ދޫނިދޫގައި ހައްޔަރުކޮށްފައި ތިބި ނޫސްވެރިންނާ އެމްއެމްސީން ބައްދަލުކޮށްފި

ރާއްޖެ ޓީވީގެ ނޫސްވެރިޔާ ވިސާމް (ކ) އަދި ކެމެރާމަން ޒަރީރު (ވ): ފޮޓޯ/ ފާތުމަތު އަނާން

މުޒާހަރާތަކުގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފައި ތިބި ތިން ނޫސްވެރިންނާ މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެއެމްސީ) އިން ބައްދަލުކޮށްފި އެވެ.

އެމްއެމްސީން މިއަދު ބައްދަލުކޮށްފައި ވަނީ ރާއްޖެ ޓީވީގެ ކެމެރާމަން އާދަމް ޒަރީރު އާއި އެ ސްޓޭޝަންގެ ނޫސްވެރިއާ މުހައްމަދު ވިސާމްގެ އިތުރުން ޗެނަލް ވަންގެ ނޫސްވެރިޔާ މުހައްމަދު ނިޔާޒުއާ އެވެ.

އެ ބައްދަލުވުމަކީ މުޒާހަރާތަކުގައި ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތައް ބަލާ ތަހުގީގު ކުރުމަށް އެ ކައުންސިލުން އުފައްދާފައިވާ ފަސް މެމްބަރުންގެ ކޮމިޓީން އިންތިޒާމް ކުރި ބައްދަލުވުމެކެވެ. އެ ކޮމިޓީގެ މުގައްރިރު ހުސައިން ހަސަން މިރޭ ވިދާޅުވީ އެ ބައްދަލުވުމުގައި ފުލުހުންގެ ބަންދުގައި ތިބި ތިން ނޫސްވެރިންގެ ހައްޔަރު ކުރި ސަބަބު އޮޅުން ފިލުވައި ބަޔާން ނަގާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ވާނީ ފުލުހުންގެ ހައްޔަރުގައި ތިބޭއިރު އެކުދިންނަށް [ބަންދުގައި ތިވި ނޫސްވެރިންނަށް] ދިމާވާ ކަންތައްތަ އޮޅުންފިލުވިން. އެ ބައްދަލުވުމުގައި ވަރަށް މުހިއްމު ހައްސާސް ކަންތައްތަކެއް ފާހަގަވެގެން ދިޔަ. އެކަންތައްތައް ހާމަ ކުރާނީ ކައުންސިލުން އެންމެ އަވަހަކަށް ބާއްވާ ބައްދަލުވުމަކުން ފާސްކޮށްގެން،" ހުސެއިން ވިދާޅުވި އެވެ.

ނުސްވެރިންނާ ބައްދަލުކުރެއްވުމުގެ ކުރިން ކޮމިޓީގެ މުގައްރިރު ވަނީ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދަށް ފޯނުން ގުޅުއްވާ ބަންދުގައި ތިބި ނޫސްވެރިންނާ މެދު އަމަލުކުރަމުންދާ ގޮތް އޮޅުން ފިލުވާފަ އެވެ.

ކޮމިޓީގެ މުގައްރިރު ހުސައިން ވިދާޅުވީ ވީ އެންމެ އަވަހަކަށް ބަންދުގައި ތިބި ނޫސްވެރިން މިނިވަން ކުރުމާ ބެހޭ ގޮތުން ސީޕީ ވަހީދާއެކު މަޝްވަރާ ކުރެވުނު ކަމަށާއި އެ ކަމާ ގުޅިގެން ކޮމިޝަނަރު އޮފް ޕޮލިސް "ފެހި ސިގްނަލެއް" ދެއްވާފައިވާ ކަމަށެވެ.

ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމާއި ކެމެރާމަން އާދަމް ޒަރީރު ހައްޔަރުކޮށްފައި ވަނީ އެމްއެމްއޭ ސަރަހައްދުގައި ބެރިކޭޑު ޖަހާފައި ވަނިކޮށް އެތަނަށް ނުވަނުމަށް ބުނެފައި ވަނިކޮށް އެ ސަރަހައްދަށް ވަނުމުން ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.

ފުލުހުންގެ ބަންދުގައި ތިބި ނޫސްވެރިންގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް މިދިޔަ ހަފްތާގައި ޖަހާދީފައި އެވެ. އެގޮތުން ރާއްޖެ ޓީވީގެ ނޫސްވެރިންގެ ބަންދުގެ މުއްދަތު އަންނަ އަންގާރަ ދުވަހު ހަމަވާނެ އެވެ. އަދި ޗެނަލް ވަންގެ ނޫސްވެރިޔާގެ ބަންދުގެ މުއްދަތު މާދަމާ ހަމަވާނެ އެވެ.

comment ކޮމެންޓް