މެރިޓައިމް ސިލްކުރޫޓްގެ ގައުމުތަކުގައި ޗައިނާއިން 2.5 ޓްރިލިޔަން ޑޮލަރު އިންވެސްޓްކުރަނީ

ބެއިޖިންގް (މާޗް 30): އެކާވީސް ވަނަ ގަރުނުގެ މެރިޓައިމް ސިލްކު ރޫޓު މަޝްރޫއާއި އެއާގުޅިފައިވާ އިގްތިސާދީ ބެލްޓްގައި ހިމެނޭ ގައުމުތަކުގައި އެކަމުގެ އިންފްރާސްޓްރަކްޗަރ ބިނާކޮށްދިނުމަށް ދިހައަހަރު ތެރޭގައި 2.5 ޓްރިލިޔަން (ދެހާސް ފައްސަތޭކަ ބިލިޔަން އެމެރިކާ ޑޮލަރު) އަށްވުރެ އިތުރަށް އިންވެސްޓްކުރާނެކަމަށް ޗައިނާ ބުނެފި އެވެ.

ޗައިނާގެ ރައީސް ޝީޖިންޕިންގް ވިދާޅުވީ، އިރުމަތީ އޭޝިޔާއާއި ދެކުނު އޭޝިޔާއާއި އެފްރިކާ އާއި މެދުއިރުމައްޗާއި ޔޫރަޕް ހިމެނޭގޮތަށް ޗައިނާ ބިނާކުރާ އެކާވީސް ވަނަ ގަރުނުގެ މެރިޓައިމް ސިލްކު ރޫޓް މަޝްރޫޢަކީ ދުނިޔޭގެ އިގްތިސާދާއި ތަރައްގީގެ މަލަމަތި ބަދަލުކޮށް ވިޔަފާރިއާއި އިންފްރާސްޓްރަކްޗަރަށް ބޮޑު އިންގިލާބެއް ގެންނާނެ ބިޔަ މަޝްރޫޢެއް ކަމުގައެވެ. އަދި މިއީ އެކާވީސްވަނަ ގަރުނުގެ އިގްތިސާދީ ލޭނާރުކަމަށް ވެގެންދާނެ ކަމަށާއި ދުނިޔޭގެ ގައުމުތަކުގައި އުފައްދާ މުދަލާއި ސިނާއީ ތަކެއްޗާ އަދި ރޯމެޓީއަލްގެ ބޮޑުބައި އެއްގައުމުން އަނެއް ގައުމަށް އިންޕޯޓްކޮށް އެކްސްޕޯޓްކުރާނީ މި ރޫޓޫން ކަމަށް ޝީޖިންޕިންގް ވިދާޅުވި އެވެ.

ޗައިނާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ބްވާވް ގައި ބޭއްވި މަތީފެންވަރުގެ އިގްތިސާދީ ފޯރަމެއްގައި ވާހަކަ ދައްކަވަމުން ރައީސް ޝީޖިންޕިންގް ވިދާޅުވީ، ޗައިނާއިން ދުނިޔޭގައި ބިނާކުރާ އެކާވީސް ވަނަ ގަރުނުގެ ސިލްކް ރޫޓް މަޝްރޫޢަކީ އޭޝިޔާއާއި އެފްރިކާއާއި މެދުއިރުމައްޗާއި ޔޫރަޕް އިގްތިސާދީގޮތުންނާއި ވިޔަފާރީގެ ގޮތުން ޗައިނާ އާ ގުޅުވާލުމުގެ މައިމަގު ކަމުގައެވެ. މި ރޫޓާއެކު ދުނިޔޭގެ އިގްތިސާދީ މައި މަރުކަޒަށް ވެގެންދާނީ އޭޝިޔާ ކަމަށާއި އަދި ދުނިޔޭގެ އެންމެ ބިޒީ ވިޔަފާރީގެ ރޫޓަކަށް ވެގެންދާނީވެސް މިރޫޓް ކަމުގައެވެ.

މި މަޝްރޫއާބެހޭގޮތުން ވާހަކަ ދައްކަވަމުން ޗައިނާގެ ވިޔަފާރިއާބެހޭ ވަޒީރު ފާއުހޫ ޗަންގް ވިދާޅުވީ، ސިލްކުރޫޓް މަޝްރޫޢުގައި ބައިވެރިވާނެ ކަމުގެ ފެހި އަލި ދީފައިވާ ގައުމުތަކުގެ އަދަދު ފަންސާހަށް ވުރެ މަތިކަމުގައެވެ.

މި މަޝްރޫއުގައި ބައިވެރިވާ ގައުމުތަކުގައި ޗައިނާއިން ކުރުމަށް ރާވާފައިވާ އިންވެސްޓްމަންޓްތަކުގެ ތެރޭގައި ޓްރާންޝިޕްމަންޓް ބަނދަރުތަކާއި ކަރަންޓާއި އިންޓަނެޓްގެ ނެޓްވާކްތައް ބިނާކޮށްދިނުމާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ކޮރިޑޯތަކާއި ތެލާއި ގޭސްހޮޅިތަކުގެ ނެޓްވާކްތައް ބިނާކޮށްދިނުން ހިމެނެއެވެ.

މީގެއިތުރުން ޒަމާނީ ޓެކްނޮލޮޖީގެ ރޭލްވޭތަކާއި މަގުތަކާއި ހައިވޭތައް ބިނާކޮށް މިތަންތަނާއި މިމަޝްރޫޢުގެ ދަށުން ގާއިމްކުރާ ޓްރާންޝިޕްމަންޓް ބަނދަރުތައް ގުޅާލުންވެސް މިމަޝްރޫޢުގައި ހިމެނެއެވެ. މީގެއިތުރުން ޓްރާންޝިޕްމަންޓް ބަނދަރުތައް ކަނޑުގެ މަގުން ގުޅާލުމަށްޓަކައި ޝިޕިން ލައިންތައް ގާއިމް ކުރުންވެސް މިމަޝްރޫޢުގައި ހިމެނެއެވެ. ބްވާވް ގެ އިގްތިސާދީ ފޯރަމްގައި ބައިވެރިވާ 40 އަށްވުރެ ގިނަ ކުންފުނީގެ ވެރިންނާ މުޚާތަބު ކުރައްވައި ޗައިނާގެ ވިޔަފާރިއާބެހޭ ވަޒީރު ވިދާޅުވީ މިމަޝްރޫޢު ކުރިޔަށް ގެންދަނީ "ވަންބެލްޓް ވަންވޭ" ގެ ޝިޢާރުގެ ދަށުންކަމުގައެވެ.

އެކާވީސް ވަނަ ގަރުނުގެ މެރިޓައިމް ސިލްކު ރޫޓް ނިމެގެންދާއިރު އެއާ ގުޅިފައިވާ އިގްތިސާދީ ވަރުގަދަ ބެލްޓެއްވެސް ގާއިމްކުރެވިގެންދާނެ އެވެ. މި ބެލްޓްގައި އުމްރާނީ ތަރައްގީގެ ވަސީލަތްތަކާއި ކާރުޚާނާތައްފަދަ ސިނާއަތުގެ ހުރިހާ ވަސީލަތްތަކެއް ހުންނާނެކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި ސިލްކު ރޫޓްގެ މަސައްކަތް ނިމުމުން އެރޫޓްގައި ހިމެނޭ ގައުމުތަކުގެ މެދުގައި ހިނގާ ވިޔަފާރީގެ މުޢާމަލާތްތައް އަހަރަކު އެތައް ޓްރިލިޔަން ޑޮލަރަށް އަރާނެ ކަމަށް ރިޕޯޓްތައް ބުނާއިރު އަދި މިކަމުގެ ސަބަބުން އެގައުމުތަކުގެ އިގްތިސާދުތައް ކުރިއަރައި މާލީގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް ޗައިނާގެ ވިޔަފާރިއާބެހޭ ވަޒީރު ވިދާޅުވިއެވެ.

ޗައިނާއަކީ ދުނިޔޭގެ ދެވަނަ އިގްތިސާދީ ބާރެވެ. އަދި 2018 ވަަނަ އަހަރާ ހަމައަށްދާއިރު ޗައިނާގެ ގައުމީ އާމްދަނީ (ޖީޑީޕީ) އެމެރިކާގެ ޖީޑީޕީ އާ އެއްވަރު ކުރާނެ ކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ. 2014 ވަނަ އަހަރު އެމެރިކާގެ ގައުމީ އާމްދަނީ އަކީ 16 ޓްރިލިޔަން އެމެރިކާ ޑޮލަރެވެ. ޗައިނާގެ ގައުމީ އާމްދަނީ އަކީ 12 ޓްރިލިޔަން އެމެރިކާ ޑޮލަރެވެ. ތިންވަނަ އިގްތިސާދު ކަމަށްވާ ޖަޕާނުގެ ގައުމީ އާމްދަނީ އަކީ 7 ޓްރިލިޔަން އެމެރިކާ ޑޮލަރެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް