ބާރުކުޑަކުރަން އިތުރު ދެ ފެރީއެއް ތައާރަފްކުރަނީ

ހުޅުމާލޭ ފެރީގައި ބަޔަކު ދަތުރުކުރަނީ-- ސަން ފައިލް ފޮޓޯ

ހުޅުމާލޭ ފެރީތަކަށް ބާރުބޮޑުވާ ގަޑިތަކަށް ހައްލެއް ގެނައުމުގެ ގޮތުން މިހާރު ބޭނުންކުރާ ކެޕޭސިޓީގެ ފެރީއަކާއި، އެއަށްވުރެ ކެޕޭސިޓީ ބޮޑު ފެރީއެއް އަންނަ މަހު ކުރީކޮޅު ތައާރަފް ކުރެވިގެންދާނެ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގު ހަލީމު މިއަދު ސަން އަށް ވިދާޅުވީ ފެރީތަކަށް ބާރުބޮޑުވާ ގަޑިތަކުގައި ފަސިންޖަރުންނަށް ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް މިފެށޭ މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ތައާރަފް ކުރެވޭ އެއްފެރީއަކީ 180 މީހުންގެ ޖާގައިގެ ފެރީއެއް ކަމަށެވެ. އާންމުކޮށް އެމްޓީސީސީގައި ބޭނުންކުރަނީ 130 މީހުންގެ ޖާގައިގެ ފެރީއެވެ. ބޮޑު ފެރީއާއެކު 130 މީހުންގެ ޖާގައިގެ "ފުލް ފައިބާ ގުލާސް" ފެރީއެއްވެސް ތައާރަފް ކުރެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.

"އެއިރުން އަޅުގަނޑުމެންނަށް ހެނދުނު މި ޕީކް ގަޑީގައި މިއަންނަ ޑިމާންޑް ވަރަށް ބޮޑަށް ކޮންޓުރޯލް ކުރެވޭނެ، އަނެއްކާ ވީކެންޑްގައި އަންނަ ޑިމާންޑްވެސް ހޭންޑަލް ކުރެވޭނެ،" ހަލީމް ވިދާޅުވިއެވެ.

"ޓްރާންސްޕޯޓް ފޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" ނަމުގައި މިހާރު ވަނީ އެމްޓީސީސީ އާއި އެޗްޑީސީ އަދި އެމްޕީއެލް އިން ހުޅުމާލެ ފެރީއާއި ބަހުގެ ޚިދުމަތް ދިނުމަށް ކުންފުއްޏެއް އުފެއްދުމުގެ މަސައްކަތް ފަށާފައެވެ. އެކުންފުއްޏާއެކު އެފެރީދަތުރުތަކުގެ ސުޕީޑް 15 މިނެޓަށް ހަަމަޖެހިގެންދާނެ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

ހުޅުމާލޭ އެތެރޭގެ ޚިދުމަތައް ބޭނުންކުރާ މެޓްރޯ ބަހުގެ ބަދަލުގައި ކުރީގެ ބަސްތައް މިހާރު ބޭނުން ކުރަމުން ދަނީ މެޓްރޯ ދެ ބަހެއް މަރާމާތު ކުރަމުންދާތީ ކަމަށާއި ނަމަވެސް މާލަސްތަކެއް ނުވެ އެދެ ބަހުގެ ޚިދުމަތް ދެވިގެންދާނެ ކަމަށް ރައްޒާގު ވިދާޅުވިއެވެ.

ކުރިއަށްއޮތް ތިން ވަރަކަށް މަސް ދުވަހުގެ ތެރޭގައި އެއާޕޯޓަށް ޚާއްސަކޮށް އިތުރު ތިން މެޓްރޯ ބަހެއް ގެނެވޭނެ ކަމަށާއި އެއީ ލަގެޖް އުފުލޭ ބަސްތަކެއް ކަމަށް ހަލީމް ވިދާޅުވި އެވެ.

"ޓްރާންސްޕޯޓް ފޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އުފެއްދުމުގެ ގޮތުން އަސާސީ ގަވައިދާ ހިންގާގަވައިދު އެކުލަވާލައި ނިމިފައިވާއިރު ކުންފުއްނީގެ ބޯޑަށް ފެށޭމަހުގެ ކުރީކޮޅު މީހުން ނެގިގެންދާނެ ކަމަށް ހަލީމް ވިދާޅުވި އެވެ.

އެ ކުންފުނި ހަދާފައި ވަނީ އެމްޓީސީސީގެ 40 ޕަސެންޓު ހިއްސާ އާއި އެޗްޑިސީގެ 40 އިންސައްތަ ހިއްސާ އާއި އެމްޕީއެލްގެ 20 އިންސައްތަ ހިއްސާ ހިމެނިގެންނެވެ.

comment ކޮމެންޓް