ވެރިންގެ ހަށިފާރަވެރިޔާ އާންމު ހިދުމަތަށް ވެސް ތައްޔާރު!

އެމްއެންޑީއެފްގެ ކުރީގެ ކާނަލް މުހައްމަދު ޒިޔާދު ސަންއަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ

އޭނާ ހުންނަނީ މަންޒަރަށް ބަލަހައްޓައިގެންނެވެ. އެތަން މިތަން ހޯދައި ފާރަވެރިވާނެ އެވެ. ޝިކާރަ ކުރަން ފެން ބޮވައިގެންފައި ތިބި މީހުންގެ ހަމަލާތަކަށް ރައްކާތެރިވާނެ އެވެ. ގަންނާ ކުރެއްވި ބިރުން ފިލާކަށް ނޫޅޭނެ އެވެ. ރައްކާތެރިވާނެ ފޭރާމުން އޭނާ ހުންނަނީ ބަނދެވިފަ އެވެ. ބަލާ ބެލުމަށް އެއީ ސީރިއަސް މީހެކެވެ. މޫނު މަތިން އެ ފެންނަ ކުލަވަރަކީ ވެސް އޭނާގެ ވަޒީފާ އެވެ. އެއީ ހަށިފާރަވެރިންގެ ސިފަ އެވެ. އެއީ ސިފައިންގެ ހިދުމަތުގައި 24 އަހަރު ހޭދަ ކުރެއްވި ކާނަލް މުހައްމަދު ޒިޔާދުގެ ސިފަ އެވެ.

އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ކުރީގެ ވެރިޔާ ކާނަލް ޒިޔާދަކީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ކުރީގެ ހަށިފާރަވެރިޔާ އެވެ. ރާއްޖެ އަށް ވަޑައިގެންނެވި ދުނިޔޭގެ 'ހައި ރިސްކު' ބޭފުޅުންގެ ސަލާމަތީ ކަންތައް ވެސް ޒިޔާދު ބެލެހެއްޓެވި އެވެ. ދެހާސް އެގާރަ ވަނަ އަހަރު ބޭއްވި ސާކް ސަމިޓުގައި އޭނާ ވަނީ އެކަން ސާބިތުކޮށްދެއްވާފަ އެވެ.

މީގެ 26 އަހަރު ކުރިން ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންވި ކާނަލް މުހައްމަދު ޒިޔާދު ސިފައިންގެ ޚިދުމަތުން ވަކިވެވަޑައިގަތީ 24 އަހަރު ޚިދުމަތް ކުރެއްވުމަށް ފަހު އެވެ.

ޒިޔާދަކީ އާންމުންނަށް އޭނާ ފަރިތަ ބޭފުޅެއް ނޫނެވެ. އާ މޫނެކެވެ. އާންމުގެ ތެރެއަށް އޭނާ މަޝްހޫރުވެގެންދިޔައީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި ފަހުންނެވެ. އޭނާގެ މައްޗަށް ދައުވާ އުފުލި މީޑިއާގެ ފަލަ ސުރުޚީތަކަށް އެ ވާހަކަތައް އައުމުންނެވެ.

އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައިވާ އިރު، ޒިޔާދު ވިދާޅުވި ގޮތުގައި ޝަރީއަތް ހިންގާފައި ވަނީ ވަރަށް އިންސާފުވެރިކޮށެވެ. ޝަރީއަތް ހިންގާފައި ވަނީ މިލިޓަރީ ކޯޓެއްގައި ވެސް ޝަރީއަތް ހިންގާގޮތަށް ވުރެ ވެސް ފުރިހަމަކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންސާފުވެރި ގޮތެއްގައި ޝަރީއަތް ނިމިގެން ދިޔައީތީ އުފާކުރަން،" ޒިޔާދު ވިދާޅުވި އެވެ.

އެހެން ބޭފުޅުންގެ ވިސްނުމާއި ޒިޔާދުގެ ވިސްނުމާ މުޅިންތަފާތެވެ. އޭނާ ދެކެވަޑައިގަންވާ ގޮތުގައި ގައުމަށް ޚިދުމަތް ކުރުމަށްޓަކައި ކޮންމެހެން ސިޔާސީ މީހަކަށް ވާކަށް ނުޖެހެ އެވެ.

"ސީދާ ސްޕެސިފިކްކޮށް ޕޮލިޓިކްސްގެ ތެރެއަށް ވަނުމުގެ ވިސްނުމެއް އަޅުގަނޑު ނުގެންގުޅެން. ނަމަވެސް ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ޓަކައި ކޮންމެހެން ސިޔާސީ މީހަކަށް ވާކަށް ނުވެސްޖެހޭ. ރައްޔިތުންނަށް ޚިދުމަތް ކުރެވިދާނެ ސިޔާސީ މީހަކަށް ނުވެ ހުރެ ވެސް،" ޒިޔާދު ވިދާޅުވި އެވެ.

ދައުލަތާ ގުޅިގެން ގައުމަށް ޚިދުމަތް ކުރުމުގެ ފުރުސަތެއް ލިބިވަޑައިގެންފި ނަމަ އެ ފުރުސަތުގެ ބޭނުން ހިއްޕަވަން ޒިޔާދު ހުންނެވީ ތައްޔާރަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ދިވެހި ގައުމަށް ޚިދުމަތް ކުރެއްވުމަށް ދައުލަތާ ގުޅިވަޑައިގަތުމަށް ފުރުސަތު ލިބިވަޑައިގެންފި ނަމަ، އޭނާ ބައްލަވާނީ އެންމެ ބޮޑަށް ރައްޔިތުންނަށް ޚިދުމަތް ކުރެވެނީ ކޮން ދިމާލަކުންތޯ އެވެ.

"ގައުމީ ޚިދުމަތުގައި ދެމިހުރުމަށް ޓަކައި ދައުލަތުގެ ފަރާތުން ދެއްވާ ކޮންމެކަހަލަ ފުރުސަތަކަށް ވެސް އަޅުގަނޑު މަރުހަބާ ކިޔާނަން. އަޅުގަނޑު އަބަދުވެސް ބަލަން އެކަމަކީ ގައުމަށް ނަތީޖާ ނެރެދެވޭނެ ކަހަލަ ކަމަކަށްތޯ އަޅުގަނޑަށް ހަވާލުވެވެނީ. އެހެންވީމަ އެކަހަލަ ފުރުސަތެއް ލިބިއްޖިއްޔާ އަޅުގަނޑު އެކަމަކާއިގެން ކުރިއަށްދާން ތައްޔާރަށް މިހުރީ،" ޒިޔާދު ވިދާޅުވި އެވެ.

ދިވެހި އަސްކަރިއްޔާގެ މަތީ ފަންތީގެ މެޑަލްތައް ހޯއްދަވައި، ކުޅަދާނަ ތަމްރީނުތައް ހައްދަވާފައިވާ ޒިޔާދުގެ މިއަދުގެ މިސްރާބަކީ ރައްޔިތުންގެ ހިދުމަތް ކުރުމެވެ. އޭނާ ހުރީ އެފަދަ ދަނޑިވަޅަކަށް ބަލަބަލަ އެވެ. އޭނާގެ އުންމީދަކީ ދައުލަތުގެ ހިދުމަތުން ލިބުނު ތަމްރީނުން ރައްޔިތުންނަށް އަނެއްކާވެސް ހިދުމަތެއް ދިނުމެވެ.

comment ކޮމެންޓް