ނަޝީދަށް ޕާޓީގެ ރައީސްކަން ގެއްލިދާނެ އިސްލާހު ކޮމިޓީން ފާސްކޮށްފި

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު: ނަޝީދަށް ޕާޓީގެ ރައީސްކަން ގެއްލޭ އިސްލާހު ކޮމިޓީ އިން ވަނީ ފާސްކޮށްފައި: ފޮޓޯ/ އޭޕީ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް އެމްޑީޕީގެ ރައީސްކަމުގެ މަގާމު ގެއްލިދާނެފަދަ ގޮތަކަށް މަޖިލީހަށް ހުށަހެޅި ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ގެނައި އިސްލާހު ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ހުށަހެޅުއްވި އެ އިސްލާހު ކޮމިޓީން ފާސްކޮށްފައި ވަނީ ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކަށް އާންމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުމުގެ އިތުރުން އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެން ނުވާނެ ކަމަށެވެ.

މި އިސްލާހު ކޮމިޓީން ފާސްކޮށްފައިވާ ގޮތަށް މަޖިލީހުގެ ތަޅުމުން ފާސްވެއްޖެ ނަމަ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރުމުގެ ކުށުގައި 13 އަހަރު ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އެ ޕާޓީގެ ރައީސްކަން ގެއްލިގެންދާނެ އެވެ.

ޖަލުތަކާ ޕެރޯމްގެ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ޕެރޯލްބޯޑުން ނިންމާ ނިންމުމާ މެދު ހިތްހަމަނުޖެހޭނަމަ ޝަރީއަތަށް މައްސަލަހުށަހެޅޭގޮތް ފަހި ކޮށްފައިވުން ހިމެނެ އެވެ.

އިސްލާހުގައި ބުނެފައި ވަނީ ހުކުމް ތަންފީޒު ކުރާ މީހަކަށް ޕެރޯލްގެ ފުރުސަތު ލިބި ޕެރޯލްއާ ގުޅޭގޮތުން ޕެރޯލް ބޯޑުން ނިންމާ ނިންމުމަކާ މެދު ހިތްހަމަ ނުޖެހޭނަމަ އެ ނިންމުން ނިންމިތާ 60 ދުވަހުގެ ތެރޭގައި ޝަރީއަތަށް ހުށަހެޅުމުގެ ހައްގު ހުކުމް ތަންފީޒުކުރާ މީހަކަށް ލިބިގެންވާ ކަމަށެވެ. އެ މައްސަލަ ޝަރީއަތަށް ހުށަހެޅޭނީ ޕެރޯލް ބޯޑުން ނިންމާ ނިންމުން އަލުން މުރާޖާކޮށްދިނުމަށް ދެވަނަ ފަހަރަށް އެ ބޯޑަށް ހުށަހަޅައި ނިންމާ ނިންމުމާ މެދު ހިތްހަމަ ނުޖެހޭނަމަ އެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް 95 އިސްލާހެއް ހުށަހަޅާފައި ވާއިރު، ގާނޫނުގެ ހަ މާއްދާއެއް އުވާލުމަށްވެސް ވަނީ ހުށަހަޅާފައެވެ. ގާނޫނަށް އިސްލާހު ހުށަހަޅާ ބިލް މަޖިލީހަށް ފޮނުވައިފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 25 ވަނަ ދުވަހު އެވެ. މިއީ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ހުށަހެޅި ފުރަތަމަ ފަހަރެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، ޖަލުތަކާއި ޕެރޯލްގެ ބިލް ތަސްދީގު ކުރެއްވީ އަލުން ވިސްނާ ވަޑައިގަތުމަށް މަޖިލީހަށް ފޮނުވާލެއްވުމުން ދެވަނަ ފަހަރަށް އެ ބިލް ފާސް ކުރުމުންނެވެ.

ރައީސް ވަހީދު އެ ބިލް އަނބުރާ މަޖިލީހަށް ފޮނުއްވާލެއްވީ އެ ބިލްގައި ގާނޫނީ ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް އޭރުގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ލަފާދެއްވާފައިވަނިކޮށެވެ. އެހެންނަމަވެސް އެއިރު މަޖިލީހުން ދެވަނަ ފަހަރަށް އެ ބިލް ފާސްކޮށްފައި ވަނީ ބަންޑާރަ ނައިބު ފާހަގަކުރެއްވި އެއްވެސް ކަަމަކަށް ރިއާޔަތްކުރެއްވުމެއް ނެތިއެވެ.

comment ކޮމެންޓް