ދެވަނަ ޑިވިޝަންގެ ދެވަނަ މެޗު މާލެ ސްޕޯޓްސް ކްލަބް ކާމިޔާބު ކޮށްފި

ދެވަނަ ޑިވިޝަން ކްރިކެޓް މުބާރާތުގެ ތެރެއިން --- ފޮޓޯ/ ސީބީއެމް

ރާއްޖޭގެ ކްރިކެޓް ބޯޑުުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އެކްސްއެލް ދެވަނަ ޑިވިޝަން ކްރިކެޓް މުބާރާތުގެ ދެވަނަ މެޗު މާލެ ސްޕޯޓްސް ކްލަބް ކާމިޔާބު ކޮށްފި އެވެ.

އެކުވެނި އެއް ނަންބަރު ކްރިކެޓް ދަނޑުގައި އެމްއެސް ސްޕޯޓްސް އެކަޑަމީއާ ދެކޮޅަށް ކުޅުނު އެ މެޗު މާލެ ސްޕޯޓްސް ކަލްބް ކާމިޔާބު ކުރީ 122 ލަނޑުގެ ތަފާތަކުން އެމްއެސްގެ މައްޗަށް ކުރި ހޯދައިގެނެވެ. ގުރު ދިމާވެ ބެޓް ކުރަން ނިންމި މާލެ ސްޕޯޓްސް ކްލަބް ވަނީ 40 އޯވަރުގެ ތެރޭގައި، އަށް ކުޅުންތެރިން ނުބައިވެގެން މުޅިއެކު 330 ލަނޑު ހަދާފައެވެ.

މެޗުގައި މާލެ ސްޕޯޓްސް ކްލަބަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދިނީ 62 ބޯޅައިން 107 ލަނޑު ހެދި އާދަމް ނާސިފު އުމަރު އެވެ. އޭގެ އިތުރުން އެ ޓީމްގެ އިބްރާހިމް ނަސާތު 73 ލަނޑު ކާމިޔާބު ކުރިއިރު، އާދަމް ޒަމީލް ވަނީ 55 ލަނޑު ހަދާފައެވެ.

އެމްއެސްއިން އުކި އަޒިޔާން 3 ވިކެޓް ނަގާފައި ވާއިރު، މުއިޒް އާއި އިމްއާން ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނަގާފައެވެ.

ޖަވާބުގައި އެމްއެސް ކުޅެންއަރައި 40 އޯވަރުގެ ތެރޭގައި، ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 208 ލަނޑުއެވެ. އެމްއެސްއަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދިނީ ނުބައިނުވެ ޓީމަށް މެޗުގައި 76 ލަނޑު ކާމިޔާބު ކޮށްދިން އެ ޓީމްގެ ކެޕްޓަން އަޒިޔާން އެވެ. އޭގެ އިތުރުން އެމްއެސްގެ މިޖާދު ވަނީ ޓީމަށް 44 ލަނޑު ހަދައިދީފައެވެ.

މާލެ ސްޕޯޓްސް ކްލަބުން އެންމެ ރަނގަޅަށް އުކީ ދެ ވިކެޓްނެގި އަބުދުﷲ ޒިޔާދުއެވެ.

އެ މެޗުން ހޯދި ކާމިޔާބީ އާއެކު މާލެ ސްޕޯޓްސް ކްލަބް ވަނީ ބޯނަސް ޕޮއިންޓަކާއެކު ޖުމްލަ ފަސް ޕޮއިންޓު ކާމިޔާބުކޮށް، ތާވަލްގެ އެއްވަނަ ހޯދާފައެވެ. އަދި ތާވަލްގެ ދެވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތީ އެ ޓީމްވެސް ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކުރި މިދިޔަ އަހަރުގެ ޗެންޕިއަން ސީބީއެލް ސްޕޯޓްސް އެވެ.

އެކްްސްއެލް ދެވަނަ ޑިވިޝަން ކްރިކެޓް މުބާރާތުގެ މެޗެއް ދެން އޮންނާނީ 4 އޭޕްރިލް ވާ ހޮނިހިރު ދުވަހު ހެނދުނު 9:00ގައި އެކުވެނި އެއް ންނަބަރު ކްރިކެޓް ދަނޑުގައެވެ. އެ މެޗުގައި ބައްދަލުކުރާނީ އެމްއެސް ސްޕޯޓްސް އާއި ވެލިއަންޓް ސްޕޯޓްސް ކްލަބެވެ.

މުޅިއެކު ހަތަރު ޓީމު ވާދަކުރާ އެ މުބާރާތް ލީގު އުސޫލުން ކުރިއަށް ގެންދަން ހަމަޖެހިފައި ވާއިރު، މުބާރާތުގެ ފައިނަލް ކުޅެން ހަމަޖެހިފައި ވަނީ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމްގެ މެދުގައެވެ. ފައިނަލް މެޗު ކުޅެން ސީބީއެމްއިން އަދި ކަނޑައަޅާފައިވާ ތާރީޚަކީ އޭޕްރިލް 18 އެވެ.

comment ކޮމެންޓް