އަމާންކަން ދެމެހެއްޓުމަށް ފުލުހުން މިހާރަށް ވުރެއް ޒިންމާދާރުވާންޖެހޭ: އެމްޑީޕީ

ފުލުހުންގެ 82ވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފުލުހުން މިހާރަށް ވުރެއް ޒިންމާދާރު ވުމަށް އިދިކޮޅު އެމްޑީޕީ އިން ވަނީ ގޮވާލާފައި: ސަން ފޮޓޯ/ އަލީ ނަސީރު

ކުށުގެ ބިރުވެރިކަމުން މުޖުތަމައު ސަލާމަތްކޮށް މުޖުތަމައުގައި އަމާންކަން ދެމެހެއްޓުމަށް ފުލުހުން މިހާރަށް ވުރެއް ޒިންމާދާރުވާންޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފާއިތުވެދިޔަ ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ އާބާދީގެ އެންމެ ބޮޑު ބައެއް ދިރިއުޅެމުންގެންދާ މާލޭގެ ކުށުގެ މާހައުލު ވަރަށް ހަލަބޮލިވެ، ނުރައްކާތެރި ކުށްތައް އިތުރުވަމުން އައިސްފައިވާ ކަމަށެވެ. 2013 ވަނަ އަހަރުން ފެށިގެން އިއްޔެއާ ހަމައަށް 12 މީހަކު ނުހަނު އަނިޔާވެރިކޮށް ގަސްތުގައި މަރާލެވިފައިވާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައި އެވެ.

”މީގެތެރެއިން 7 ޙާދިޘާއެއް ހިނގާފައިވަނީ މާލޭގައެވެ. މީގެ އިތުރުން ނުރައްކާތެރި މާރާމާރީގެ އެތަކެއް ޙާދިޘާއެއް މިމުއްދަތުގެތެރޭގައި ހިނގާފައިވާ ކަން މީޑިޔާ އަދި ފުލުހުންގެޕްރެސް ރިލީސް ތަކުން އެނގެން އޮވެއެވެ. ކަން މިހެން އޮވެމެ އަދި ދިވެހި މުޖުތަމަޢުގައި ކުށުގެ ބިރުވެރިކަން އިންތިހާއަށް ފެތުރިފައިވާއިރުވެސް ކުށުގެ ތަފާސް ހިސާބުން ދައްކަނީ ކުށްކުރުން މަދުވެފައިވާކަމަށް ފުލުހުންގެ މުއައްސަސާއިން ބުނަމުންގެންދާތީ ކަންބޮޑުވެއެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ނުރައްކާތެރި ކުށުގެ ބިރުވެރިކަން އިތުރެވެފައި، ފުލުހުންނަށް “ހުށަހެޅޭ” ކުށުގެ ޙާދިޘާތަކުގެ އަދަދު މަދުވުމަކީ މުޖުތަމަޢުގައި ކުށްކުރުން މަދުވުންކަމަށް ފުލުހުން ދެކުން އެއީ ނުބައި ތަސައްވަރެއް ކަމަށާއި ފުލުހުންނަށް ހުށަހެޅިގެން ނުވަތަ ފުލުހުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ފުލުހުންނަށް ފެނިގެން ރެކޯޑުކުރެވޭ ކުށުގެ ނުވަތަ ކުށްކުރުމަށް މަގުފަހިވާ ހާދިޘާތައް މަދުވުމުގައި ތަފާތު ސަބަބުތަކެއް ހުރުން އެކަށީގެންވާ ކަމަށް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

" އެއް ސަބަބަކީ ފުލުހުންގެ މުއައްސަސާ އަދި ޖުމްލަ ކޮށް މުޅި ޖިނާއީ ޢަދުލުގެ ނިޒާމާމެދު ރައްޔިތުންގެ އިތުބާރު ވަރަށް ކުޑަވެފައިވުމެވެ. އަދި ރައްޔިތުންގެ ރައްކާތެރިކަމަށް ފުލުހުން ޚާއްސަ ސަމާލުކަމެއްދީގެން ކުށުގެ ހަރަކާތްތަކަށް ޖާގަނުދިނުމަށް ފުލުހުންގެ އެންމެހާ ވަސީލަތްތައް ބޭނުންކޮށްގެން ހިންގާ ހަރަކާތްތައް ހީނަރުވުމާއި އެފަދަ ހަރަކާތްތައް ހިންގުމަށް އެކަށީގެންވާ އޮނިގަނޑާއި އިންތިޒާމްތައް ނެތުމީީވެސް ސަބަބަކަށްވުން އެކަށީގެންވެއެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

މިއިން ދުވަހަކުވެސް ފުލުހުންގެ މުއައްސަސާއާމެދު ރައްޔިތުންގެ ހިތުގައި ކަންބޮޑުވުން ނެތްމިންވަރަށް މިހާރު ކަންބޮޑުވުމާއި ޝަކުވާތައް އިތުރުވެފައިވާކަމާއި، އަދި ފުލުހުންގެ މުއައްސަސާއާމެދު ތުހުމަތުކުރެވޭ “ޖަރީމާތައް” އިތުރުވެފައިވާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައި އެވެ.

އެމްޑީޕީން މިފަދަ ބަޔާނެއް ނެރެފައި މިވަނީ އެޕާޓީން މާލޭގެ މަގުތަކުގައި މެދުކެނޑުމެއްނެތި ކޮންމެ ރެޔަކު މުޒާހަރާކޮށް މަގުތައް ހަލަބޮލިކުރަމުން އަންނަތާ މަހަކަށް ވުރެ ގިނަދުވަސްވެފައި ވަނިކޮށެވެ.

މާލޭގައި މާރާމާރިއާ މީހުން މެރުން ގިނަވެފައިވާ މި ދަނޑިވަޅުގައި މުޖުތަމައުގެ އަމާންކަން ގާއިމް ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް އިންވެސް މިހާރުވަނީ ފުލުހުންނާ ގުޅިގެން މަސައްކަތް ފަށައިފައެވެ.

comment ކޮމެންޓް