ދަރިފުޅު މަރާލަން އުޅުނުކަމަށް ތުހުމަތު ކުރެވޭ މަންމައަކު ހައްޔަރު ކޮށްފި

ލ. މާބައިދޫ

ލ. މާބައިދޫގައި ދިރިއުޅޭ އިންޑިއާ އަންހެނަކު އޭނާގެ ދަރިފުޅު މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އިއްޔެ އިރުއޮއްސުނުއިރު އެރަށުން ހުށަހެޅި އެފަދަ މައްސަލައަކާ ގުޅިގެން އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މާބައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝަރީފް މިއަދު ވިދާޅުވީ ހައްޔަރުކުރީ އެރަށު މީހަކާ އިނދެގެން އުޅޭ އަންހެނެއް ކަމަށެވެ. އަދި އަންހެން މީހާ އޭނަގެ ދަރިފުޅު މަރާލަން މަސައްކަތްކޮށްފައިވަނީ އިއްޔެ ހަވީރު އެރަށުގައި ބަށިކުޅޭ ސަރަހައްދުގައި ހުރެ އޭނާ މިހާރު އިނދެގެން އުޅޭ ފިރިހެން މީހާ އެހެން މީހަކާ އިނދެގެން ލިބިފައި ހުރި ދަރިއަކާ ޒުވާބުކޮށް ތަޅާފޮޅާ ހެދުމަށްފަހު ގެއަށް ގޮސް ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ގެއަށް ދަމުން ވެސް އަންހެން މީހާ އޭނާގެ ދަރި މަރާލާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

"އޭނަ ގެއަށް ދިޔައިރު ވެސް ހުރީ ވަރަށް ރުޅިއައިސްފައި ކަމަށް ވަނީ. އަދި އެކުއްޖާ މަރާލާނަމޭ ކިޔާފައި ދިޔުމުން ކައުންސިލަށް ރައްޔިތުން އެންގުމުން އެގެއަށް ދިޔައީ،" ކައުންސިލްގެ ރައީސް އިބްރާހިމް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކައުންިސލުން އެގެއަށް ދިޔައިރު ހުރީ ދޮރު ތަޅުލާފައި ކަމަށާއި އަދި ދޮރުވައްޓާލާފައި އެގެއަށް ވަތްއިރު އަންހެން މީހާ ހުރީ ދަރިފުޅު ބިންމައްޗަށް ވައްޓާލައި އެކުއްޖާ ކަރަށް ގަސްކާނާ ބޭސް ފުޅިއެއް އަޅަން ތައްޔާރު ވެގެން ކަމަށެވެ. ނަމަވެސް އެއްވެސް އަނިއްޔާއެއް ނުވެ ކުއްޖާ ސަލާމަތް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ އަންހެން މީހާގެ ފަސް އަހަރު ނުފުރޭ ތިން ކުއްޖަކު އެބަތިބި ކަމަށެވެ. އަދި އެތިން ކުދިން މިހާރު ތިބީ އެކުދިންގެ ބައްޕަގެ އާއިލާ މީހުންނާ ހަވާލުކޮށްފައި ކަމަށާއި އިއްޔެ އެހާދިސާ ހިނގިއިރު އޭނާގެ ފިރިމީހާ ވެސްވީ މަހަށް ގޮސްފައި ކަމަށެވެ.

އިންޑިއާ އަންހެން މީހާ އެރަށު މީހަކާ އިނދެގެން އުޅޭތާ މިހާރު ފަސް އަހަރުވެފައިވާއިރު، އޭނާވަނީ މީގެ ކުރިން ވެސް ރުޅި އަންނަ ފަހަރުތަކުގައި ކުދިން މަރާނެ ކަމަށް ބުނެ އޭނާގެ "ފިރިމީހާއަށް ބިރުދައްކައި ހަދައިގެން އަންހެން މީހާ ބޭނުންވާ ކަންތައްތައް ކޮށްފައި" ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

"އަންހެން މީހާއަކީ ރުޅިއަންނަ ގަޑިތަކުގައި ކޮންޓްރޯލުން ނައްޓާ މީހެއް. އެފަދަ ވަގުތުތަކުގައި ފިރިމީހާއަށް ގުޅައިގެން ބިރުދައްކާފައި އެބަހުރި. އެހެން ވަގުތު ތަކުގައި އެދެމަފިރިންނަކީ ވަރަށް ހަމަޖެހިގެން އުޅޭ ދެމީހުން،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް