އެމެރިކާއިން ހަމަލާދޭން ފެށިފަހުން އިސްލާމިކް ސްޓޭޓް ފުޅާވެއްޖެ: އަސަދު

ސީބީއެސް ނިއުސްއަށް އަސަދު އިންޓަވިއު ދެއްވަނީ. ފޮޓޯ: ސީބީއެސް ނިއުސް

އެމެރިކާއާއި އެގައުމާ ބައިވެރިވާ ގައުމުތަކުން ސޫރިޔާއަށް ވައިގެ ހަމަލާތައް ދޭން ފެށިފަހުން އިސްލާމިކް ސްޓޭޓް ( އައިއެސް)ގެ ބާރު ހިނގާ ސަރަހައްދު ވަނީ ފުޅާ ވެފައި ކަމަށް ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ވިދާޅުވެއްޖެ އެވެ.

ސީބީއެސް ނިއުސްއިން އިއްޔެ ދެއްކި އިންޓަވިއުއެއްގައި އަސަދު ވިދާޅުވެފައި ވަނީ އެމެރިކާއިން ހަމަލާ ދޭން ފެށުމުން އައިއެސްއާ ގުޅޭ ޖަމާއަތްތައް ވެސް އިތުރުވެފައިވާ ކަމަށެވެ.

"... އިރާގުގައި އެމީހުން ދަނީ ސަރަހައްދު ފުޅާ ކުރަމުން. ލީބިޔާގައި އެމީހުން ދަނީ ފުޅާ ކުރަމުން. އަދި އަލްގައިދާއާއި ގުޅިފައިވާ އެތައް ޖަމާއަތަކުން ވަނީ އައިސިސްއަށް ބައިއަތު ހިފިކަން އިއުލާނު ކޮށްފައި. މިއީ ހާލަތު އޮތް ގޮތަކީ،" ސީބީއެސް 60 މިނަޓްސް ޕްރޮގްރާމަށް ދެއްވި އެއިންޓަވިއުގައި އަސަދު ވިދާޅުވެފައި ވެއެވެ.

ސޫރިޔާގެ ވެރިކަން އަސަދު ދޫކޮށްލާނީ ކޮން އިރަކުންތޯ ސުވާލު ކުރުމުން އޭނާ ބުނެފައި ވަނީ ވެރިކަން ދޫކޮށްލާނީ ރައްޔިތުންގެ ތާއީދު ގެއްލުމުން ކަމަށެވެ.

"...އާއްމުންގެ ތާއީދު އަހަރެންނަށް ނޯންނަ އިރަކުން. ސޫރިޔާގެ މަސްލަހަތުތަކާއި އަގުތައް ރެޕްރެޒެންޓް ކުރާ މީހަކަށް އަހަރެން ނުވާ އިރަކުން،" އޭނާ ވިދާޅުފައި ވެއެވެ.

ސޫރިޔާ ރައްޔިތުންގެ ތާއީދު އޭނާއަށް އޮތް ކަމަށް ކަނޑައަޅަނީ ކިހިނެތްތޯ އެހުމުން އަސަދު ވިދާޅުފައި ވަނީ އެކަން އޭނާއަށް އިހުސާސްވާ ކަމަށެވެ.

"...އަހަރެން އެކަން ކަނޑައެއް ނާޅަން، އަހަރެންނަށް އެކަން އިހުސާސްވޭ. އަހަރެންނާ އެމީހުންނާ ގުޅުން އެބަ އޮތް،" އަސަދު ވިދާޅުވެފައި ވެއެވެ.

ސޫރިޔާގެ ވެރިކަމުން އަސަދު ފޭބުމަށް ގޮވާލައި 2011 ވަނަ އަހަރުގެ މާޗްމަހު އެގައުމުގެ ރައްޔިތުން ފެށި ބޮޑެތި މުޒާހަރާތައް އަހުލީ ހަނގުރާމައަކަށް ބަދަލުވީ މުޒާހަރާތަކަށް ނުކުތް މީހުންގެ ތެރެއިން އެތައް ބަޔަކު ސަރުކާރުގެ ހަމަލާތަކުގައި މަރުވުމުންނެވެ. އެހަނގުރާމައިގައި މިހާތަނަށް 250000 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު އޭގެ ތެރެއިން ގިނަ މީހުން މަރުވީ ސަރުކާރު ސިފައިންގެ ވައިގެ ހަމަލާތަކުގައެވެ.

comment ކޮމެންޓް