ފަރަންސޭސިވިލާތުގެ ލޯކަލް އިންތިޚާބުގެ ދެވަނަ ބުރު އިދިކޮޅު ޕާޓީތައް ކާމިޔާބުކޮށްފި

ޔުނިޔަން ފޯރ ޕޮޕިއުލަރ މޫމެންޓް ޕާޓީގެ ރައީސް ނިކޮލައި ސާކޯޒީ

ޕެރިސް (މާޗް 30): ފަރަންސޭސިވިލާތުގައި އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ދެވަނަ ބުރުގައި އެގައުމުގެ ކުރީގެ ރައީސް ނިކޮލައި ސާކޯޒީގެ ޕާޓީ ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.

މިއިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ނިމި ނަތީޖާތައް ހާމަކުރަމުން ގެންދާއިރު މިހާތަނަށް އެންމެ ގިނަ ކައުންސިލްތަކުގެ ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ ކުރީގެ ރައީސް ނިކޮލައި ސާކޯޒީގެ ޔުނިޔަން ފޯރ ޕޮޕިއުލަރ މޫމެންޓް ޕާޓީންނެވެ. އަދި މިއިންތިޚާބުގައި ފަރަންސޭސި ހައްދުފަހަނަޅާފައިވާ ކަނާތުފިޔައިގެ ޕާޓީއެއްކަމަށްވާ ނެޝަނަލް ފްރަންޓް ޕާޓީވެސްވަނީ މިހާތަނަށް އެ ޕާޓީން ހޯދާފައިނުވާވަރުގެ ބޮޑު ކާމިޔާބީއެއް ހޯދާފެވެ.

ހައްދުފަހަނަޅާފައިވާ ނެޝަނަލް ފްރަންޓް ޕާޓީގެ ރައީސާއަކީ މޭރިލޮޕެން އެވެ. މޭރީވަނީ އެޕާޓީގެ ފިކުރު ފަރަންސޭސި ރައްޔިތުން ބަލައިގަންނަކަން ލޯކަލް އިންތިޚާބުން ހާމަވެގެން ހިނގައްޖެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

ފަރަންސޭސިވިލާތުގައި ދެވަނަ ބުރުގެ އިންތިޚާބު ބޭއްވީ ލޯކަލް ކައުންސިލްގެ ދާއިރާތަކުގެ ތެރޭން 1905 ދާއިރާއެއްގައެވެ. މިދާއިރާތަކުގައި ހިމެނޭ 4108 ގޮނޑީގެ ތެރެއިން 48 އިންސައްތަ ގޮނޑި ކާމިޔާބުކޮށްފައިވަނީ ނިކޮލައި ސާކޯޒީގެ ޔުނިޔަން ފޯރ ޕޮޕިއުލަރ މޫމެންޓް ޕާޓީންނެވެ. 30 އިންސައްތަ ކާމިޔާބުކޮށްފައިވަނީ ވެރިކަންކުރާ ސޯޝަލިސްޓް ޕާޓީންނެވެ. އަދި ހައްދުފަހަނަޅާފައިވާ ނެޝަނަލް ފްރަންޓް ޕާޓީން 20 އިންސައްތަ ކާމިޔާބު ކޮށްފައިވާ ކަމަށް ނުރަސްމީ ރިޕޯޓްތައް ބުނެއެވެ. ބާކީ ގޮނޑިތައް ކާމިޔާބުކުރީ މުސްތަގިއްލު ކެންޑިޑޭޓުންނެވެ.

ހައްދުފަހަނަޅާފައިވާ ކަނާތުފިޔައިގެ ޕާޓީއެއްކަމަށްވާ ނެޝަނަލް ފްރަންޓް ޕާޓީ އަކީ ފަރަންސޭސިވިލާތަށް ހިޖްރަކޮށްގެން ދިރިއުޅޭ ބޭރުގެ ފަރާތްތައް އެގައުމުން ބޭރުކޮށް ހިޖްރަކުރުން މަނާކުރުމަށް ފާޅުގައި ގޮވާލަމުން ގެންދާ ޕާޓީއެކެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް