އަލިފާނުގެ ހާދިސާގެ ފުރަތަމަ 'ފޭސް'އިން އަރައިގަނެވިއްޖެ: އެމްޑަބްލިއުއެސްސީ

މިދިޔަ އަހަރު ހިނގި އަލިފާނުގެ ހާދިސާގައި އެމްޑަބްލިއުއެސްސީގެ ޕެނަލް ބޯޑުތައް އަނދާފައި-- ސަން ފައިލް ފޮޓޯ

މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) ގައި ވޭތުވެދިޔަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއިން އަރައިގަތުމުގެ ފުރަތަމަ ފޭސް ނިމިފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީއަށް 20 އަހަރު ފުރުމާ ގުޅިގެން 'ސަން'އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، އަލިފާނުގެ ހާދިސާގައި އެކުންފުނީގެ ޕެނަލްތައް އަނދާފައިވާއިރު އެމަސައްކަތުން އަދިވެސް އަރައި ނުގަނެވޭ ކަމަށެވެ. މިހާރު ފުރަތަމަ ފުރަތަމަ ފޭސް ގެ މަސައްކަތް ނިންމާލެވިފައިވާއިރު އެމްޑަބްލިޔްއެސްސީއަށް ބޭނުންވާ 50 ޕަސެންޓް ކަރަންޓް އުފައްދަނީ އެކުންފުނިން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ރާއްޖޭން ބޭރުން އެތެރެކުރަންޖެހޭ ތަކެއްޗަށް ގާތްގަނޑަކަށް އޯޑަރުކޮށް ނިމިފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"31 މާޗުގައި އަޅުގަނޑުމެންނަށް އެންމެ ޖަނަރޭޓަރެއް މިހިންގާލެވުނީ. މިހާރު އަޅުގަނޑުމެން ކުރިއަށް މިގެންދަނީ ސްޓެލްކޯގެ ދީލަތި އެހީތެރިކަމާއެކު. އަދި ސަރުކާރުގެ ދީލަތި އެހީތެރިކަމާއެކީގައި އެމްޑަބްލިއުއެސްސީ ހިންގަމުން މިދަނީ. ކުރިން އެމްޑަބްލިއުއެސްސީއަކީ އަމިއްލަ ޕަވާއިން ހިންގާ އަމިއްލަ ޕަވާއިން އުފެއްދުންތައް އުފައްދާތަނެއް." ފަޒުލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމަސައްކަތުން އަރައިގަތުމަށް މިހާރު ޓާސްކު ފޯހެއް އެކުލަވާލެވި ޝެޑިއުލެއްގެ ދަށުން މަސައްކަތް ކުރަމުންދާ ކަމަށާއި އެމަސައްކަތް ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

އެފަދަ ހާދިސާތަކުން އަރައިގަތުމަށްޓަކައި އެމްޑަބްލިއުއެސްސީގައި ހުރި އެކި ސިސްޓަމްތައް އެ އިމާރާތުގެ އެކި ސަރަހައްދުތަކަށް ބަހާލަން ނިންމާފައިވާ ކަމަށާއި އޭރުން ހާދިސާއެއް ދިމާވާ ހާލަތެއްގައިވެސް ލިބޭ ގެއްލުން ކުޑަކުރެވޭނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.

"ޖަނަރޭޓަރު ޕަވާ އެހެން ލޮކޭޝަނަކަށް ބެހެއްޓުމާއި އެހެން ނޫންނަމަ ޕެނަލްތައް އެހެން ލޮކޭޝަންތަކުގައި ބެހެއްޓުމާއި މުޅި ޑިސްޓްރިބިއުޓް ކޮށްލެވެނީމި. އެކި ދިމަދިމާލަށް މި ބަހާލެވެނީ އަޅުގަނޑުމެންގެ އިމާރާތުގެ ތެރޭގައި އިނގޭތޯ. އެއީ އެކަހަލަ ހާދިސާއަކުން އަރައިގަތުމަށްޓަކައި އަދި ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ފިޔަވަޅުތަކެއް އެޅިގެން މިދަނީ،" ފަޒުލް ވިދާޅުވިއެވެ.

މާލޭގެ ރިޒާވަށް ތިން ދުވަސް ނުވަތަ ހަތް ދުވަހުގެ ފެން ސްޓޯރޭޖެއް ބޭނުންވާއިރު އިތުރު ވޯޓާ ރިޒާވް ގާއިމް ކުރުމަށް މަސައްކަތް ކުރަމުން ދާކަމަށާއި މިވަގުތު މާލޭގައި ފެން ރިޒާވްކުރުމަށް ތިން ޓޭންކް ބޭނުންކުރަމުންދާއިރު އިތުރު ހަތަރު ޓޭންކެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑިސެމްބަރު މަހު އެމްޑަބްލިއުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން މުޅި މާލެއިން ފެން ކެނޑި، މާލޭގައި ދިރިއުޅޭ 130،000 މީހުން ވަނީ އެކަމުގެ ދަތިކަން ހަފްތާއަކަށް ވުރެ ގިނަ ދުވަހު ތަހައްމުލްކޮށްފައެވެ.

comment ކޮމެންޓް