އަމާޒަކީ ފީފާ ފުޓްސެލް ވޯލްޑް ކަޕް ރާއްޖޭގައި ބޭއްވުން: މަލީހު

މިއަދު އީވައިސީން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު މަލީހު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ އަލީ ނަސީރު

މުސްތަގުބަލުގައި ފީފާ ފުޓްސެލް ވޯލްޑް ކަޕް ރާއްޖޭގައި ބޭއްވިގެން ދިޔުމަކީ ޔޫތު މިނިސްޓްރީގެ އަމާޒެއް ކަމަށް ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

އިކޮނަމިކް އެންޑް ޔޫތު ކައުންސިލް (އީވައިސީ)އިން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މަލީހު ވިދާޅުވީ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓު ނިމިގެން ދާއިރު މުޅި ދުނިޔޭގައި ވެސް އެންމެ ފުޓްސެލް ދަނޑު ގިނަ އެއް ގައުމަކަށް ރާއްޖެ ވެގެން ދާނެ ކަމަށެވެ.

"ދުނިޔޭގެ ނިސްބަތުން އަޅުގަނޑުމެންގެ ސްޕޯޓްސް މެނިފެސްޓޯ ތަންފީޒު ވެގެން ދާއިރު، އާބާދީގެ ރޭޝިއޯއަށް ބަލާއިރު، މުޅި ދުނިޔޭގައި ވެސް ފުޓްސެލް ދަނޑުތައް އެންމެ ގިނަ އެއް ގައުމަކަށް ރާއްޖެ ވެގެން ދާނެ. އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް އޮތްތާ ފީފާ ފުޓްސެލް ވޯލްޑް ކަޕް ރާއްޖޭގައި ބޭއްވުން،" މަލީހު ވިދާޅުވި އެވެ.

"ތައިލެންޑް ފަދަ ގައުމުތަކުގައި ވެސް މީގެ ކުރިން އެ މުބާރާތް ބޭއްވިފައި ވަނީ. އަޅުގަނޑުމެން ދެކޭ ގޮތުގައި، އެކަމުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައަށް ވެސް ވަރަށް ބޮޑު ކުރިއެރުންތަކެއް އެކަމުގެ ސަބަބުން އަންނާނެ،"

މިނިސްޓަރު މަލީހުގެ ވާހަކަފުޅުގައި، އެ މެނިކުފާނު ވަނީ ވޭތުވެދިޔަ ތިން ދުވަސްތެރޭ ނ. އަތޮޅާއި ރ. އަދި ބ. އަތޮޅުގައި ގާއިމްކުރެވުނު ފުޓްސެލް ދަނޑުތަކާއެކު، މުޅިއަކު 10 ދަނޑު މިޙާރު ޒުވާނުންނަށް ބޭނުންކުރެވޭ ފެންވަރަށް ނިންމާފައި ވާކަން ފާހަގަ ކޮށްފަ އެވެ.

"އަޅުގަނޑުމެންގެ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓުގެ ދަށުން މާލެ އާއި ވިލިމާލޭގައި ގާއިމްކުރެވުނު ތިން ދަނޑުގެ އިތުރުން، އައްޑޫ، ކުޅުދުއްފުށި އަދި ފުވައްމުލަކުގައި ތިން ދަނޑު ވަނީ ގާއިމް ކުރެވިފައި. އަދި ވޭތުވެދިޔަ ތިން ދުވަސްތެރޭ ހުޅުވުނު ހަތަރު ދަނޑާއެކު އެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 10 ދަނޑެއްގެ މަސައްކަތް ޒުވާނުންނަށް ބޭނުން ކުރެވޭ ފެންވަރަށް ވަނީ ނިމިފަ،" މަލީހު ވިދާޅުވިއެވެ.

އޭގެ އިތުރުން މަލީހު ވިދާޅުވީ، ސްޕޯޓްސް އެރީނާ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 2000 މަތީގެ އާބާދީއެއް އޮންނަ ރަށްރަށުގައި ގާއިމްކުރަން ނިންމާފައިވާ 30 އަށްވުރެ ގިނަ ދަނޑު މި މަހުގެ ފަހުކޮޅު ނޫނީ އަންނަ މަހުގެ ކުރީކޮޅު ނިމޭނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު