ތާޅަފިލި ދުންމާރި މަޖިލީހަށް ނުވެއްދޭގޮތަށް ގަވާއިދު އިސްލާހުކުރަން ކޮމިޓީން ފާސްކޮށްފި

ތާޅަފިލި ދުންމާރިއާ އެކު އެމްޑީޕީގެ މަޖިލިސް މެންބަރުން މަޖިލީހުގައި އިހުތިޖާޖުކުރުމަށް ތައްޔާރުވެފައި -- ސަންފައިލް ފޮޓޯ

ތާޅަފިލި ދުންމާރި އަދި އެނޫންވެސް މަޖިލީހުގެ ބޭނުމަށް ނޫންގޮތަކަށް މަޖިލީހުގެ ތަޅުމަށް ތަކެތި ނުވެއްދޭ ގޮތަށް މަޖިލީހުގެ ގަވާއިދުގައި ހިމަނަން ކޮމިޓީން ފާސްކޮށްފި އެވެ.

އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތާޅަފިއްޔާއި، ދުންމާރީގެ އިތުރުން އަޑުގަދަ ކުރުމަށް ބޭނުން ކުރާ އެހެނިހެން ތަކެތި މަޖިލީހުގެ ތަޅުމަށް ވައްދައި، މަޖިލީހުގެ ޖަލްސާތަކަށް ހުރަސް އެޅުމަށް ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ގަވާއިދު ބަދަލުކުރަން ފާސްކުރީ އާންމު ކޮމިޓީންނެވެ.

ތާޅަފިލި ފަދަ ކަމާ ނުގުޅޭ ތަކެތި މަޖިލީހަށް ވައްދާ މެންބަރުންނާ މެދު އަޅާ ފިޔަވަޅު ތަކުގެ ތެރޭގައި ހިމެނެނީ، މެމްބަރުންގެ ކޮމިޓީ ހާޒިރީ އިން 50 ޕަސެންޓް އުނިކޮށް އެ އަދަދަށް ކޮމިޓީ އެލަވަންސް އިން ވެސް އުނިކުރުމާއި މަޖިލީހުގެ ފަރާތުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި އެފަދަ މެންބަރުން ހަ މަސް ދުވަހަށް ބައިވެރި ނުކުރެވޭ ގޮތް ހެދުމެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވެފައި ވަނީ ގަވާއިދަށް ބަދަލުގެނެސް އެތަކެތި ވެއްދުން މަނާކޮށްގެން މެނުވީ މަޖިލީހުގެ ޖަލްސާތަށް ރަގަޅަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

"މިހާރުގެ ގަވާއިދުގެ ދަށުންވެސް މަނާ އެކަމަކު، ވަކި ވަކިން ނަން ކަނޑައަޅައި، އެތަކެތި ނުވެއްދޭ ގޮތަށް ގާނޫނަށް ބަދަލުގެނައުމުގެ މަސައްކަތް ކުރަމުން މިދަނީ،" މޫސަ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލަން ގޮވާލައި މިއަހަރަށް މަޖިލިސް ހުޅުވުނު ދުވަހުން ފެށިގެން ޖަލްސާ އޮއްނަ ކޮންމެ ދުވަހަކު އެމްޑީޕީގެ މެންބަރުން ދަނީ މަޖިލީހުގައި ތާޅަފިލި، ދުންމާރި އަދި އަޑުގަދަކުރާ ބޭނުންކޮށްގެން އިހުތިޖާޖު ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު