ޒަކާތު ފަންޑުން ބޯންމެރޯ ހަދާ އިތުރު އަށް ކުދިން އަންނަ ހަފްތާގައި ފުރަނީ

ބޯން މެރޯ ހަދާ ކުދިންނާ ބައްދަލު ކުރުމަށް އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: އަލީ ނަސީރު

ތެލަސީމިއާ ކުދިން އެ ބަލިން ފަސޭހަ ކުރުމަށް އޮތް ހަމަ އެކަނި ގޮތް ކަމަށްވާ ބޯންމެރޯ ޓްރާސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން އެހީދިން ކުދިންގެ ތެރެއިން ދެ ވަނަ ބެޗުގައި ހިމެނޭ އަށް ކުދީން އަންނަ ހަފްތާގެ ތެރޭގައި ފުރާ ނިމޭނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފި އެވެ.

ޒަކާތު ފަންޑުން އެހީ ދިން 34 ކުދިންގެ ތެރެއިން ފުރަތަމަ ބެޗުގައި 10 ކުދިން މިހާރު ފުރާފައިވާއިރު ދެ ވަނަ ބެޗުގެ ތެރެއިން ދެ ކުއްޖަކު ހުކުރު ދުވަހު ފުރާނެ ކަމަށް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ. އަދި ބާކީ ހަ ކުދިން އަންނަ ހަފްތާގެ ތެރޭގައި ފުރާނެ ކަމަށް ވެސް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

ދެ ވަނަ ބެޗުގައި ފުރާ ދަރިވަރުންނާއި ސަރުކާރުން ބައްދަލު ކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ޒަކާތު ފަންޑު ތަނަވަސްވާ މިންވަރަކުން ފުދުންތެރިކަން ނެތް އެތައް ބަޔަކަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވާނެ ކަމަށެވެ.

"ގިނަ ފަރާތްތަކަކުން މުދަލުގެ ޒަކާތް ނެރުމުން ކުރަމުންދާ ފައިދާ އަޅުގަނޑުމެންނަށް ފެންނަމުން މި ދަނީ. ޒަކާތު ފަންޑު ތަނަވަސް ވަމުންދާ މިންވަރަކުން ފުއްދުންތެރިކަން ނެތް އެތައް ބަޔަކަށް، ފަގީރުންނާއި މިސްކީނުންނަށް، ކިޔަވާ ކުދިންނަށް، ބަލި މީހުންނަށް ވަރަށް ގިނަ ފައިދާތަކެއް، ހިދުމަތްތަކެއް ލިބޭ،" މިނިސްޓްރު ވިދާޅުވިއެވެ.

އެންސްޕާ އާއި އާސަންދަ އަދި ޒަކާތު ފަންޑު މެދުވެރިކޮށްގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމްގެ ދެވަނަ ބެޗުގައި ކުދިންތައް ދަނީ އިންޑިއާގެ ހޮސްޕިޓަލްތަކަށެވެ. އޭގެ ތެރޭގައި އެއްބައި ކުދިން އިންޑިއާގެ ގްލޯބަލް ހޮސްޕިޓަލަށް ދާއިރު އަނެއްބައި ކުދިން ދާނީ މަހިޕާލް ހޮސްޕިޓަލަށެވެ.

ބޯންމެރޯ އޮޕަރޭޝަނަށްފަހު ތިން މަސް ވަންދެން އެ ކުއްޖަކު އެ ގައުމެއްގައި މަޑުކުރަންޖެހެ އެވެ. އަދި ޒަކާތު ފަންޑުން އެ ކުއްޖާއަށާއި އެ ކުއްޖާގެ ބެލެނިވެރިންގެ ޓިކެޓާ ހުރިހާ ހަރަދުތައް ވެސް ހަމަޖައްސައިދޭނެ އެވެ.

އެގޮތުން، ކޮންމެ ކުއްޖަކަށް ގާތްގަނޑަކަށް 45،000 ޑޮލަރު ޒަކާތު ފަންޑުން ހަރަދުކުރާއިރު، ބޯންމެރީ އޮޕަރޭޝަނަށް ގާތްގަނޑަކަށް 30،000 ނުވަތަ 35،000 ޑޮލަރު ހޭދަވާނެ ކަމަށް އެންސްޕާއިން ބުނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު