އެމެރިކާގެ ހަމަލާތަކުގައި 10 އަހަރު ތެރޭގައި 1.3 މިލިޔަން މީހުން މަރުވި: ދިރާސާ

އެމެރިކާއިން 2013 ވަނަ އަހަރު ދިން ހަަމަލާއެއްގައި ހަލާކުވެފައިވާ ޕާކިސްތާނުގެ މަދުރަސާ އެތަނުގެ ދަރިވަރުން ބަލަނީ. ފޮޓޯ: އޭޕީ

" ޓެރަރިޒަމާ ދެކޮޅަށް" ކަމަށް ބުނެ އެމެރިކާއިން ފާއިތުވި 10 އަހަރު ތެރޭގައި ތިން ގައުމަކަށް ދިން ހަމަލާތަކުގައި ޖުމްލަ 1.3 މިލިޔަން މީހުން މަރުވެފައިވާ ކަމަށް ސާވޭ އަކުން ދައްކައިފި އެވެ.

ޑޮކްޓަރުންގެ ތިން ޖަމިއްޔާއަކުން ކުރި ސާވޭއިން އެނގިފައިވާ ގޮތުގައި އިރާގާއި އަފްޣާނިސްތާނާއި ޕާކިސްތާނަށް އެމެރިކާއިން ދިން ހަމަލާތަކުގައި 10 އަހަރު ތެރޭގައި މަރުވި 1.3 މިލިޔަން މީހުންގެ ތެރެއިން ގިނަ ބަޔަކީ ހަތިޔާރެއް ނެތް އާއްމުންނެވެ. އަދި އިންސާނީ އެހީދޭ މީހުންނާއި ނޫސްވެރިން ވެސް އޭގެ ތެރޭގައި ހިމެނެއެވެ.

އެމެރިކާއިން އިރާގު އަޅުވެތި ކުރި ހަނގުރާމައަށް 12 އަހަރު ފުރުމާ ދިމާކޮށް، އާއްމު ކުރި އެ ދިރާސާ ކޮށްފައި ވަނީ ފިޒީޝަންސް ފޯ ސޯޝަލް ރެސްޕޮންސިބިލިޓީ ނަމަކަށް ކިޔާ ޖަމިއްޔާއަކާއި ފިޒީޝަންސް ފޯ ގްލޯބަލް ސަވައިވަލް ނަމަކަށް ކިޔާ ޖަމިއްޔާއި ނޯބެލް ޕީސް ޕްރައިޒް ވިނިން އިންޓަނޭޝަނަލް ފިޒީޝަންސް ނަމަކަށް ކިޔާ ޖަމިއްޔާއެއް ގުޅިގެންނެވެ.

އެޖަމާއަތްތަކުން ހޮނިހިރު ދުވަހު ބުނެފައި ވަނީ ދިރާސާ ރިޕޯޓްގައި ބަޔާންކޮށްފައިވާ އަދަދަކީ ލިބެން ހުރި މައުލޫމާތު ތަކުން އެނގޭ އެންމެ ކުޑަ މިންވަރު ކަމަށެވެ. އަދި ހަގީގަތުގައި މަރުވިމީހުންގެ އަދަދު އެއަށް ވުރެ ދެގުނަ އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އެޖަމާއްތަތަކުގެ ޑޮކްޓަރުން ލަފާ ކުރައްވާ ކަމަށް ވަނީ ބުނެފައެވެ.

ތިން ގައުމުގެ ތެރެއިން އަފްޣާނިސްތާނުގައި އާއްމުންގެ 116000 މީހުންނާއި އިންސާނީ އެހީދޭ 215 މީހުންނާއި 22 ނޫސްވެރިން ވަނީ އެމެރިކާގެ ސީދާ ހަމަލާތަކުގައި މަރާލާފައެވެ.

ޑްރޯން ބޭނުންކޮށްގެން ޕާކިސްތާނުގެ ރަށްފުށު ހިސާބުތަކަށް އެމެރިކާއިން މިދިޔަ 10 އަހަރު ދިން ހަމަލާތަކުގައި ޖުމްލަ 80000 މީހުން މަރުވިއެވެ. އޭގެ ތެރޭގައި 48000 އަށް ވުރެ ގިނަ އާއްމުން ހިމެނޭ އިރު 45 ނޫސްވެރިން ވެސް އޭގެ ތެރޭގައި ހިމެނެއެވެ.

ތިން ގައުމުގައި ވެސް އެމެރިކާ ސިފައިން ގަސްދުގައި އާއްމުން މަރާފައިވާކަން ވަނީ އެނގިފައެވެ. އަދި އެފަދަ ބައެއް ޖަރީމާތައް މަޖަލަކަށް ހަދައިގެން ހިންގާފައިވާ ކަން ވެސް ވަނީ އެނގިފައެވެ.

ވެރިކަން ބަދަލު ކުރުމަށް އެމެރިކާއިން ހަމަލާދިން އަފްޣާނިސްތާނާއި އިރާގާ ހިލާފަށް ޕާކިސްތާނަށް އެގައުމުން ހަމަލާ ދީފައި ވަނީ ޓެރަރިސްޓް ހަމަލާތައް ހުއްޓުވުމުގެ ނަމުގައެވެ. އެ ހަމަލާތުގައި 48000 އަށް ވުރެ ގިނަ އާއްމުން މަރުވި އިރު އެގައުމުގެ ހަނގުރާމަވެރިންގެ ހަމަލާތަކުގައި މަރުވެފައި ވަނީ ގާތްގަނޑަކަށް 1400 އާއްމުން ކަން ދިރާސާއިން ވަނީ އެނގިފައެވެ.

comment ކޮމެންޓް