ބައެއް ތަކެތިން ޑިއުޓީ ކަނޑާލީ "ދުރު ރާސްތާއަކަށް" ވިސްނާފައި: އަދީބު

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަދީބު ވާހަކަދައްކަވަނީ: ސަން ފޮޓޯ/ އަލީ ނަސީރު

އިމްޕޯޓް އެކްސްޕޯޓު ގާނޫނަށް ބަދަލު ގެނެސް ރަނާ ލަގްޒަރީ ޔޮޓު ފަހަރުން ސުން ރޭޓުން ޑިއުޓީ ނަގަން ނިންމީ "ދުރު ރާސްތާއަކަށް" ވިސްނުމަށްފަހު ވަރަށް ގިނަ ދިރާސާތަކެއް ހެދުމަށް ފަހުގައި ކަމަށް ޓުވަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ ނިއުސް ކޮންފަރެންސްގައި އަދީބު ވިދާޅުވީ، އެކަމުގައި އިކޮނޮމިކް މިނިސްޓްރީން ވަރަށް ބޮޑެތި ދިރާސާތަކެއް ހަދާފައިވާ ކަމަށެވެ. އަދީބު ވިދާޅުވީ ރަނުން ސުން ރޭޓުން ޑިއުޓީ ނެގުމަށް ނިންމީ ރާއްޖެއަކީ އިންޑިއާ ކައިރީގައި އޮތް އެއް ގައުމު ކަމަށް ވާތީއާ އަދި ރަނަކީ އިންޑިއާ އިން އެންމެ ބޮޑަށް އިމްޕޯޓު ކުރާ އެއް މައުދަނަށް ވާތީ ކަމަށެވެ.

"ދުބާއީ ދުބާއި އަށް ވީ ރަނުގެ ވިޔަފާރީގައި. އިކޮނޮމިކް މިނިސްޓްރީގެ ވަރަށް ބޮޑު ދިރާސާއެއް އެއީ. ޔޮޓުތައް މިތަނަށް ޑިއުޓީ ދައްކަން އިނުމުން މިސާލަކަށް މިތަނަށް ރާއްޖެއަށް އަންނަނީ ފަސްޓު ކުލާހުގައި. ދެން މިސާލަކަށް ޝަންގްރިއްލާއަށް މިގެންދަން ޖެހެނީ ކުޑަ އާދައިގެ ގަލްފު ކުރާފްޓު ބޯޓެއްގައި. އެހެންވި އެ ފަސްޓު ކުލާހުގެ ސާވިސް އެއް ނުދެވޭ. މިކަހަލަ ޔޮޓުތައް އެޓްރެކްޓު ކުރުމަށްޓަކައި އަދި ހުޅުމާލޭ ދެވަނަ ފޭސްގައި މެރީނާތައް ހުރުމާ އެކީގައި ދިވެހިރާއްޖެއަކީ ލަގްޒަރީ އެއްޗެއްހި އެޓްރެކްޓް ވާތަނަކަށް ހެދުމަށް އަދި ގޯލްޑު ވިޔަފާރި ދިވެހި ބޭފުޅުންނާ އަދި ބޭރުގެ އިންވެސްޓަރުން އައިސް ރަނުގެ ވިޔަފާރި ފުޅާދާއިރާއަކަށް ކުރުމަށް އެކަން އެގޮތަށް އެކަން ކުރީ،" އަދީބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ އެކަމުގެ ސަބަބުން މުސްތަގުބަލުގައި ގައުމަށް ވަރަށް ފައިދާ ވާނެ ކަމަށެވެ.

ލަގްޒަރީ ޔޮޓު ފަހަރުންނާ ރަނުން ސުން ރޭޓުން ޑިއުޓީ ނަގަން މިއަދު ފަށާފައިވާއިރު އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެވުނު ބަދަލަށް ރޭ 12:00 ޖެހުމާއެކު އަމަލު ކުރަން ފެށުމުން 11 ބާވަތަކުން ޑިއުޓީ ވަނީ ބޮޑުވެފަ އެވެ.

ކަސްޓަމްސް އިން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާ މިއަދުން ފެށިގެން ޑިއުޓީއަށް ބަދަލު އަންނަ ބާވަތްތަކުގެ ތެރޭގައި ކުރިން 100 ޕަސެންޓް ޑިއުޓީ ނަގަމުން އައި ސައިކަލް ފަދަ ވެހިކަލްތަކުން 150 ޕަސެންޓުގެ ޑިއުޓީއެއް ނަގަން ވަނީ ފަށާފަ އެވެ. ނަމަވެސް ފަހުން ސަރުކާރުން ވަނީ ސައިކަލްގެ ޑިއުޓީ 100 ޕަސެންޓަށް ވުރެ އިތުރުނުކޮށް ފޭރާމުގެ ޑިއުޓީ ނުނެގުމަށް ނިންމާފަ އެވެ.

ރެއިން ފެށިގެން ކުރިން 90 ލާރީގެ ޑިއުޓީއެއް ނަގަމުން އައި ސިނގިރޭޓަކުން 1.25 ރުފިޔާގެ ޑިއުޓީއެއް ނަގަން ނިންމާފައިވާ އިރު ކުރިން ސުން ރޭޓްގައި ޑިއުޓީ ނަގަމުން އައި ތެލުގެ ބާވަތްތަކުން 10 ޕަސެންޓްގެ ޑިއުޓީއެއް ނަގާނެ އެވެ. އަދި ކުރިން ޑިއުޓީ ނުނަގާ ސެންޓާއި ލަގްޒަރީ ކޮސްމެޓިކްސް އިން 20 ޕަސެންޓްގެ ޑިއުޓީއެއް ނަގާނެ އެވެ.

އެހެނިހެން ކޮސްމެޓިކްސް އިން ނަގަން ނިންމާފައި ވަނީ ފަސް ޕަސެންޓް ޑިއުޓީ އެވެ. ކުރިން 35 ޕަސެންޓްގެ ޑިއުޓީއެއް ނަގަމުން އައި ހެވީ ވެހިކަލްތަކުން 50 ޕަސެންޓުގެ ޑިއުޓީއެއް ނަގަން ނިންމާފައިވާ އިރު ފަސިންޖަރުން އުފުލާ ވެހިކަލްތަކުގެ ޑިއުޓީ 200 ޕަސެންޓަށް ބޮޑުކުރަން ވަނީ ނިންމާފަ އެވެ. އެއްގަމު ދުއްވާ އުޅަނދުފަހަރުގެ ސުޕެއާ އިން ކުރިން 35 ޕަސެންޓްގެ ޑިއުޓީއެއް ނަގާ އިރު އަލަށް ގެންނަ ބަދަލާއެކު 50 ޕަސެންޓް ޑިއުޓީގެ ގޮތުގައި ނަގަ އެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އާލާތްތަކުން 150 ޕަސެންޓުން ނަގަމުން އައި ޑިއުޓީ 200 ޕަސެންޓަށް ބޮޑުކުރަން ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް