އަފްޣާނިސްތާނުގައި އޭޕީގެ ނޫސްވެރިޔަކު މަރައިލި މީހަކު 20 އަހަރަށް ޖަލަށް ލައިފި

އަފްޣާން ފުލުހެއްގެ ހަމަލާއެއްގައި މިދިޔަ އަހަރު މަރުވި އަންޖާ ނީޑްރިންގްހާއުސް ( ވ.2 ) އަދި އެހަމަލާގައި ޒަހަމްވި ކެތީ ގަނޮން.(ކ.2) ފޮޓޯ: އޭޕީ

އަފްޣާނިސްތާނުގައި ހަރަކާތްތެރިވި އެސޯސިއޭޓެޑް ޕްރެސް ( އޭޕީ)ގެ ނޫސްވެރިޔަކަށް ބަޑިން ހަމަލާދީ މަރާލައި އެހެން ނޫސްވެރިއަކު ޒަހަމްކޮށްލި މީހަކު 20 އަހަރަށް ޖަލަށް ލުމަށް އެގައުމުގެ ކޯޓަކުން އިއްޔެ ހުކުމްކޮށްފިއެވެ.

އަފްޣާން ފުލުހުންގެ ޔުނިޓެއްގެ ކޮމާންޑަރެއްގެ ގޮތުގައި ހުރެގެން އޭޕީގެ ނޫސްވެރިޔާ އަންޖާ ނީޑްރިންގްހާއުސް މަރައިލި ކަމުގެ ކުށް ސާބިތުވެފައިވާ ނަބީހުﷲ 20 އަހަރަށް ޖަލަށް ލުމަށް އެގައުމުގެ ސްޕްރީމް ކޯޓުން އިއްޔެ ހުކުމް ކޮށްފައި ވަނީ އޭނާ މެރުމަށް ދަށު ކޯޓުން ކުރި ހުކުމް އިސްތިއުފާނު ކުރުމުންނެވެ.

މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު، އެ ދުވަހު ކުރިއަށް ދިޔަ ރިޔާސީ އިންތިހާބު ކަވަ ކުރުމަށް ނީޑްރިންގްހާއުސް ހަރަކާތްތެރި ވަނިކޮށް ނަބީހުﷲ އޭނާއަށް ބަޑިން ހަމަލާ ދިނީ އެއްވެސް އިންޒާރެއް ދިނުމަކާ ނުލައެވެ. އެހަމަލާގައި ނީޑްރިންގްހާއުސް މަރުވި އިރު އޭނާއާއި އެކު ހަރަކާތްތެރިވަމުން ދިޔަ އެހެން ނޫސްވެރިއެއް ކަމަށްވާ ކެތީ ގަނޮން އަށް ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފައެވެ. ކެތީއަކީ އަފްޣާނިސްތާނާއި ޕާކިސްތާނުގައި ހަރަކާތްތެރިވުމަށް އޭޕީ އިން އޭރު ފޮނުވާފައި ހުރި ކަރެސްޕޮންޑެންޓެވެ.

ނަބީހުﷲ ގެ ހަމަލާގައި މަރުވި ނީޑްރިންގްހާއުސް އަކީ ޖަރުމަން ވިލާތަށް ނިސްބަތްވާ ވަރަށް މަޝްހޫރު ފޮޓޯގްރާފަރެކެވެ. އޭނާ ވަނީ އެދާއިރާއިން ބައެއް އެވޯޑްތައް ވެސް ހާސިލުކޮށްފައެވެ. ( އޭޕީ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު