައެއް ކަށިތައް ބިނދިފައިވާ ކަމަށް ޑޮކްޓަރާ ހަވާލާ ދީ ޒީނަތު ވިދާޅުވި އެވެ.

މަރުވި ބަންގްލަދޭޝް މީހާގެ އިތުރުން ތިލަފުށީގައި މަސައްކަތް ކުރާ ޑްރައިވަރެއް ހޭނެތިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ފުލުހުން ބުނީ މިއަދު ތިލަފުށީގައި ހިނގި އެކްސިޑެންޓުގައި ބިދޭސީ މީހާ އަށް އަނިޔާވެފައި ވަނީ " ފޯކްލިފްޓް ގަބައިގަނެގެން" އެކްސްކަވޭޓަރު ބޭނުންކޮށްގެން ވާޖަހައިގެން ފޯކްލިފްޓް ނަގަން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި އެކްސްކަވޭޓަރު ދުއްވަން އިން ދިވެހި މީހާ ހޮސްޕިޓަލަށް ގެންދިޔައީ އަނިޔާވެގެން ނޫން ކަމަށާއި ހޭނެތިގެން ކަމަށް ފުލުހުން ވެސް ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު