ތޮއްޑޫގައި ބިދޭސީ މީހާ ގަސްދުގައި މަރާލީކަމަށް ބުނެވެން ނެތް: ޕޮލިސް

ތޮއްޑޫގެ މަގުތަކެއްގައި ބިދޭސީން މަސައްކަތުގައި ---- ސަން ފައިލް ފޯޓޯ

ތޮއްޑޫގައި ޒަޚަމްތަކާ އެކު މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާ މަރުވެފައި ވަނީ މީހެއްގެ ފަރާތުން ލިބިފައިވާ އަނިޔާއަކުން ނުވަތަ ބަޔަކު މީހުން ގަސްތުގައި މަރާލި މަރާލުމުންކަން ބުނެވޭނެ ވަރުގެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ރޭ 9:50 ހާއިރު ތޮއްޑޫ ގެއެއްގެ ތެރޭގައި ބިދޭސީއަކު މަރުވެފައިވާ ކަމުގެ މައުލޫމާތު އެއަތޮޅު ރަސްދޫ ޕޮލިސްޓޭޝަނަށް ލިބުމާ އެކު ފުލުހުންގެ ޓީމެއް އެރަށަށް ގޮސް އެ މައްސަލައިގެ މައުލޫމާތު ހޯދައި މައްސަލަ ތަހުގީގުކުރަން ފެށި ކަމަށެވެ.

" 2015 މާރޗް 23 ވަނަ ދުވަހުގެރޭ އއ. ތޮއްޑޫގައި ބަނގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ކާޒީ ބިލާލް މިއަރ މަރުވެފައިވަނީ ލިބިފައިވާ ނުވަތަ ކޮށްފައިވާ އަނިޔާއަކުން ނޫންކަމަށާއި އަދި އޭނާގެ މަރުގެ ޙާދިސާއަކީ ބަޔަކު މީހުން ގަސްތުގައި އޭނާ މަރާލަން ހިންގާފައިވާ ޢަމަލެއް ކަމަށް ބެލެވެން ނެތްކަންވެސް ތަޙުޤީޤަށް މިހާތަނަށް ކުރެވުނު މަސައްކަތުން ވަނީ އެނގިފައެވެ،" ފުލުހުންގެ ބަޔާނުގައި ވެއެވެ.

އެ މައްސަލަ އަކީ މަރުގެ މައްސަލައަކަށް ވެފައި އިތުރަށް ބަލަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން އެސީނަށް ދިޔަ، ރަސްދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނަށް އެނގުމާއެކު ީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓާ ފޮރެންސިކް ސާވިސަސް ޑައިރެކްޓްރޭޓް އަދި ރަސްދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުން ހިމެނޭގޮތުން ޚާއްސަ ތަހުގީގު ޓީމެއް އެކުލަވާލައި އެޓީމު ތޮއްޑުއަށްގޮސް މައްސަލައިގެ ޚާއްސަ ތަހުގީގެއް ހިނގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން އެ މައްސަލައާއި ގުޅުންހުރި އަދި ހުރެދާނެކަމަށް ބެލެވޭ ދިވެހިންނާ ތޮއްޑޫގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ބިދޭސީން ހާޒިރުކޮށް ސުވާލުކޮށް ގިނަ ބައެއްގެ ތަހުގީގު ބަޔާންތައް ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް ބޭނުންވާ ތަންތަން ބަލައި ފާސްކޮށް މަރުވެފައިވާ މީހާގެ ހަށިގަނޑުންނާ މަރުވެފައިވާ މީހާ އޮތްތަނުންނާ އޭނާ ދިރިއުޅޭ ތަނުން ލިބެންހުރި މާއްދީ ހެއްކާއި ގަރީނާ އަށްފުދޭ ތަކެތި ނަގައި ފޮރެންސިކް ތަހުލީލުތައް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައިގެ ތަހުގީގު މިހާ ހިސާބަށް ބޭނުންވާ މައުލޫމާތު ނެގިފައިވުމާއެކު އޭނާގެ ހަށިގަނޑު އާއިލާ އާއި ހަވާލުކުރުމަށް ބަނގްލަދޭޝް އަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް