ނޫރު މަރާލީ މާރާމާރީގައި ޒަޚަމްވި މީހަކު ގޮވައިގެން ހޮސްޕިޓަލަށް ގޮސް ހުއްޓައި: އާއިލާ

ނޫރު އާދަމް މަރާލާފައި ވަނީ، މާރާމާރީއެއްގައި ޒަޚަމްވި މީހަކު ގޮވައިގެން ހޮސްޕިޓަލަށް ގޮސް ހުއްޓައި ކަމަށް އާއިލާއިން ބުނޭ -- ފޮޓޯ: ފޭސްބުކް

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އައިޖީއެމްއެޗް ކައިރިން މަރާލި، މާލޭ ދަފްތަރު ނޫރު އާދަމް ހަސަން ފުޅަކީ އެރޭ ޔޫރޯ ސްޓޯރު ކައިރިން ހަމަލާދިނުމުން ޒަޚަމްވި މީހާ ގޮވައިގެން ހޮސްޕިޓަލަށް ދިޔަ މީހެއް ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.

ނޫރުގެ އާއިލާ އިން ވާހަކަދެއްކި މީހަކު ބުނީ، ހޮނިހިރު ދުވަހުގެ ރޭ 11:45 އެހާކަންހާއިރު ޔޫރޯ ސްޓޯރު ކައިރިން މީހަކަށް ހަމަލާދީ ޒަޚަމްކޮށްލުމުން ނޫރު އާއި އިތުރު ބަޔަކު އެމީހާ ގޮވައިގެން އައިޖީއެމްއެޗަށް ދިޔަ ކަމަށެވެ.

އޭނާ ބުނީ ޒަޚަމްވި މީހާ އައިޖީއެމްއެޗަށް ގެންދިޔުމަށްފަހު އެ ހޮސްޕިޓަލްގެ އިމަޖެންސީ ގޭޓު ކުރިމަތީގައި ނޫރުއާއި އިތުރު ބަޔަކު ތިއްބައި ސައިކަލުން ދިޔަ ދެ މީހުންގެ ތެރެއިން ސައިކަލްގެ ފަހަތުގައި އިން މީހާ ނޫރުގެ ކަރަށާއި އަރިކައްޓަށް ވަޅި ހަރާފައިވާ ކަމަށެވެ. އަދި އެވަގުތު އެ ސަރަހައްދުގައި ތިބި އާންމު ރައްޔިތުން ހަޅޭލައްވައި އަޑުގަދަ ކުރަން ފެށުމުން އައިޖީއެމްއެޗުގެ "ޖަގަހަ ތެރޭގައި" ތިބި ސެކިއުރިޓީ ބަލަހައްޓާ މީހުން ނުކުތްއިރު ހަމަލާދިން ވަޅި އެއްލާލުމަށްފަހު އެމީހުން ފިލާފައިވާ ކަމަށް ވެސް ނޫރުގެ އާއިލާ އިން ވާހަކަދެއްކި މީހާ ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް