ސަރުކާރުން މަސައްކަތް ކުރަނީ އެމްޑީޕީ ނައްތާލަން: އަލީ ވަހީދު

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު (ކ) އަދި އިބްރާހިމް މުހައްމަދު ސާލިހް (ވ): ސަން ފޮޓޯ / އާދަމް ނަޒީރު

މިއަދުގެ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީ ނައްތާލަން ކަމަށާއި އެކަމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޑީޕީގެ ޗެއާ ޕާސަން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ ރައީސްކަން ގެއްލޭ ގޮތަށް ހުށަހަޅާފައިވާ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ގެނައި އިސްލާހު މިއަދުގެ މަޖިލީހުގެ ޖަލްސާއިން ފާސްވުމާ ގުޅިގެން އެމްޑީޕީގެ އޮފީހުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވީ، އެމްޑީޕީ ނައްތާލަން ކިތަންމެ މަސައްކަތެއް ސަރުކާރުން ކުރެއްވި ނަމަވެސް "ހިތްތަކަކުން" އެމްޑީޕީގެ ފިކުރެއް ފޮހެ ނުލެވޭނެ ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ އެމްޑީޕީގެ ލީޑަރަކީ މިއަދު ވެސް މާދަމާ ވެސް އަދި އިއްޔެ ވެސް ގަލޮޅު ކެނެރީގޭ ރައީސް މުހައްމަދު ނަޝީދުއޭ. އެގޮތުގައޭ އެމްޑީޕީ އިން އަދިވެސް ކުރިއަށްދާނީ. އަޅުގަނޑުމެން މިހާތަނަށް ކުރި ކަމެއް ވެސް އަދި ކުރިއަށް އޮތް ތާނގައި ކުރާނެ ކަމެއް ވެސް ކުރާނީ ޕާޓީގެ ލީޑަރުގެ ލަފަޔާ އިރުޝާދުގެ ދަށުން. މިހާރު ރާއްޖޭގައި މި ހިނގާ ކަންތައްތަކަކީ އެމްޑީޕީއާ ރައީސް ނަޝީދާ އަދި ވާދަވެރި އިދިކޮޅު ފިކުރު ނައްތާލަން ހަމަ ރޭވިގެން ހިންގޭ ވަރަށް ބޮޑު ޖަރީމާއެއް،" އަލީ ވަހީދު ވިދާޅުވި އެވެ.

ގައުމުގައި އިޖުތިމާއީ އެތައް ބައިވަރު މައްސަލަތަކެއް ހުރިއިރުވެސް ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރައީސް ނަޝީދުއާ އެމްޑީޕީއާ ގުޅޭ ބިލުތައް މަޖިލީހަށް ވެއްދުމަށްފަހު ފާސްކުރަމުން ދިއުން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ ސިޔާސީ ކަންކަމުގައި ކަމެއް ނިންމަން ސަރުކާރުން ވިއަސް އަދި އެހެން ފަރާތަކުން ވެސް ބޭނުންފުޅުވާ ކަމަށް ވަނީނަމަ އެކަން ކުރާނީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަ އިސްލާހެއްގައި ކަމަށް އިބޫ ވިދާޅުވި އެވެ.

"މިއަދު ވެސް ފެނިގެން އެ ދިޔައީ ރައީސް ޔާމީން ގާނޫނުތަކަށް އެ ގެންނަ ބަދަލުތައް އެ ގެންނަނީ އެއްވެސް ހަމައެއް ލަމައެއް އުސޫލެއް ނެތި. އަޅުގަނޑުމެންނަށް މިއަދު ރައީސް ޔާމީން ފެންނަމުން މި ދަނީ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލިފައިވާ ބޭފުޅެއްގެ ގޮތުގައި،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ އެފަދަ ބިލުތަކާ އިސްލާހުތައް ފާސްނުކުރުމަށް ކުރަންޖެހޭ މަސައްކަތް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން ކުރަމުން އަންނަ ކަމަށެވެ.

ކުރިމަތިވެފައިވާ ބައި އިލެކްޝަންތަކާ ގުޅޭ ގޮތުން އަލީ ވަހީދު ވިދާޅުވީ، މިއަދު އެމްޑީޕީގެ ފޯކަސް މުޅިން އަމާޒު ކުރެވިފައި ވަނީ "އަނިޔާއާ ދެކޮޅަށް" އަދި "ރައީސް ނަޝީދު މިނިވަން ކުރުމަށް" ކަމަށެވެ. އެހެންނަމަވެސް ކުރިއަށް ހުރި އިންތިހާބުތައް ކާމިޔާބު ކުރެއްވުމަށް އެމްޑީޕީން މަސައްކަތް ކުރައްވާނެ ކަމަށާއި އިންތިހާބުތަކުގައި ރަނގަޅަށް މަސައްކަތް ނުކުރެވެނީ ކީއްވެކަން ޕާޓީގެ މެމްބަރުން ގަބޫލުފުޅު ކުރައްވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

comment ކޮމެންޓް