ފެލިވަރު ފުޓްސެލް ދަނޑުގެ ބިންގާ އަޅައިފި

ފެލިވަރުގައި ގާއިމްކުރާ ފުޓްސެލް ދަނޑުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޖުނައިދު

ސަރުކާރުގެ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓުގެ ދަށުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް މެރީނާ އެއްގައި ގާއިމްކުރާ ފުޓްސެލް ދަނޑުގެ ބިންގާ މިއަދު ޅ. ފެލިވަރުގައި އަޅައިފި އެވެ.

މިއަދު ފެލިވަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެ ރަށުގައި ގާއިމްކުރަން ނިންމާފައިވާ ފުޓްސެލް ދަނޑުގެ ބިންގާ އަޅުއްވައިދެއްވީ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި މިފްކޯގެ ޑެޕިއުޓޫ ސީއީއޯ ބުންޔާމިން އެވެ. އެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީގެ ޑަރެކްޓަރު ޖެނެރަލް އަލީ ޒަކީ އާއި މިނިސްޓްރީގެ އިސް ބޭފުޅުންގެ އިތުރުން، މިފްކޯގެ މެނޭޖްމަންޓުގެ އިސް ބޭފުޅުން ވެސް ވަނީ ބައިވެރިވެ ވަޑައިންނަވާފަ އެވެ.

ފެލިވަރުގައި ގާއިމްކުރާ ފުޓްސެލް ދަނޑުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ އަހުމަދު ޖުނައިދު

ފުޓްސެލް ދަނޑުގެ ބިންގާ އަޅުއްވައިދިނުމަށް ފަހު އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓަރު މަލީހު ވަނީ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ ހުރިހާ މެރީނާ ތަކެއްގައިވެސް ފުޓްސެލް ދަނޑު ގާއިމްކުރުމަކީ ހާއްސަކޮށް މަސްވެރިންނަށާއި މެރީނާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ވެސް މުނިފޫހިފިލުވުގެ ފުރުސަތު ހޯދަދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.

"މަސްވެއިންނަކީ ހަފްތާ ދެ ހަފްތާ ވަންދެން ރަށުން ބޭރުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ބޭފުޅުން. ވަކިން ހާއްސަކޮށް މިހާރުގެ މަސްދޯނި ފަހަރުގައި ގިނައީ ޒުވާނުން. އަޅުގަނޑުމެންގެ ބޭނުމަކީ ބުރަ މަސައްކަތުގައި އުޅުމަށްފަހު، ފެލިވަރު ފަދަ ބަނދަރުތަކުގައި ދޯނި ފަހަރު މަޑުކުރާ ވަގުތުތަކުގައި، އެ ބޭފުޅުންނަށް މުނިފޫހި ފިލުވޭނެ ގޮތް ތަނަވަސްކޮށްދިނުމުގެ އިތުރުން، ހީވާގިކަމާއި ރަނގަޅު ސިއްހަތުގައި ދެމިހުރެވޭނެ ގޮތް އެ ބޭފުޅުންނަށް ތަނަވަސް ކޮށްދިނުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި، ފެލިވަރުގައި ގާއިމްކުރާ ފުޓްސެލް ދަނޑުގެ މަސައްކަތް އެއްކޮށް ނިންމާ، މިއަހަރު ތެރޭ ދަނޑު ހުޅުވޭތޯ މަސައްކަތް ކުރަމުން ދާކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން މިނިސްޓަރު ވަނީ މިހާރު ފެލިވަރުގައި ގާއިމްކުރެވިފައިވާ އިންޑޯ ސްޕޯޓްސް ކޮންޕްލެކްސް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން، އެ ތަނުގައި ގާލެންޑޯ އާއި ބިލިއާޑް އަދި ޓީޓީ ފަދަ ކުޅިވަރިތައް ކުޅެވޭނެ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް މިހާރު ސަރުކާރުން ކުރަމުން ދާކަމަށް ބުނެފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދަައްކަވަމުން، މިފްކޯގެ ޑެޕިއުޓީ ސީއީއޯ ބުންޔާމިން ވިދާޅުވީ އެ ރަށުގައި ގާއިމް ކުރެވިގެންދާ ފުޓްސެލް ދަނޑަކީ މިފްކޯގެ މުއައްޒަފުންނާއި މަސްވެރިންގެ މެދުގައި ގުޅުން ބަދަހިވެ، ކުޅިވަރުގެ ރޫހު އާލާ ވެގެން ދާނެ ކަމެއް ކަމަށެވެ.

ފެލިވަރުގެ އިތުރުން، ސަރުކާރުން ވަނީ މި އަހަރުތެރޭ އައްޑޫ އަތޮޅު މީދޫ އާއި ގއ. ކޫއްޑޫ އަދި ކ. ކަނޑުއޮށްގިރީގައި ގާއިމް ކުރެވިފައިވާ މެރީނާތަކުގައި ވެސް މަސްވެރިންނަށާއި، އެ ތަންތަނުގެ މުއައްޒަފުންނަށް ހާއްސަކޮށް ފުޓްސެލް ދަނޑުތައް ގާއިމް ކުރަން ނިންމާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު