ދަރަވަންދޫ ރައްޔިތުންނަށް ގޯތި ދޫކުރުމަށް އެއްވެސް ހުރަހެއް ނާޅަން: މުއިއްޒު

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު: ދަރަވަންދޫ ރައްޔިތުންނަށް ގޯތި ދޫކުރުމަށް އެއްވެސް ހުރަހެއް މިނިސްޓްރީ އިން ނާޅާ ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބ. ދަރަވަންދޫ ރައްޔިތުންނަށް ގޯތި ހޯދުމުގެ ފުރުސަތު އެ ރަށު ރައްޔިތުންގެ ނެތް ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު މައުލޫމާތުތަކެއް ކަމަށާއި އެ ރަށު ރައްޔިތުންނަށް ގޯތި ދޫކުރުމަށް އެއްވެސް ހުރަހެއް މިނިސްޓްރީން ނާޅާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ސަން" އަށް އިއްޔެ ދެއްވި ހާއްސަ އިންޓިވިއުއެއްގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ ދަރަވަންދޫ ރައްޔިތުންނަށް ގޯތި ހޯދުމުގެ ފުރުސަތު ހުޅުވާލުމަށް ސަރުކާރުން ވާނީ ދަރަވަންދޫ ކައުސިލަށާއި ބ. އަތޮޅު ކައުންސިލަށް ވެސް އަންގާފައި ކަމަށެވެ. އަދި ދަރަވަންދޫގެ ތަރައްގީއަށް ބޭނުންވާ ބިންތައް ކަނޑައެޅުމަށްފަހު މިނިސްޓްރީ އަށް އެންގުމަށް ވެސް އަންގާފައިވާނެ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

"ދަރަވަންދޫ ރައްޔިތުންނަށް ގޯތި ދޫކުރުމަށް އެއްވެސް ހުރަހެއް މިނިސްޓްރީއަކުން ނާޅަން. ކައުންސިލުން އެކަން ކުރިއަށް ގެންދަން ބޭނުން ނަމަ އެކަން ކުރިއަށް ގެންދެވޭނެ. އެހެންވީމަ ކައުންސިލުން ދަރަވަންދޫ ރައްޔިތުންނަށް ގޯތި ދިނުމަށް ހުޅުވާނުލައި ނުވަތަ އެ މަސައްކަތް ނުކޮށް މިނިސްޓްރީ {ހައުސިން މިނިސްޓްރީ} އިން އެކަމަށް ހުރަސް އަޅަނީ ކަމަށް ބުނެ މަސައްކަތް ކުރަމަކީ ވަރަށް ހިތާމަވެރި ކަމެއް. އަޅުގަނޑުމެން ވާނީ ދަރަވަންދޫ ކައުންސިލަށް އަތޮޅު ކައުންސިލް މެދުވެރިކޮށް ދަންނަވާފައި ގޯތި ދޫކުރުމަށް އާ ބުރެއް ހުޅުވާލަން ބޭނުންވާނަމަ މިނިސްޓްރީ އަށް ބިމުގެ ބަޖެޓު ހަދާފައި ފޮނުވުމަށް،" މުއިއްޒު ވިދާޅުވި އެވެ.

ޅ. މާފިލާފުށިން މީހުން ހުސްކުރުމުގެ މަސައްކަތަކީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށާއި މާލެ ސަރަހައްދުން ނޫން ހިސާބަކުން ގޯތި ބޭނުން ނަމަ މިނިސްޓްރީއަށް އެންގުމަށް އެ ރަށު ރައްޔިތުންގެ ގާތު ބުނެފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ މާފިލާފުށީ 13 ފަރާތަކުން ވެސް ދަރަވަންދޫ އިން ގޯތި ބޭނުންވާކަން ހައުސިން މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ވާނީ ދަރަވަންދޫ ކައުންސިލަށް އަންގާފައި އެ 13 ގޯތި ހަމަޖެއްސުމަށް ފަހު މިނިސްޓްރީ އަށް އެންގުމަށް. ދެން މާފިލާފުށީގެ ރައްޔިތުން ވަނީ އެކި ރަށްރަށުން ގޯތި ބޭނުންވާކަން ބުނެފައި. އެ ރަށްރަށުގެ ކައުންސިލުން މިނިސްޓްރީއަށް މިކަމުގައި {މާފިލާފުށި ރައްޔިތުންނަށް ގޯތި ދިނުމުގައި} ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން އެއްބާރުލުންދޭ. އޭގެ މަނާ އަކީ އެ ރަށްރަށުގައި ދިިރިއުޅޭ ރައްޔިތުންނަށް ގޯތި ދޫނުކުރާ ވާހަކައެއް ނޫން. އެ ރަށްރަށުގެ ރައްޔިތުންނަށް ގޯތި ހޯދުމުގެ ފުރުސަތު އޮންނާނީ ހުޅުވާލެވިފައި،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ދަރަވަންދޫ ރައްޔިތުންނަށް އެ ރަށު ކައުންސިލުން ވަނީ ވަރަށް ބޮޑަށް އޮޅުވާލާފައި ކަމަށާއި އެކަމާ ހިތާމަކުރައްވާ ކަމަށެވެ. ތަކުރާރުކޮށް މިނިސްޓަރު މުއިއްޒު ވިދާޅުވީ "ރައްޔިތުންނަށް ދަތިވާ ގޮތަށް ނުވަތަ ރައްޔިތުންނަށް ގޯތި ދޫކުރުމަށް އެއްވެސް ވަރަކަށް މިނިސްޓްރީ އިން ހުރަސް ނާޅާނެ" ކަމަށެވެ.

comment ކޮމެންޓް