ކުރިއަށް އޮތްތަނުގައި ކުޅިވަރުގެ އިތުރު އިންފްރާސްޓްރަކްޗާ ތަކެއް ދުވާފަރުގައި ގާއިމްވެގެންދާނެ: މަލީހު

ދުވާފަރު ފުޓްސެލް ދަނޑުގެ ތަޅުދަނޑި މިނިސްޓަރު މަލީހު ދުވާފަރު ކައުސިލްގެ ރައީސްއާ ހަވާލު ކޮށްދެއްވަނީ --- ސަން ފޮޓޯ/ އަހުމަދު ޖުނައިދު

ޔޫތު މިނިސްޓްރީގެ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓުގެ ދަށުން ރ. ދުވާފަރުގައި ގާއިމްކޮށްފައިވާ ފުޓްސެލް ދަނޑު ރޭ ހުޅުވާފައި ވާއިރު، ކުރިއަށް އޮތްތަނުގައި ދުވާފަރުގައި ކުޅިވަރުގެ އިތުރު ގިނަ އިންފްރާސްޓްރަކްޗާ ތަކެއް ގާއިމް ވެގެން ދާނެކަމަށް ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

ރ. ދުވާފަރުގައި ގާއިމްކޮށްފައިވާ ފުޓްސެލް ދަނޑު ހުޅުއްވައި ދެއްވުމަށް ފަހު، ވާހަކަފުޅުދައްކަވަމުން ޔޫތު މިނިސްޓަރު ވިދާޅުވީ ފުޓްސެލް ދަނޑަކީ ކުޅިވަރުގެ ރޮގުން އެ ރަށަށް ގިނަ ކުރިއެރުންތަކެއް ހޯދަދިނުމުގެ ފުރަތަމަ ފިޔަވަޅު ކަމަށެވެ.

"މިފަދަ ޒަމާނީ ފެންވަރެއްގެ ފުޓްސެލް ދަނޑެއް މި ރަށުގައި ގާއިމްކުރެވިގެން ދިޔުމަކީ، ކުޅިވަރުގެ ދާއިރާއިން މި ރަށަށް ބޮޑު ތަރައްގީއެއް ގެނެވުމުގެ ފުރަތަމަ މަރުހަލާ. ފުޓްސެލް ދަނޑުގެ އިތުރުން، ބާސްކެޓައި ވޮލީ ފަދަ ކުޅިވަރުތައް ކުޅޭ ކޯޓުތަކާއި، އެ ކޯތުތަކަށް ބޭނުންވޭ ވަސީލަތްތައް ހޯދުމަށް ޓެންޑާއަށް ހުޅުވާލުމަށް އަޅުގަނޑުމެން މިހާރު ވަނީ ރަށު އަކުން ކައުންސިލްގައި އެދިފައި،" މަލީހު ވިދާޅުވިއެވެ.

އައުޓް ޑޯ ކުޅިވަރުތަކުގެ އިތުރުން، މިނިސްޓަރު މަލީހު ވަނީ ދުވާފަރުގައި ވަރަށް ފުރިހަމަ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އަންނަ އޮކްޓޯބަރު މަހުގެ ކުރިން ހުޅުވަދޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ ރަށަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއް ކަމަށްވެސް މަލީހު ވިދާޅުވިއެވެ.

"އަންނަ އޮކްޓޯބަރުގެ ކުރިން އިރާދަކުރެއްވިއްޔާ މި ރަށުގައި ވަރަށް ފުރިހަމަ އިންޑޯ ސްޕޯޓްސް ކޮންޕްލެކްސް އެއް ގާއިމް ކުރާނަން. އަދި އެ ތަނުގައި ބިލިއާޑާއި ރާޒުވާ، ގާލެންޑޯ ފަދަ ކުޅިވަރުތައް ކުޅުމުގެ ވަސީލަތްތައް ހުރުމުގެ އިތުރުން، އެތަނުގައި އެއިރޮބިކްސް ކްލާސްތަކާއި ޖިމެއްވެސް ހިމަނާނަން. މިއީ ހަގީގަތުގައި، ރަށުގައި ވަޒީފާގެ ފުރުސަތުވެސް އިތުރުވެގެން ދާނެ ކަމެއް،" މިނިސްޓަރު މަލީހު ވިދާޅުވިއެވެ.

އޭގެ އިތުރުން މިނިސްޓަރު މަލީހު ވަނީ ފުރިހަމަ ސިއްހަތާއި، ރިވެތި އަޚުލާގުގެ އިތުރުން، ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އާލާ ކުރަން، އެ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ދުވާފަރުގެ ޒުވާނުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ދުވާފަރު ފުޓްސެލް ދަނޑު ހުޅުވަން ބޭއްވި ރައްމިއްޔާތުގައި، އެ ދަނޑުގެ މަސައްކަތާ ހަވާލުވެ، ދަނޑުގެ މަސައްކަތް ނިންމި ސަބް ކޮންޓްރެކްޓަރު މޫސާ މުހައްމަދު ވަނީ ދަނޑުގެ މަސައްކަތުގެ ނިމުން ފާހަގަ ކުރުމުގެ ގޮތުން ޔޫތު މިނިސްޓަރު މަލީހުއަށް ދަނޑުގެ ތަޅުދަނޑި ހަވާލު ކޮށްފައެވެ. އަދި ޔޫތު މިނިސްޓްރީގެ ފަރާތުން، މިނިސްޓަރު މަލީހު ވަނީ ދަނޑުގެ ތަޅުދަނޑި ރަސްމީކޮށް ދުވާފަރު ކައުންސިލާ ހަވާލުކުރައްވާފައެވެ.

އެ ހަފްލާގައި ދަނޑު ފުރިހަމަކުރުމަށް އެކި ގޮތްގޮތުން އެހީތެރިވެދިން އެމްޑަބްލިއުއެސްއީ އާއި އެމްޓީސީސީ އާއި ރ. އަތޮޅު ކައުންސިލްގެ އިތުރުން، ދުވާފަރު ކައުންސިލަށް ވަނީ ޚާއްސަ ހަނދާނީ ލިޔުމެއް ދީފައެވެ.

ދަނޑު ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު ޔޫތު މިނިސްޓްރީގެ ޓީމަކާއި ދުވާފަރު ޒުވާނުންގެ ޓީމެއް ރަހުމަތްތެރިކަމުގެ މެޗެއް ކުޅެފައި ވާއިރު، އެ މެޗު 9-7 ކާމިޔާބުކުރީ ދުވާފަރު ޓީމެވެ.

comment ކޮމެންޓް