ފައިދާއެއް ނެތް، ގެއްލުން ހުރި މުބާރާތަކަށް ފުރުސަތު ދީފި؟!

މީހަކު ކޮންޕިއުޓަރުން ލިޔަނީ: މަޒުމޫނު ލިޔުމަށް ދިވެހި ބަހުގެ އެކަޑަމީން ހުޅުވާލާފައިވާ މުބާރާތުގެ ސަބަބުން ލިޔުންތެރިންގެ ފާޑުކިޔުން ވަނީ އަމާޒުވެފައި-- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ

މުބާރާތް އިއުލާންކޮށްފިއެވެ. ކިޔަވާކުދިން ފެށިގެން އެކިއުމުރުގެ ފަރާތްތަކުން ލައިބްރަރީތަކުގައި ގިނަ ވަގުތު ހޭދަކުރަން ފަށައިފިއެވެ. ލިޔުންތަކަށް މައުލޫމާތު އެއް ކުރުމަށެވެ. ލިޔުމުގެ ފެންވަރު ރަނގަޅުކުރުމަށެވެ. ރެއާއި ދުވާލު ލިޔުންތެރިކަމަށް ވަގުތު ހޭދަކުރަނީއެވެ. އެކަންވެފައި ވަނީ ގިނަ ބަޔަކަށް އެތައް މައުލޫމާތެއް ހިތު ދަސްކުރަން ލިބޭ ރަނުގެ ފުރުސަތަކަށެވެ. ހަމައެއާއެކު ލިޔުމުގެ ފެންވަރު ރަނގަޅު ކުރުމަށާއި ލިޔުމަށް މީހުން އަހުލުވެރިވުމަށް ލިބޭ ފުރުސަތެކެވެ. މިއީ މީގެ ކުރީ އަހަރު ތަކުގައި ގައުމީ މަޒުމޫނާއި ވާހަކަ ލިޔުމުގެ މުބާރާތް އިއުލާން ކުރުމުން ގިނަ ބަޔަކު އުޅޭގޮތެވެ. ލިޔުންތެރި ކަމަށް ޚާއްސަ ސަމާލުކަމެއް ދޭ މިންވަރެވެ. ނަމަވެސް އެއީ މާޒީއެވެ. މިއަދު މަންޒަރު މުޅިން ތަފާތެވެ.

މިއަހަރަށް ގައުމީ މުބާރާތް އިއުލާން ކޮށްފައިވާއިރު އެހެން އަހަރުތަކާއި ހިލާފަށް ބޮޑު ބަދަލެއް ވަނީ އައިސްފަ އެވެ. މީގެ ކުރިން އެ މުބާރާތުގައި ވާހަކަ އާއި މަޒުމޫން ލިޔަނީ އިމްތިހާނީ ހޯލެއްގަ އެވެ. އެހެންކަމުން އެ ލިޔުންތަކަކީ އެކުއްޖަކު ނުވަތަ އެ މީހަކު އަމިއްލައަށް ލިޔާލިޔުމަކަށް ނޫނީ ނުވެއެވެ. ނަމަވެސް މިފަހަރު މުބާރާތުގެ ގަވައިދު ހަދާފައިވާ ގޮތުން މުބާރާތައް ހުށައަޅާ ލިޔުންތަކަކީ ގޭގައި ލިޔެގެން ހުށައަޅަން ޖެހޭ ލިޔުމަކަށް މި ވަނީ ވެފަ އެވެ. ހަމައެއާއެކު ކުރިން އަތުލިޔާ ގޮތަށް އޮންނަ އެ މުބާރާތުގައި މިފަހަރު ކޮމްޕިއުޓަރުން ލިޔެގެން ހުށައެޅެ އެވެ. މިކަންވެފައި މިވަނީ އެތައް ތަޖުރިބާކާރުންގެ ފާޑުކިޔުން ރައްދުވި ކަމަކަށެވެ.

"އޭރުން މުބާރާތަކަށް ނުވޭ، ދެން އަނެއްކާ ހުށަހަޅައިގެން އެބަހޮވާތާ ވަނައެއް، މުބާރާތެއް ވިއްޔާ އެއް ވަނަ ނުވަތަ ދެ ވަނަ ނުވަތަ ތިން ވަނަ ހޮވާނެތާ. އެ ވަނަތައް ހޮވާއިރު އެ ވަނަތައް ދެވެނީ ހައްގު ދަރިވަރަށްތޯ އެ ސުވާލު ވެސް މިހާރު އެބަޮތް. މިސާލަކަށް އަޅުގަނޑުގެ ދަރިފުޅު ބައިވެރި ކުރަންޏާ އަޅުގަނޑު ލިޔަންވީނު. އެއަށްފަހު ކަރެކްޝަން ހަދާފައި އެއަށް ވުރެ މޮޅު މީހަކު ލައްވައި ކަރެކްޝަން ހަދާފައި އަދި އެ ލިޔުން ކޮމްޕިއުޓަރުން ޓައިޕްކޮށްފައި ސްކޫލަށް ގެންދިޔައީމަ ސުކޫލުން އެބަ ފޮނުވައިދޭ އެކެޑަމީއަށް. އެެންވީމަ ކުދިންގެ ފެންވަރެއް ނުފެންނާނެ، އެހެންކަމުން ބަސްދެކެ ފޫހިވާ ކުދިންތަކަކަށް ހައްތަހާވެސް ދުރަށް ދާނެ ފުރުސަތެއް މިލިބެނީ،" ސްކޫލް ދައުރުން ފެށިގެން އަދަބީ ކަންކަމުގައި ހަރަކާތްތެރިވާ އަދި މިހާރު އެފަދަ މުބަރާތްތަކަށް ދަރިވަރުން ތަމްރީނު ކުރާ ހަސަން ޒަހީން ވިދާޅުވި އެވެ.

މީގެ ކުރިން ލިޔުމުގެ ފެންވަރު ރަނގަޅު ކުރުމަށް އެތައް ބަޔަކު މަސައްކަތް ކުރާއިރު މިފަހަރު ފެންނަމުން ދަނީ މަޒުމޫނާއި ވާހަކަ ލިޔެދޭނެ ބަޔަކު ހޯދުމަށް މަސައްކަތްކުރާތަނެވެ. އަމިއްލައިން މޮޅު ލިޔުމެއް ލިޔުމުގެ ވިސްނުން ދޫކޮށްލި ފަދައެވެ. މޮޅެތި ލިޔުންތެރިންގެ ޑިމާންޑް މިވަނީ ބޮޑުވެފަ އެވެ. ސްކޫލުތަކުން ފެށިގެން އަމިއްލަ ފަރާތްތަކުން ވެސް މޮޅެތި ލިޔުންތެރިން ލައްވައި ލިޔުއްވައިގެން މުބާރާތައް ހުށަހެޅުމަށް ނޫން ވިސްނުމެއް ގެންގުޅޭތަނެއް ނުފެނެއެވެ. އެހެންކަމުން މޮޅެތި ލިޔުންތެރިން އުފެއްދުމުގެ މަގުސަދުގައި ބާއްވާ އެ ގައުމީ މުބާރާތުގެ މަގުސަދާއި ހިލާފު އެތައް ކަމެއް މިވަނީ ހިނގަން ފަށާފައެވެ.

"އަޅުގަނޑުގެ ކައިރިވެސް ސުކޫލްތަކުން އެބަބުނޭ ލިޔެދޭށޭ. ސްކޫލުތަކުގެ ވާދަވެރިކަން މިވަނީ އިންތިހާއަށް މަތިވެފައި، ބެލެނިވެރިން ކޮންމެހެން އެބަބޭނުންވޭ ކުއްޖާއަށް އެއް ވަނަ ހޯދައިދޭން، ދެން ކިހިނެއްތޯ މިއޮތް ޒަމާނެއްގައި މިކަމަށް ނަޒާހަތްތެރިވާނީ،" ގިނަ ދުވަސްތަކެއް ވަންދެން ދިވެހި ޓީޗަރެއްގެ ގޮތުގައި މަަސައްކަތް ކުރައްވާފައިވާ ބޭފުޅަކު ވިދާޅުވި އެވެ.

ގައުމީ މުބާރާތައް މަޒުމޫން ލިޔަން ބޭނުންވާ ފަރާތްތަކުން އަންނަ މަހު ތިން ވަނަ ދުވަހު އެ މަޒުމޫނެއް ލިޔުމަށްފަހު އެ އެކެޑެމީއަށް ހުށައެޅުމަށް އަންގާފައިވާއިރު ވާހަކަ ލިޔާ ފަރާތްތަކުން ހުށައެޅުމަށް މުއްދަތު ހުޅުވާލާފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެން ކަމުން އެ މުބާރާތުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް ވެސް މީހަކު ލައްވާ ލިޔެފައި ނުވަތަ އަމިއްލައަށް ވެސް ލިޔާ ލިޔުން އެހެން މީހެއް ލައްވައި އިސްލާހު ކޮށްގެން ވެސް ހުށަހެޅުމުގެ ފުރުސަތު މި އޮތީ ހުޅުވިފަ އެވެ. ހަމައެއާއެކު އަތުލިޔުން ގެއްލެމުންދާ ޒަމާނެއްގައި އެކަން މި ވަނީ އަނެއްކާވެސް ހީނަރުވާން ފަށާފަ އެވެ.

"މަގުސަދަކީ ކުދިންގެ ލިޔުންތެރިކަން އިތުރުކޮށް ކުދިން އަތުލިޔުން ރަނގަޅު ކުރުން ކަމަށްވާނަމަ ނުވަތަ ކުދިންގެ ލިޔުންތެރިކަމުގެ ފެންވަރު ރަނގަޅުކޮށް އަދަބިއްޔާތު ރަނގަޅު ކުރުން ކަމަށް ވަންޏާ މިހާރު އޮތް މުބާރާތަކުން އެކަން ހާސިލް ވާނެ ކަމަށް ގަބޫލެއް ނުކުރެވޭ،" ދިވެހި ބަހުން ޑިގުރީ ހާސިލް ކުރައްވާފައިވާ މުހައްމަދު މުސްތަފާ ވިދާޅުވިއެވެ.

ކޮންމެ އަކަސް ބަހުގެ އެކަޑެމީއިން ގައުމީ މުބާރާތައް އެގެނައި ބަދަލާއި ގުޅިގެން މި ވަނީ ކަންބޮޑުވުންތަކާއި ފާޑުކިޔުންތައް މެކުހަށް ޖަހާފައެވެ. އެކަން ކަމުދިޔަ މީހަކާއި ދިމައެއް ނުވި އެވެ. ސްކޫލުތަކާއި އަދަބީ ފަރާތްތަކާއި ވާހަކަ ދެއްކުމުންވެސް މުޅިންވެސް ކިޔަމުންދިޔައީ ފާޑެވެ. އެބޭފުޅުންގެ ވާހަކަ ތަކުން އެބަދަލުގެ ސަބަބުން މޮޅެތި ލިޔުންތެރިކަން އުފެދުން ހުއްޓޭނެ އެވެ. ނަމަވެސް ބަހުގެ އެކެޑެމީއިން އެކަމާއި އިންކާރު ކުރެއެވެ.

އެއެކެޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވި ގޮތުގައި ލިޔެފަ ހުށައަޅާ ގޮތަށް ބަދަލު ގެނައީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލިޔަން ބޭނުންވާ ކުދިން ތިބުމާއެކު ކޮންމެ ކުއްޖަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ. އެގޮތަށް މުބާރާތް އޮތުމުން ފެންވަރު ރަނގަޅު މަޒުމޫނު ލިބުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް އަޝްރަފް ވިދާޅުވި އެވެ. އެހެންކަމުން އެހެން މީހެއް ލައްވައި ލިޔެގެން މުބާރާތައް ހުށަހަޅާނެ ކަމަށް ގަބޫލް ނުކުރައްވާ ކަމަށް އަޝްރަފް ވިދާޅުވި އެވެ.

"މީހުން ލައްވައި ލިޔާކަށް ނުޖެހޭ. އެއީ އަޅުގަނޑުމެން ގެންގުޅޭ ސަގާފަތެއްގެ ގޮތަށް ހަދައިގެން މި އުޅެނީ ދެއްތޯ، ބައިނަލް އަގުވާމީ ދުނިޔޭގެ ކަންކޮޅުތަކަށް ވިސްނާލާ ކަމުގައިވާނަމަ މުބާރާތަކާއި އަޅުގަނޑުމެން މި ބާއްވާ އިމްތިހާނަކާއި ފަރަގުވާންޖެހޭ، ކުއްޖާ ލައްވާ ދެ ގަޑިއިރު ވަންދެން މިއުޅެނީ ސިޔާސަތެއް ނިންމާކަށެއް ނޫން، އޭނާ ބޭނުންވާ މައުލޫމާތު އެއްކޮށްގެން ރަނގަޅު ހަރުދަނާ އެއްޗެއް އޭނަ ލައްވައި ލިޔުއްވުމަށް ބެލެނިވެރިން ވެސް މައިންބަފައިން ވެސް މަސައްކަތް ކުރަންވީ،" އަޝްރަފް ވިދާޅުވިއެވެ.

އެހެން މީހުން ލައްވައި ލިޔެގެން ލިޔުން ހުށައަޅާނަމަ އެކަން ކަށަވަރު ކުރެވޭނެ ގޮތްތަކެއް ހޯދާނެ ކަމަށާއި އެކަން ކުރާނީ ކުދިންގެ އުމުރާއި ފެންވަރަށް ބެލުމަށްފަހު ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަލަށް ގެނައި ބަދަލު ގެނައީ އެތައް ބަޔަކާއި މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.

މި ގެނައި ބަދަލަކީ ވެސް ލިޔުންތެރި ކަމަށް ހީނަރު ކަމެއް އައިސް މޮޅެތި ލިޔުންތެރިކަން އުފެއްދުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރަނީ އެވެ. އެއީ ވަކި ބަޔަކު ލައްވައި ލިޔެގެން ވަކި މީހެއްގެ ނަމުގައި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮތުމުންނެވެ. ނަމަވެސް ބަހުގެ އެކަޑެމީން އެކަމަށް އިންކާރު ކުރެއެވެ. އެއެކަޑެމީއިން ބުނަނީ އަލަށް ގެނައި ބަދަލާއެކު މޮޅެތި ލިޔުންތަކެއް އުފެއްދުމަށް ކުދިންނަށް ގިނަ ފުރުސަތު ލިބޭނެ ކަމަށެވެ.

ފަހަކަށް އައިސް އަދަބީ ކަންކަމަށް ގެންނަ ބައެއް ބަދަލުތަކުގެ ސަބަބުން އޭގެ ހެޔޮ ނަތީޖާއެއް ނުފެންނަ ކަމަށް މުސްތަފާ ވިދާޅުވި އެވެ. އެގޮތުން މުސްތަފާ ވިދާޅުވީ މީގެ ކުރިން ގައުމީ ވާހަކަ ދެއްކުމުގެ މުބާރާތްތަކުގައި ކުދިން ވާހަކަ ދައްކަމުން ދިޔައީ ކުއްލި މައުޟޫތަކަށް ވާއިރު އޭރު މޮޅެތި ވާހަކަ ދެއްކުންތެރިން އުފެދުނު ކަމަށެވެ. ނަމަވެސް އަލަށް ގެނައި ބަދަލާއެކު އެކަން ބަދަލު ވެފައި ވަނީ ކުރިން މައުޟޫ ދީ އެމަޟޫލޫއަކަށް ވާހަކަ ދައްކައިގެން ފަރިތަކޮށްގެން އައިސް މުބާރާތުގައި ވާދަކުރުމަށް ލިބޭ ފުރުސަަކަށްވާއިރު އެކަމުގެ ސަބަބުން މޮޅެތި ވާހަކަދެއްކުންތެރިން ވެސް ނުއުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ. ލިޔުންތެރި ކަމަށް ގެނައި އެ ބަދަލު ވެސް އެހެން ވެދާނެ ކަމަށް އެތައް ބަޔަކު ގަބޫލުކުރެ އެވެ.

comment ކޮމެންޓް