ކާނަލް ނާޒިމްގެ މައްސަލަ އިސްތިއުނާފުކޮށްފި

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ---- ސަން ފައިލް ފޮޓޯ

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފުކޮށްފި އެވެ.

އެ މައްސަލަ އިސްތިއުނާފުކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަން ނާޒިމްގެ ގާނޫނީ ޓީމުން ވަނީ ސަން އަށް ކަށަވަރުކޮށްދީފަ އެވެ.

ނާޒިމްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ޝަރީއަތް ނިމުނުގޮތުގެ ޚުލާސާ ރިޕޯޓު ކްރިމިނަލް ކޯޓުން ދޫކޮށްފައިވީނަމަވެސް އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް އެކަށީގެންވާ ގޮތެއްގައި އިސްތިއުނާފު ނުކުތާތައް ތާއްޔާރު ކުރެވިފައިނުވާ ކަމަށެވެ.

ނާޒިމްގެ މައްސަލަ އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވަނީ މިއަދު 2:00 އަށެވެ.

އެ މައްސަލައިގެ ޝަރީއަތް ނިމުނުގޮތުގެ ފުލް ރިޕޯޓު ލިބިފައިނުވާތީ، ނާޒިމްގެ ގާނޫނީ ޓީމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކާނަލް ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވާފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށް ޝަރީއަތަށް ސާބިތުވުމުންނެވެ.

comment ކޮމެންޓް