ރިސޯޓު ހިންގާ ރަށްތައް 99 އަހަރަށް ކުއްޔަށް ދޭން އިސްލާހު ހުށަހަޅައިފި

ރާއްޖޭގެ ރިސޯޓެއް: ރިސޯޓުތައް 99 އަހަރަށް ކުށްޔަށް ދިނުމަށް ސަރުކާރުން ވަނީ މަޖިލީހަށް އިސްލާހު ހުށަހަޅާފައި: ސަން ފައިލް ފޮޓޯ

ޓޫރިސްޓު ރިސޯޓު ހެދުމަށް ދޫކޮށްފައިވާ ރަށްތައް 99 އަހަރަށް ކުށްޔަށް ދިނުމަށް ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ބިލެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން އެ ބިލް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލެވެ.

އޭނާ ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުން 50 އަހަރަށް ރިސޯޓު ހިންގުމަށް ލިބިފައިވާ ފަރާތްތަކަށް އިތުރު 49 އަހަރު ދޭނެ ކަމަށެވެ. ރިސޯޓު ކުއްޔަން ހިފުމުގެ މުއްދަތު އިތުރު ކުރާނީ 50 އަހަރަށް ރަށް ރަށާއި ބިންތައް ކުށްޔަށް ހިފައިފައިވާ ފަރާތަކީ "އެކަމަށް ޝަރުތު" ފުރިހަމަވާ ފަރާތެއްނަމަ އެ ރަށެއް ނުވަތަ އެ ބިމެއް ކުށްޔަށްދީފައިވާ މުއްދަތު އިތުރު 49 އަހަރު ދުވަހަށް އިތުރުކޮށްދޭންވާނެ ކަމަށެވެ.

ގާނޫނުގައި ބުނެފައިވާ ޝަރުތުތަކުގެ ތެރޭގައި ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅުގައި ތަރައްގީކުރާ ރިސޯޓު ހުޅުވާފައިވުން ހިމެނެ އެވެ. އަދި ހަމައެއާއެކު މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި ފަސް މިލިއަން އެމެރިކާ ޑޮލަރު އެއް ފަހަރާ ދައްކާފައިވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

ޓޫރިސްޓު ރިސޯޓު ހެދުމަށް ދޫކޮށްފައިވާ ރަށްރަށާއި ނުވަތަ ބިންބިމާ ނުވަތަ ފަަޅުފަޅުގައި ކުރާ އެއްވެސް މަސައްކަތެއްގައި އެތަނެއްގެ ވެއްޓަށް ދާއިމީ ބަދަލެއް އަންނަފަދަ އެއްވެސް ކަމެއް ކުރަންވާނީ ކަމާ ބެހޭ މިނިސްޓްރީއެއްގެ ލިޔުމަކުން ހުއްދަ ހޯދުމަށްފަހުގައި ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.

ޓޫރިޒަމާ ބެހޭ ގާނޫނުގެ 15ވަނަ މާއްދާގެ ދަށުން ހަދާ އެއްވެސް ގަވާއިދަކާ ޚިލާފުވާ ފަރާތެއްވާ ނަމަ ފަސް މިލިއަން އެމެރިކާ ޑޮލަރަށް ވުރެއް ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް މުހައްމަދު ހުށަހެޅުއްވި ބިލުގައި ބުނެފައިވެ އެވެ.

ރިސޯޓުތައް 99 އަހަރަށް ކުށްޔަށް ދިނުމަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅާފައިވާއިރު ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު މީގެ ކުރިން ވިދާޅުވެފައި ވަނީ އިގްތިސާދީ ރިފޯމެއް ރާއްޖެއަށް ގެންނަން މަސައްކަތް ކުރާ ކޮންމެ ހިނދެއްގައި ވަރަށް ގިނަ ދަތިތައް ކުރިމަތިވާ ކަމަށާއި އެހެން ނަމަވެސް އިގްތިސާދީ ރިފޯމެއް ގެންނަންޖެހޭ ކަމަށް އަދީބު ވިދާޅުވި އެވެ.

އެގޮތުން ލޭންޑް ރިފޯމެއް ގެނެސް ފޮރިން އޯނާޝިޕް ދޭންޖެހޭ ކަމަށާއި އަދި ރިސޯޓްތަކަށް އިންވެސްޓްކުރުމަށް ބެންކު ތަކުން ވެސް 40 އަހަރާއި 50 އަހަރުގެ މުއްދަތު ގަބޫލު ނުކުރާ ކަމަށާއި އޭގެ އެންމެ ރަނގަޅު މިންވަރަކީ 99 އަހަރު ކަމަށް އަދީބު ވިދާޅުވި އެވެ. އަދި 99 އަހަރަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިނަމަ ދައުލަތަށް އާމްދަނީ ލިބި ގިނަ ރިސޯޓުތަކުން މުއްދަތު އިތުރުކުރާނެ ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް