ރައީސް ނަޝީދު އެމްޑީޕީން ވަކިވާގޮތަށް ހުށަހެޅި ބިލް ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް ސިޔާސީ ޕާޓީތަކުގެ މެމްބަރަކަށް ނުވެވޭ ގޮތަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ދާދިދެންމެ ފާސްކޮށްފި އެވެ.

އެ ބިލް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ތަސްދީގުކުރައްވައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ވަގުތުން ފެށިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ މެމްބަރުކަން ގެއްލޭނެ އެވެ. އެހެންކަމުން އެވަގުތުން ފެށިގެން އެމްޑީޕީގެ ރައީސް ކަމުގެ މަގާމު ހުސްވެގެންދާނެ އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި އެ ބިލް ފާސްކުރަން ފެންނަ ކަމަށް 43 މެމްބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ. ސަރުކާރުގެ ފަރާތުން އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާނެވެ.

އެ ބިލަށް ވޯޓު ނެގި ވަގުތު ރައްޔިތުންގެ މަޖިލީސް އިދާރާ ކައިރިއަށް އެއްވެ އެމްޑީޕީގެ ސަޕޯޓަރުން ވަނީ މުޒާހަރާކޮށްފަ އެވެ.

ތަފާތުއެކި ބެނާތައް ހިފައިގެން މުޒާހަރާ ކުރި މީހުން އަޑުއުފުލަމުން ގެންދިޔައީ ރައީސް ނަޝީދަކީ އެމްޑީޕީގެ މެމްބަރުން އެ ޕާޓީގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން އެހެން އެއްވެސް ފަރާތަކަށް އެމަނިކުފާނު އެމްޑީޕީގެ ރައީސް ކަމުން ވަކި ނުކުރެވޭނެ ކަމަށް މުޒާހަރާގެ ބައިވެރިން އަޑުއުފުލަމުން ބުންޏެވެ.

ބިލް ފާސްކުރުމަށް ނެގި ވޯޓުގައި އެމްޑީޕީގެ މެމްބަރުން ބައިވެރިވެފައެއް ނުވެއެވެ. އެ އިސްލާހު ފާސްކުރިއިރު އެމްޑީޕީގެ މަޖިލިސް މެމްބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރައްވައި އެ އިސްލާހާ ދެކޮޅު ހައްދަވާފަ އެވެ.

އެ ބިލް ފާސްކުރުމަށް ވޯޓު ނެގި އިރު ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކެވެ.

comment ކޮމެންޓް