ފުލުހުންނަށް އެހީތެރިވުމަށް ސިފައިން ޚާއްސަ އޮޕަރޭޝަނެއް ހިންގަން ފަށައިފި

ސިފައިންގެ ހެވިކަމުގެ ހަރަކާތެއްގެ ތެރެއިން ---- ސަން ފައިލް ފޮޓޯ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަމަންއަމާންކަން ގާއިމްކުރުމުގެ ގޮތުން ފުލުހުން ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިން ނިންމައިފި އެވެ.

އެމްއެންޑީއެފް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަމަންއަމާންކަން ގާއިމުކުރުމަށް ފުލުހުން ހިންގާ އޮޕަރޭޝަނަށް، ސިފައިން އެހީތެރިވުމުގެ ގޮތުން މިއަދު އިރުއޮއްސި 6:00 އިން ފެށިގެން ޚާއްސަ އޮޕަރޭޝަނެއް ހިންގަން ނިންމާފައިވާ ކަމަށެވެ.

އެ އޮޕަރޭޝަން ކުރިއަށްގެންދަން ހަމަޖެހިފައި ވަނީ މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އެ އޮޕަރޭޝަނުގައި އެއްގަމު އުޅަނދު ޗެކް ކުރުމާއި، ކަނޑުގެ އުޅަނދު ފަހަރުތައް ޗެކް ކުރުމުގެ އިތުރުން މީހުން ބަލާ ފާސްކުރެވޭނެ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

މާލެ އާއި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އަމަންއާމާންކަން ދެމެހެއްޓުމަށްޓަކައި، ފުލުހުންނަށް އެހީތެރިވުމުގެ ގޮތުން ސިފައިން ހިންގާ މި ޚާއްސަ އޮޕަރޭޝަނަށް ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

comment ކޮމެންޓް