ރައްކާތެރިކަން ދިނުމުގައި ސަރުކާރު ފެއިލްވެއްޖެ: އަދާލަތު

ރައްޔިތުންނަށް ލިބެންޖެހޭ ރައްކާތެރިކަން ދިނުމަށް ސަރުކާރުން ފެއިލް ވެފައިވާ ކަމަށް އަދާލަތު ޕާޓީއިން ބުނެފިއެވެ.

އަދާލަތު ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ސެކްޓަރީ ޖެނެރަލް އިޔާދު ހަމީދު ވިދާޅުވީ ފަހަކަށް އައިސް މާރާމާރީތައް އިންތިހާ ދަރަޖައަށް އިތުރުވެފައިވާއިރު އެކަންކަން ހުއްޓުވޭ މަންޒަރު ނުފެންނަ ކަމަށެވެ.

"ރައްޔިތުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގައި މިސަރުކާރު ފެއިލްވެއްޖެ، އާދެ ވޭތުވެދިޔަ 12 މަސް ދުވަހުގެ ތެރޭގައި 12 މީހުންނަށް މިވަނީ ރާއްޖޭގައި އަނިޔާވެރިކަމާއެކު މަރާލެވިފައި.އެތައް ބަޔަކަށް މިވަނީ ތޫނު ހަތިޔާރުން ހަމަލާދެވިފަ" އިޔާދު ވިދާޅުވި އެވެ.

އެފަދަ މައްސަލަތައް ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު ސަރުކާރުގެ ފަރާތުން އެކަށީގެން ފިޔަވަޅުތަކެއް އެޅޭތަނެއް ނުފެންނަ ކަމަށާއި އޭގެ ބަދަލުގައި ސިޔާސީ މަގުސަދުތަކުގައި ސިޔާސީ ބައެއް ފަރާތްތަކަށް ދެ މަސް ތެރޭ ޖަލަށް ލެވިގެންދާތަން ފެންނަކަމަށް އިޔާދު ވިދާޅުވިއެވެ. ނަމަވެސް ޖަރީމާ ހިންގާ މުޖިރިމުން ހައްޔަރު ކުރާ މަންޒަރު ފެންނަނީ ވަރަށް މަދުން ކަމަށާއި ހައްޔަރު ކުރާ ފަރާތްތަކުން "އެއް ދޮރުން ވައްދައި އަނެއް ދޮރުން ނެރޭ" މަންޒަރު ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މާރާމާރީތަކުގެ މައްސަލައަށް ހައްލެއް ލިބިފައި ނުވަނީ ސަރުކާރުގެ އިހުލާސްތެރިކަމެއް ނެތުމުން ކަމަށާއި މިއަދު ފެނިގެން ދަނީ ޒުވާނުންގެ ބޭނުން ސިޔާސީ އެކިއެކި ފަރާތްތަކުން ނަހަމަ ގޮތުގައި ހިފައި ކުށުގެ ވެއްޓަށް ހުށައެޅިގެންދާ މަންޒަރު ކަމަށްވެސް އިޔާދު ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ ރިސާޗް ކޮމެޓީގެ ރައީސާ ޝިދާތާ ޝަރީފް ވިދާޅުވީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން މައްސަލަތަކަށް ހައްލު އަންނާނެ ކަމަށް ސަރުކާރުން ބުނެފައިވީނަމަވެސް މިއަދާއި ހަމައަށް އެގާނޫނުން މުއައްސަސާތަކަށް ލިބިދޭ ބާރުތައް ބޭނުންކޮށް ތަންފީޒް ވެގެންދާތަނެއް ނުފެންނަ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު