އަންހެން ބޮޑީ ބޯޑަރުންނަށް ބައިވެރިވުމުގެ ފުރުސަތާއެކު "ބުރުނު ޝިކާރު" ފަށައިފި

ރާއްޖޭގެ ބޮޑީ ބޯޑަރެއް ރާޅުގަނޑު ސަރަހައްދުގައި --- ފޮޓޯ/ އެމްބީބީއޭ

މޯލްޑިވްސް ބޮޑީ ބޯޑިންގް އެސޯސިއޭޝަން (އެމްބީބީއޭ)އިން އިންތިޒާމް ކޮށްގެން މި އަހަރު ބާއްވާ ސީޒަން އޯޕަނިން މުބާރާތް، "އެކްސްއެލް ބުރުނު ޝިކާރު ބޮޑީ ބޯޑިންގް ޗެލެންޖް" އިއްޔެ ފަށައިފި އެވެ.

ދެ ކެޓަގަރީއަކަށް ބަހާލައިން ކުިރއަށް ގެންދާ ބުރުނު ޝިކާރުގައި އިއްޔެ ވަނީ ފުރަތަމަ ބުރުގެ ހަ ހީޓު ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ފުރަތަމަ ހީޓުގައި ދެވަނަ އާއި ތިންވަނަ ހޯދި ޒިމާމް އާއި ހައިލަމްއާ ވާދަކޮށް، އެ ހީޓުގެ އެއްވަނަ ހޯދާފައި ވަނީ ސާއިފް އެވެ.

މުބާރާތުގެ ދެވަނަ ހީޓުގެ އެއްވަނަ ހޯދީ ނާޒިމް އެވެ. އަދި އެ ހީޓުގެ ދެވަނަ އާއި ތިންވަނަ އަޔާޒް އާއި ހަސަން ޒަކީ ހޯދިއިރު، ތިންވަނަ ހީޓުގެ އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޯދީ ޖާވިދު އާއި ސާއިފް އަދި ރަޔާން އެވެ. އަދި ހަތަރުވަނަ ހީޓުގެ އެއްވަނަ އިމާދު ހޯދިއިރު، އެ ހީޓުން ދެވަނަ އާއި ތިންވަނަ ހޯދީ އަމާން އާއި ހަމްޒާ އެވެ.

އިއްޔެ ބޭއްވި ފަސްވަނަ ހީޓުގެ އެއްވަނަ މޫޝާން ހޯދިއިރު، ފަސްވަނަ ހީޓުގެ ދެވަނަ އާއި ތިންވަނަ ހޯދީ އިހުސާން އާއި ޝައުފާން އެވެ. އަދި އިއްޔެ ބޭއްވި އެންމެ ފަހު ހީޓުން އައުޝާދު އެއްވަނަ ހޯދިއިރު، ދެވަނަ އާއި ތިންވަނަ ހޯދީ ފައުޒާން އާއި މުހައްނާދު އެވެ.

ބުރުނު ޝިކާރުގައި އިއްޔެ ފުރަތަމަ ބުރުގެ ހަ ހީޓު ކުރިއަށް ގެންގޮސްފައި ވާއިރު، ފުރަތަމަ ބުރުގެ ބާކީ ހީޓު ތަކާއި ރެޕޯ ހީޓުތައް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މިއަދު އެވެ.

ވޭތުވެދިޔަ ދެ އަހަރުވެސް ބާއްވާފައިވާ ބުރުނު ޝިކާރު ބޮޑީ ބޯޑިންގް ޗެލެންޖުގައި، އާންމުކޮށް އޮންނަ އޯޕަން ކެޓަގަރީގެ އިތުރުން، މި އަހަރު މުޅިން އަލަށް އެމްބީބީއޭއިން ވަނީ ޑްރޮޕް ނީ ކެޓަގަރީ މުބާރާތަށް އިތުރު ކުރަން ނިންމާފައެވެ. އޭގެ އިތުރުން މި އަހަރު އެމްބީބީއޭއިން ބާއްވާ މުބާރާތްތަކުގައި، އަންހެން ބޮޑީ ބޯޑަރުންނަށް ބައިވެރި ވުމުގެ ފުރުސަތު ވަނީ މުޅިން އަލަށް ހުޅުވާލާފައެވެ.

މުޅި ޖުމްލަ 25 ބޯޑަރުންނާއެކު އިއްޔެ ފެށި ބުރުނު ޝިކާރު ބޯޑީ ބޯޑިންގް ޗެލެންޖުގެ އޯޕަން ކެޓަގަރީގައި 25 ފަރާތެއް ބައިވެރި ވެފައި ވާއިރު، ޑްރޮޕް ނީ ކެޓަގަރީގައި ބައިވެރިވެފައި ވަނީ 11 ފަރާތެކެވެ.

މޫސުން ތަންދޭ ގޮތަށް ބަލައި، އަންނަ މަހުގެ ހަތަރަކާ ހަމައަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ބުރުނު ޝިކާރުގެ އޯޕަން ކެޓަގަރީގައި މިފަހަރު 24 ހީޓު ކުރިއަށް ގެންދަން ހަމަޖެހިފައި ވާއިރު، ޑްރޮޕް ނީ ކެޓަގަރީގައި ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ހަ ހީޓެވެ. އެ މުބާރާތް ޖަޖު ކުރަނީ ބައިިނަލްއަގްވާމީ ޖަޖިންގް ސެޓިފިކެޓް ހާސިލްކޮށްފައިވާ ދިވެހި ޖަޖުންނެވެ.

comment ކޮމެންޓް