ފަސް ރަށެއްގެ ކުނި މެނޭޖްކުރާ ނިޒާމް ގާއިމްކުރަން ބަޔަކާ ހަވާލުކޮށްފި

ކުނި މެނޭޖު ކުރުމަށްޓަކައި ހިންގާ ޕްރޮގްރާމްގެ ދަށުން މަރުކަޒުތައް އިމާރާތް ކުރުމަށް ބަޔަކާ ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: އަހުމަދު ޖައިޝަން

ނ. އަތޮޅުގެ ހަތަރު ރަށެއްގެ ކުނި މެނޭޖު ކުރާ މަރުކަޒު އިމާރާތް ކުރުމާއި ރ. ވަންދޫ ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ފެސިލިޓީގައި ގާއިމް ކުރެވޭ އިންސިނެރޭޝަން ޕްލާންޓް ޝެޑް އިމާރާތް ކުރުމަށް ބަޔަކާ ހަވާލު ކޮށްފި އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ.

ނ. އަތޮޅުގެ ހަތަރު ރަށުގެ ތެރެއިން ކުނި މެނޭޖް ކުރާ މަރުކަޒު އިމާރާތް ކުރަނީ ޅޮއްސާއި މާޅެންދޫ އާއި ފޮއްދޫ އަދި މަގޫދޫ އެވެ.

އެ ހަތަރު ރަށުގެ ތެރެއިން ޅޮއްސާއި މާޅެންދޫ އަދި ފޮއްދޫ ގައި އިމާރާތް ކުރާ މަރުކަޒުތައް 1.9 މިލިއަން ރުފިޔާއަށް ހަވާލު ކޮށްފައިވަނީ ސަރޫހު ޕްރައިވެޓް ލިމިޓެޑާއެވެ.

މަގޫދޫގެ މަރުކަޒު އިމާރާތް ކުރުމަށް 585260 ރުފިޔާއަށް ވީ އަވާ އިންވެސްޓްމެންޓާ ހަވާލުކޮށްފައިވާ އިރު ވަންދޫގެ އިންސިނަރޭޝަން ޕްލާންޓްގެ ޝެޑް އިމާރާތް ކުރުމަށްވެސް ހަވާލު ކޮށްފައިވަނީ އެ އިންވެސްޓްމެންޓާއެވެ. އެތަނުގެ މަސައްކަތުގެ އަގަކީ 2،584،949 ރުފިޔާއެވެ.

ވަންދޫ އާއި ޅޮހީ އަދި މާޅެންދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މަރުކަޒުތަކަށް މޯލްޑިވްސް އެންވަޔަމެންޓް މެނޭޖްމެންޓް ޕްރޮޖެކްޓްގެ ދަށުން ހަރަދު ކުރާނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ. އޭގެ އިތުރުން ފޮއްދޫ އަދި މަގޫދޫގެ މަރުކަޒަށް ހަރަދު ކުރާނީ ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމްގެ ދަށުންނެވެ.

މިނިސްޓްރީ އިން ބުނީ އެ މަސައްކަތައް 4.3 މިލިއަން ދިވެހި ރުފިޔާ ހަރަދުވާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެ ރަށްރަށުގެ މަސައްކަތްތައް ނިންމުމަށް ފަހު، އެތަންތަން އޮޕަރޭޓް ކުރުމަށް ހަވާލު ކުރަން ނިންމާފައިވަނީ ފެނެކަ ކޯޕަޜޭޝަނާ ކަމަށެވެ. އަދި އެ ކޯޕަރޭޝަން އާ ހަވާލުކުރުމަށް ބޭނުންވާ އެއްބަސްވުންތައް އެކުލަވާލުމަށް މަސައްކަތްތައް ކުރަމުން ގެންދަވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް