އޮޅުވާލައިގެން ސަފާރީ ދަތުރުތައް ފަތުރުވެރިންނަށް ދަނީ ވިއްކަމުން – ލޭމް

ހުޅުމާލޭ ފަޅުތެރޭގައި ސަފާރީއެއް އަޅާފައި -- ސަން ފައިލް ފޮޓޯ

ފަތުރުވެރިންނާއި ޓުއާ އޮޕަރޭޓަރުންނަށް އޮޅުވާލައިގެން ސަފާރީގައި ޗުއްޓީ ހޭދަކުރުމުގެ ޕެކޭޖް ވިއްކާ ފައިސާ ނަގަމުންދާ ކަމަށް ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން ބުނެފިއެވެ.

" އަހުމަދު ހާދީ ނަމަކަށް ކިޔާ މީހަކާއި އޭނާ އާއި ގުޅުން އޮންނަ ކުންފުނިތަކުން ދަނީ ފަތުރުވެރިން އަދި ރާއްޖޭ އާއި ރާއްޖޭން ބޭރުގެ ޓުއާ އޮޕަރޭޓަރުންނަށް އޮޅުވާލައިގެން ސަފާރީ ދަތުރުތައް ދަނީ ވިއްކަމުން، މިކަމަށް ޓުއާ އޮޕަރޭޓަރުންނާއި ފަތުރުވެރިން ސަމާލުވުން އެދެން" ކަމަށެވެ.

މިކަން ކުރަމުންދަނީ ވެބްސައިޓްތައް ފަރުމާކޮށްގެން އަގުހެޔޮކޮށް ސަފާރީ ދަތުރުތައް ވިއްކާ ކަމަށް އިސްތިހާރުކޮށްގެންނެވެ.

މި ފަދަ ޝަކުވާތައް ޓުއަރިޒަމް މިނިސްޓްރީ އަށާއި ކަމާއި ބެހޭ އެހެން ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށް ވެސް ލޭމް އިން މިކާމާއި ގުޅިގެން ނެރުނު ބަޔާނުގައި ވެއެވެ. އަދި އާދަޔާ ޚިލާފު ހެޔޮއަގުގައި ސަފާރީ ދަތުރު ތަކާއި ޗުއްޓީ ޕެކޭޖް ވިއްކާ ނަމަަ އެކަން ޗެކް ކުރުމަށާއި އެ ވިއްކާ ފަރާތަކީ ލިވަބޯޑް ވެބްސައިޓްގައި ނުވަތަ މޯލްޑިވްސް ޓްރެވަލް އެންޑް ޓުއާ އޮޕަރޭޓާސްގައި ލިސްޓްކޮށްފައިވާ ފަރާތެއްތޯ ބެލުމަކީ މުހިއްމުކަމެެއްކަމަށް ލޭމް އިން ބުނެއެވެ.

comment ކޮމެންޓް