މާލެ ސަރަހައްދުން ފެނުނީ ބާރުގަދަ ނަގޫރޯޅިއެއް ނޫން: މެޓް އޮފީސް

ހުޅުލެ ކައިރިން ފެނުނު ނަގޫރޯޅި: އެއީ އޭގެ ސަބަބުން ގެއްލުމެއް ލިބޭފަދަ ބާރުގަދަ ނަގޫރޯޅިއެއް ނޫންކަމަށް މެޓް އޮފީހުން ބުނޭ ----- ފޮޓޯ/ ޓުވިޓާ

މާލެ ސަރަހައްދުން މިއަދު ހެނދުނުގެ ވަގުތެއްގައި ފެނުނުކަމަށް ބުނާ ނަގޫރޯޅިއަކީ އެއިން ގެއްލުމެއް ލިބޭފަދަ ބާރުގަދަ ނަގޫރޯޅިއެއް ނޫންކަމަށް ދިވެހިރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ، މިއަދު ހެނދުނު ގާތްގަނޑަކަށް 8:45 ކަންހާއިރު މާލެ ސަރަހައްދުން ނަގޫރޯޅިތަކެއް ފެނިފައިވާ ކަމަށާއި ނަމަވެސް އެއީ "ގެއްލުމެއް ދެވޭފަދަ ބާރުދަގަ ނަގޫރޯޅުތަކެއް ނޫން" ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިއަދު ހެނދުނު ވަނީ ތިން ނަގޫރޯޅިއެއް ފެނިފައެވެ.

ނަމަވެސް އެކަމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާގެ އޮފިޝަލަކު ވިދާޅުވީ، އެ އިދާރާއިން ކުރި މަސައްކަތުން އޮބްޒާވްކުރެވިފައި ވަނީ ކަނޑުގެ ސަރަހައްދަށް ފައިބާވަރުގެ އެންމެ ނަގޫރޯޅިއެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް މި އޮބްޒާވްކުރެވުނީ ކަނޑުގެ ސަރަހައްދަށް ފައިބާވަރުގެ އެންމެ ނަގޫރޯޅިއެއް. އެއީ އެހާ ބާރުގަދަ ރޯޅިއެއް ނޫން،" މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.

އެ ނަގޫރޯޅި ފެނިފައި ވަނީ ހުޅުލޭ ހުޅަނގު އުތުރުން ގާތްގަނޑަކަށް ތިން ކިލޯމީޓަރު ދުރުން ކަމަށާއި އެއީ "ވޯޓާ ސްޕައުޓް ޓޯނެޑޯ" އެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މެޓް އޮފީހުން މައުލޫމާތުދިން އޮފިޝަލް އިތުރަށް ވިދާޅުވީ އެ ނަގޫރޯޅި އުފެދި ގާތްގަނޑަކަށް ފަހެއް ނުވަތަ ދިހަ މިނެޓާ ދޭތެރޭގެ ވަގުތެއްގައި ނަގޫރޯޅި އުފެދުނު ވިލާގަނޑު ހިނދި، ނަގޫރޯޅި ނެތިފައިވާ ކަމަށެވެ.

ނަގޫރޯޅި ފެންނަނީ މި ދުވަސްވަރަކީ މޫސުން ބަދަލުވާ ދުވަސްވަރުކަމަށް ވާތީ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

comment ކޮމެންޓް