ދިވެހިން ހޯދުމަށް ދަސްވާރުގައި އެސްޓީއޯއިން ސޮއިކޮށްފި

ދަސްވާރު ޕުރޮގުރާމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: އަހްމަދު ސާއިލް އަލީ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަކީ 100 އިންސައްތަ ދިވެހި މުވައްޒަފުން މަސައްކަތްކުރާ ކުންފުންޏަކަށް ހެދުމުގެ އަމާޒާއެކު އެ ކުންފުނިން ދަސްވާރު ޕްރޮގްރާމުގައި ބައިވެރިވެއްޖެ އެވެ.

އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި، ހަފްލާއެއްގައި އެކުންފުނީގެ ފަރާތުން ސްކޫލު ނިމޭ ކުދިން މަސައްކަތަށް ތަމްރީނުގެ ކުރުމުގެ އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރުއެވެ. ދަސްވާރު ޕްރޮގްރާމްގެ ދަށުން ސޮއިކުރެއްވީ ކޯޑިނޭޓަރު ސޯފިއާ ރަޝީދު އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ އެމްޑީ ޝަހީރު ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ ހުރިހާ މުވައްޒަފުންނަކީ ދިވެހި މުވައްޒަފުންނަށް ހެދުން ކަމަށާއި އެފަދަ ޕްރޮގުރާމްތަކުގެ ސަބަބުން އެފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ މިފަދަ ޓްރެއިނިން ނިމޭވަރަކުން ފުރުސަތު އޮތްވަރަކުން އެސްޓީއޯގެ އެކި ވަޒީފާތަކަށް މިކުދިން ވެއްދުން. އަދި މުސްތަގުބަލުގައި އަޅުގަނޑުމެން ބޭނުމެއް ނުވޭ ފޮރިން ސްޓާފުން މިތަނުގައި އެއްގޮތަކަށްވެސް ތިބޭކަށް. ހަމަ 100 ޕަސެންޓް ދިވެހިކުދިން މަސައްކަތް ކުރާތާކަށް އެސްޓީއޯ ހަދަން އަޅުގަނޑުމެން ބޭނުންވަނީ،" ޝަހީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިއަދުގެ އެއްބަސްވުމުގެ ދަށުން 23 ދަރިވަރަކަށް އެސްޓީއޯގައި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ދެވިގެންދާނެ ކަމަށެވެ.

އެސްޓީއޯގައި މަސައްކަތް ކުރާއިރު އެކުދިންނަށް ފައިސާ ދެވޭނެ ކަމަށާއި އެކުދިންނަށް ތަމްރީނު ދެވިގެންދާނީ ތަޖުރިބާކާރުންގެ ލަފާގެ މަތިން ކަމަށް ވިދާޅުވި އެވެ.

"މިއެއްބަސްވުމުގެ ދަށުން މި ދަރިވަރުންނަށް ޓްރެއިނިން ދެވޭނީ ފަސް ދާއިރާއެއްގައި. އެ ދާއިރާތަކަކީ ރެފްރިޖަރޭޝަން އެންޑް އެއާކޮންޑިޝަނިންގ، ރީޓެއިލް ސާވިސަސް، އޮޓޯމޯބައިލް މެއިންޓެނަންސް، ރީޓެއިލްސް، ފޮޓޯގްރަފީ،" ޝަހީރު ވިދާޅުވި އެވެ.

އެސްޓީއޯއިން މިދިޔަ އަހަރު ވަނީ ވަރަށް ގިނަ ކުދިންނަށް ފުރުސަތު ދީފައެވެ. އޭގެ ތެރެއިން އެއްކުއްޖަކު ދަނީ ދާއިމީކޮށް މަސައްކަތް ކުރަމުން ކަމަށާއި އެކުދިން ޓްރެއިނިން ނިމޭއިރު ތިބޭނީ މަސައްކަތުގެ މާހައުލަށް ތައްޔާރުވެވޭވަރަށް ތަމްރީނު ވެވިފައި ކަމަށް ޝަހީރު ވިދާޅުވިއެވެ. ޝަހީރުގެ އެދުމަކީ ބެލެނިވެރިންގެ އެހީތެރިކަމާއެކު އެކުދިން ގަޑިތަކަށް މަސައްކަތައް ފޮނުވައިދިނުމެވެ.

ކޯޑިނޭޓަރު ސޯފިއާ ވިދާޅުވީ މިދިޔަ އަހަރު ފެށި އެ ޕްރޮގްރާމުގެ ބޭނުމަކީ ޒުވާނުންނަކީ އުފާވެރި ދިރިއުޅުމެއް އުޅޭ ގާބިލް ބަޔަކަށް ހެދުން ކަމަށާއި އެ ޕްރޮގްރާމް އަމާޒު ކުރެވިފައިވަނީ ގްރޭޑް 10 ގައި ތައުލީމް ހާސިލް ކުރާ ދަރިވަރުންގެ ތެރެއިން މަސައްކަތަށް ޝައުގުވެރިވާ ކުދިންނަށް ކަމަށެވެ.

މާލޭގެ ސްކޫލުތަކުގެ ގްރޭޑް 10ގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން އެޑިއުކޭޝަން މިނިސްޓްރީން ހިންގި އެ ޕްރޮގަރާމްގައި މުޅި ޖުމްލަ 175 ކުދިން މިދިޔަ އަހަރު ވަނީ މަސައްކަތަށް ތަމްރީނު ކުރެވިފައެވެ.

comment ކޮމެންޓް