ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ސަން ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ކެންސަލް ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލްކުރިކަން މަޖިލީހުގެ އިދާރާއިން ހާމަކުރި ނަމަވެސް ކެންސަލްކުރި ސަބަބެއް މަޖިލީހުގެ އިދާރާއަކުން ހާމައެއް ނުކުރެއެވެ. އަދި އެކަމާ ގުޅޭގޮތުން މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދަށް ގުޅުއްވުމުން ފޯނު ނުނަންގަވާތީ ތަފްސީލެއްވެސް ވަނީ ލިބޭ ގޮތް ނުވެފައެވެ.

އެހެންނަމަވެސް މިއަދަކީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އޮންނަ ދުވަހެކެވެ.

މަޖިލީހުގެ ގަވާއިދުގެ 17 ވަނަ މާއްދާގައި ބުނެފައި ވަނީ އަހަރު ތެރޭގައި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކޮންމެ ދުވަހަކު މަޖިލިސް ބައްދަލުވާނެ ދުވަސްތަކުގެ ކަލަންޑަރެއް އެ އަހަރަކަށް މަޖިލިސް ހުޅުވައިދޭ ޖަލްސާ އޮންނަ ދުވަހު މަޖިލީހުގެ އަމީން އާންމު ޝާއިއުކުރަންވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލްކޮށްފައިވާއިރު އިއްޔެގެ ޖަލްސާ ނިންމާލައްވަމުން ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ތާރީހެއް ވެސް އިއުލާނު ކޮށްފައި ނުވާކަން ފާހަގަކޮށްލެވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މިއަދު "ސަން" އަށް ވިދާޅުވީ، ޖަލްސާ ކެންސަލްވި ވަކި ސަބަބެއް މަޖިލީހުން އަންގާފައި ނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލް ކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ފެށުނީއްސުރެއް އިދިކޮޅު އެމްޑީޕީން އަންނަނީ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރަމުން ނެވެ.

comment ކޮމެންޓް