މަގު އޮޅިގެން ހިނގަމުން ދަނިކޮށް އެންމެފަހުން އިރުއޮއްސި އަނދިރިވާން ފަށައިފިއެވެ. އެކި ދިމާލުން އިމާރާތްތައް ބޮކިތަކުން ދިއްލެންފެށިއެވެ. ކާރެއް މަޑުކުރުވަން ކުރި ޚިޔާލުވެސް ފެނަށްވިއެވެ. ޑްރައިވަރު ގާތުގައި ގޭގެ ނަން ބުނާނީ ކިހިނެއްހެއްޔެވެ؟ އަނާ އެވަރުންވެސް އުއްމީދު ގެއްލުވާލާކަށް ނުވެއެވެ. އަނާ ދެރަވީ އެންމެ ބޭނުންވި ވަގުތު ފޯނުގެ އެހީތެރިކަމެއް ނުލިބުމުންނެވެ. ފޯނު ނިވެން އެނގުނީ މިހާރުހެއްޔެވެ؟ އެހެންނޫންނަމަ ގޫގުލް މެޕްގެ އެހީ ހޯދިދާނެއެވެ. އަނާ ދަންނަ އިމާރާތެއް ފެންނާނެނަމައެވެ. ދަންނަ ކުއްޖަކާއި ދިމާވާނެ ނަމައެވެ. ވިސްނައިގެން ހުރެ ކުރިއަށް ދަނިކޮށް ފަހަތުން މީހަކު އައިސް ހިފައިގަތުމުން އަނާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އެވަރުންވެސް ހަޅޭއްލަވައިގަންނާކަށް ނޭގުނެވެ. ސިކުނޑީގެ އެބައި އެއްގޮތަކަށްވެސް މަސައްކަތެއް ނުކުރިއެވެ. އަނާ އެނބުރި ބަލައިލިއިރު އެއީ އޭނަގެ ބޭބެ ރާހިލްއެވެ.

"އަނާ، މަންމަމެން އަނާ ގެއްލިގެން ހާސްވެގެން ފުލުހުންނަށްވެސް ގުޅަން އުޅުނު، އެކަމަކު އަހަންނަށް އެނގޭ އެމީހުންނަށްވުރެ އަހަރެން ދެރައެއް ނުވާނެކަން، މާލޭގެ މަގުތަކުގައި ވަރަކަށް ދުއްވައިފިން، އަނާ ގަސްތުގައި އަހަރެމެން ތަޅުވާލަން ކުރިކަމެއްތަ؟ އެހެން ނަހަދައްޗޭ ސްވީޓްހާޓް، އެނގެއެއްނު ޕްރިންސެސް ގެއްލުނީމަ އެންމެންނަށް ވާނެވަރު، މަންމަ ޖޮބުން އައިގޮތަށް ރޮއިރޮއި، ކިރިޔާ ބައްޕައަށް ހާޓްއެޓޭކެއް ނުޖެހުނީ، އަނާ ޑޯންޓް އެވަރ ޑޫ ދިސް އެގެއިން، ނޫނީ ބޭނުންނުވާ ކަންތައް ކުރަން މަޖުބޫރުވެދާނެ............" ރާހިލް އަނާގެ އަތުގައި ހިފައިގެންގޮސް ކާރަށް އެރުވިއެވެ. ރާހިލް ހުރީ އެކަނި ހިތްހަމަނުޖެހިފައެއް ނޫނެވެ. ރުޅިވެސް ގަދަވެފައެވެ. އޭނައަކީ އެހާ ކެތްތެރި މީހެއް ނޫނެވެ. އަނާ އަނގައިން އެންމެ ލަފުޒެއް ކީއްކުރަން އިޝާރާތުންވެސް މުވާސަލާތް ކުރަން ބޭނުންނުވަންޏާ މިގޮތަށް ގެއްލިގެން އެންމެނަށް ކިހާ އުދަގޫވާނެހެއްޔެވެ؟ މިއަދުވެސް އޭނަ ހާދަ ވަރަކަށް ދުއްވައިފިއެވެ. ރާހިލް ކާރަށް އަރާފައި ދޮރު ލައްޕައިލިގޮތަކުން އަނާ ކަންފަތުގައި އަތްއެޅިއެވެ. އަނާގެ މޫނަށް ބަލާލާފައި އެމޫނުން ބިރުގެންފައި އިންވަރު ފެނުމުން ރާހިލް މައިތިރިވިއެވެ. ވަރަށް މަސައްކަތުން އަމިއްލަ ނަފުސް ހަމަޔަކަށް އެޅުވިއެވެ.

ރުޚުސާނާއާއި ފަލަކްނާޒް އޮފީހުގައި ކޮފީބޯންތިބިއިރު އެމީހުން ދައްކަމުން ދިޔަ ވާހަކައިގެ އުފާވެރިކަން ދެމީހުންގެ މޫނުން ހުރަހެއްނެތި ފާޅުވާން ހުއްޓެވެ.

"މިސްކުގެ ބޯއިފްރެންޑެއް ނެތްކަން ހަމަ ރުޚޫއަށް ޔަގީންތަ؟ މިސްކު ދެކޮޅު ނަހަދައިފިއްޔާ އަހަރެންގެ ދެފިރިހެންކުދިން ކުރެ އެއްކުއްޖެއް ރުޚޫއަށް ދޭން ހަމަ ތައްޔާރަށް މިހިރީ، އެކަމަކު މަށަށް ކައިލަން އިނގޭ......" ފަލަކްނާޒްގެ ހުށަހެޅުމުން ރުޚުސާނާގެ މޫނުމަތި އަލިވެގެން ދިޔައެވެ. ދެމީހުން އެކަމާއި މަޝްވަރާކުރީ އެއިން ކުއްޖެއްގެ ރުހުމަކަށް ބެލުމެއްނެތިއެވެ. ކޮންމެހެން ގަދަކަމުން ކުރުވުމަށްވުރެ ދެއެކުވެރިންވެސް ނިންމީ އަމިއްލައަށް އެކުދިންނަށް ފެނިގެން ރައްޓެހިވުމަށެވެ. އެކީގައި އުޅެންފެށުމުން ހިތުގައި ލޯބި އުފެދިދާނެއެވެ. ކުދި ޕާޓީތަކާއި އެއްވުންތަކުން އެކުދިންގެ ދޭތެރޭގައި އެކުވެރިކަން އުފެއްދުމަށް ދެމީހުން އެއްބަސްވެ ހީހީފައި އުޅުނުއިރު އެއަޑު އަހަން ކޮންމެވެސް މީހެއް އެތާ ހުރިކަމެއް އެމީހުންނަކަށް ނޭގުނެވެ.

މިސްކު ހުޅުމާލޭގައި އޭނަގެ ދޮންބެ އުޅޭ އެޕާޓްމެންޓާއި ދިމާލަށް ދިޔައީ ކައިލަން އެގަޑީގައި ޖިމަށް ދާކަން ރަގަޅަށް އެނގިހުރެއެވެ. ދޮންބެގެ އެކުވެރިޔާ ޒާޔަލްއަށްޓަކައި ހިތުގައިވާ މަގާމު ފުންވަމުންގޮސް ދުރުގައި ހުންނަން ކެތްނުވާވަރުވީއެވެ. އެދެމީހުން ފޯނުން އެކުވެރިން ގޮތުގައި ވާހަކަ ދައްކާތާ ކޮން ޒަމާނެއް ހެއްޔެވެ؟ ހުޅުމާލޭގައި ކައިލަންއާއިއެކު ޒާޔަލް އުޅޭކަން އެނގުނު ދުވަހުން ފެށިގެން މިސްކު އެ އެޕާޓްމެންޓަށް ދާ ހިތުން ހުރީ ކެތްނުލަވާފައެވެ. އޭރު އެ އިމާރާތުގައި ކަރަންޓު ނެތެވެ. އޭނަ އެކަނި މިތަނަށް އައިކަން އެނގިއްޖެއްޔާ ކައިލަން އޭނައަށް ދޭނެ އަދަބެއްވެސް ނޭގެއެވެ. އެޕާޓްމެންޓްގެ ދޮރުގައި ތަޅައިގަތުމުން ޒާޔަލް ނުކުތްތަން ފެނިފައި މިސްކުގެ ނޭވާ އެތެރެހަށީގައި ތާށިވިއެވެ. ހޫނުވެފައި ހުއްޓަސް ހީވީ މެޔަށް ގަނޑުފެންތަކެއް އޮއްސައިލެވުނުހެންނެވެ. އެތެރޭގައި އަނދައަނދާ ހުރި އުއްބައްތިތަކުގެ ކުލަ އެމޫނަށް އެޅިފައިވާއިރުވެސް ލޮލުގެ ރީތިކަން ފެނުނެވެ.

"މިކީ، ކީއްކުރަން ތިއައީ، ކައި އަށް އެނގިއްޖެއްޔާ މަގޭ ދުވަސްވާނެ އިނގޭ، އަހަރެން ހުރީ ކައިގެ ކޮއްކޮއަށް ވީތީ ވާހަކަވެސް ނުދައްކަން، އެކަމަކު........" ޒާޔަލް ހީލާފައި މިސްކު ވަންނަން ތަންދެއްކިއެވެ. މިސްކު ދޮން ނުވިޔަސް އޭނަގެ ހަމުގެ އޮމާންކަމާއި ތުންފަތުގެ ރަތްކަމުން ބޭރުކުއްޖަކާއި ވައްތަރެވެ. ހަށިގަނޑުގެ ވަނާތައް ފުރިހަމަވެފައި ހެދުން އަޅާގޮތް ވަރަށް ހިތްގައިމެވެ. މިރޭވެސް މުށިކުލައިގެ ހެދުމެއް ލާފައި ހުރުމުން ވަރަށް ނަލައެވެ.

"ފިނި އެއްޗެއް ނެތްތަ؟ ވަރަށް ހޫނުވެފައި މިހިރީ، އަހަރެންވެސް އަނާއާއި އޭނަގެ މަންމައާއިއެކު އައިގޮތަށް ދޮންބެއަށް ވިޒިޓެއް ޖަހާލާހިތްވީ...... "މިސްކު ލާނެތްގޮތަކަށް ހީލާފައި ފްރިޖާއި ދިމާލަށް ހިނގައިގަތްތަނާ އަތުގައިވާ ފޯނު ވެއްޓުމުން ނަގަން ގުދުވިވަގުތު ޒާޔަލްއަށްވެސް ތިރިވެވުނީއެވެ. ދެމީހުންގެ ބޯ ޖެހުނުއިރު އަތްތިލަވެސް ބީހިގެންދިޔަގޮތަށް އަތްތިލަލާމެހުނެވެ. އެސިކުންތުކޮޅު މިސްކު ޒާޔަލްގެ ދަތްދޮޅީގައި ހިފާލާފައި އެކުރިކަމެއްގައި ޒާޔަލްއަށްވެސް ބައިވެރިވެވުނީ އެނގުމަކާއި ނުލައެވެ.

"އައި ލަވް ޔޫ ޒިޔާ....." މިސްކުގެ އެ ޖުމްލައާއިއެކު ޒާޔަލް ހޭވެރިކަންވެ އަވަހަށް ފުންމައިގެން ތެދުވިގޮތަށް ދެކޮޅަށް ހިނގަންފެށިއެވެ. މިސްކު އިނގިލީގައި ދަތްއެޅިއެވެ. ކިތަންމެ ފަހަރަކު ހިތުގައިވާ އެއްޗެއް ބުނަން އަނގަ ހުޅުވާލާފައި އޭނަ ފަސްޖެހުނެވެ. ކިތަންމެ ފަހަރަކު އެހިތް ބަންޑުންކޮށްލަން ނިންމިއެވެ. މިވަގުތު އޭނަގެ ލަދުވެތިކަން ދިޔަތަނެއްވެސް ނޭގުނެވެ. އެ ލަފުޒުތައް އަނގައިން ބޭރުވުމަށްފަހު ޒާޔަލްގެ ޖަވާބެއް އަންނާނެގޮތެއް ނޭގިގެން މުޅިކުއްޖާ ގަނޑުފެންކޮޅަކަށްވެއްޖެއެވެ.

"މިކީ، ތިކުރީ ކީއްތަ؟ "ޒާޔަލް އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލިއެވެ.

"ޒިޔާ އަހަންނަކަށް މިކަން ކުރިއަކަށް ނުގެންދެވޭނެ، ކައި ވަރަށް ރުޅިއަންނާނެ، ކައިގެ ބެސްޓްފްރެންޑްގެ ގޮތުގައި ހުރެ އޭނަގެ ކޮއްކޮ ހައްލާލީއޭ ދޯ ބުނާނީ...." ޒާޔަލް ހިތަށް ވިސްނައިދޭން މަސައްކަތްކުރިޔަސް އޭނަގެ ހިތުގައިވެސް މިސްކުގެ ނަން ލިޔެވިފައިވަނީ ރަންއަކުރުންނެވެ. މިވީ ދުވަސްކޮޅުގެ ތެރޭގައި ޒާޔަލް އަބަދުހެން މިސްކުއާއި ވާހަކަދައްކާ ހަދައެވެ. ދަންވަރުވެސް ގުޅައިގެން އޮވެއެވެ. ވައިބަރ ކުރެވެއެވެ. އެފްބީއިން އެހާވަރަށް މެސެޖް ފޮނުވެއެވެ. ދެމީހުން އެކުވެރިންގެ ނަން ދީގެން އުޅުނަސް ދެހިތުގައި މަޑުމަޑުން ލޯބި އާލާވަމުންގޮސް ދުރުނުވެވޭ ހިސާބަށް އާދެވިއްޖެއެވެ.

"ކީއްވެ ދޮންބެ ރުޅިއަންނާންވީ، އެޓްލީސްޓް ބުނީމައެއްނު އެނގޭނީ ވިސްނާގޮތެއް، އަހަންނަށް ލޯބިވެވުނު އެކަނި މީހަކީ ތިއީ، ކޮންދުވަހެއް އެކުވެރިއެއްގެ ގޮތުން ވާހަކަ ދައްކާތާ، އޭރުވެސް އަހަންނަށް އެނގޭ ތިއީކަން އެންމެ ޕާފެކްޓް މީހަކީ......." މިސްކުގެ ދެލޮލުގައި ގިނަވެގަތް ކަރުނަތައް ފެނިފައި ޒާޔަލްގެ މޫނުގެ ކުލަ ފަނޑުވެގެން ދިޔައެވެ. ޒާޔަލް ކުރިއަށް ޖެހިލާފައި މިސްކުގެ ކޯތާފަތް ފޮހެލަދިނެވެ.

"ނުރޮއި މިސްކު، ހަގީގަތުގައި އަހަރެންވެސް އެންމެ ހިތް އެދޭ ބައިވެރިޔަކީ އެކަނި ތިއީ، އަހަރެންވެސް މިކީ ބޭނުން، ވަރަށް ވަރަށް ލޯބިވޭ....." ޒާޔަލް މިސްކު ގެނެސް މޭގައި ޖައްސާ ބާރުކޮށްލިއެވެ. މިސްކުގެ ހިތް އުފަލުން އުދުއްސައިގަތެވެ. މިސްކު ބޭނުންވީ ކައިލަން ގެއަށް ނާންނަނީސް އަނާމެން ދިރިއުޅޭ އެޕާޓްމެންޓަށް ދިޔުމަށެވެ. ހަނދުވަރުގެ ރިހި އަލިން އެހިސާބު އަލިކޮށްފައިވާއިރު ކަރަންޓު ނެތުމުގެ އުނިކަން މަގުތަކަށް އިހުސާސެއް ނުކުރެވެއެވެ. ޖެހިލި ފިނިވައިރޯޅިއަކާއިއެކު މިސްކު ދެއަތްގެނެސް ބޮނޑިކޮށްލާއިރަށް ފަހަތުން މީހަކު އަންނަހެން ހީވެގެން ބަލައިލިއެވެ.

"ޒިޔާ ދެން ނަޔަސް ހަމަ ރަގަޅުވާނެ، އެކަނި ދެވިދާނެ....." މިސްކުގެ ހިތް އުފަލުން ފުރުނެވެ. ޒާޔަލް މިސްކުގެ އަތްތިލަ މުށުތެރެއަށްލާފައި ފިތާލިއެވެ. ޒާޔަލްގެ އެލޯބި އަދާއިންވެސް މިސްކުގެ ހިތް ބަންޑުންވިއެވެ.

"ހީވޭތަ އެކަނި ދޫކޮށްލާނެހެން..." ޒާޔަލް އިޝްގީ އަޑަކުން ބުނެލިއެވެ. ދެމީހުން ހެމުން ވާހަކަ ދައްކާލާފައި ދިޔައިރު އެމަންޒަރު ދެކެން ގަސްތަކުގެ ތެރޭގައި މީހަކު ހުރިކަމެއް އެކުދިންނަކަށް ނޭގުނެވެ. މާ ކުރީއްސުރެން މިސްކުގެ ފަހަތުން ފާރަލައި އުޅޭ ޒުވާނެއްވާކަން ހީކުރެވިފައެއްނެތެވެ. ފަހުން ދިމާވެދާނެ އެއްވެސް ކަމަކަށް ޚިޔާލުނުކޮށް ދެލޯބިވެރިން އަތުގުޅުވާލައިގެން ގޮސް މިސްކު ބޭނުންވާ މަންޒިލަށް ފޯރިއެވެ.

ޖެހިގެން އައިރޭ ޒާޔަލްއާއި މިސްކު އެކީގައި ރެސްޓޯރެންޓަކަށް ދިޔައެވެ. އޭނަ ކޮންމެގޮތަކަށް އުޅުނަސް އެކަން ދެކޭނެ މީހަކު ނެތެވެ. މިސްކު ނިކަން މިނިވަނެވެ. މަންމަ ގެއަށް ވަންނާނީ ކޮންމެ ރެއަކު އެގާރަ ޖަހާ ބޮޑުވާފަހުންނެވެ. ދަރިން ރަގަޅަށް އުޅޭނެކަމުގެ ޔަގީންކަން އޮތްލެއް ބޮޑީއެވެ. ފަޒީލްގާތުގައި ރުޚުސާނާ ބުނެފައިވަނީ ރޭގަނޑު ބޭރަށް ނުގޮސް މަޑުކޮށްލުމަށެވެ. އެއަޑަށް ފަޒީލްވެސް ދެނީ ބީރުކަންފަތެކެވެ. އޭނަވެސް އުޅެނީ އެކުވެރިންނާއިއެކު ހޮޓާތަކާއި މުޒާހަރާތަކުގައެވެ. ކޮންމެވެސް ސިޔާސީ އެއްވުމެއްގައެވެ. އެހެންކަމުން މިސްކުއަށް ރަނުގެ ފުރުސަތެއް ލިބިފައިވެއެވެ. ޒާޔަލްއާއި ލޯބީގެ ގޮތުން ގުޅުމަށްފަހު މިސްކު އަބަދުހެން ހުންނަނީ ހިނިތުންވެލާފައެވެ. ލޯބީގެ ރާގެއް އަޅުވާލާފައެވެ. ޒާޔަލްއާއިއެކު ހޭދަކުރެވޭ ލޯބި ވަގުތުތައް ހަނދާންކޮށްފައި އެކަނިހުރެވެސް ލަދުން މޫނުގައި އަތްއަޅާފާނެއެވެ. އެއީ ރުޚުސާނާއަށް އާ ކަމެއް ނޫނެވެ. އޭނަވެސް ލޯބީގެ މާތައް ފޮޅުވިއިރެއް އައެވެ. އޭނަގެ ދަރިފުޅު ޒުވާންވެ އެހިތުގައި ލޯބީގެ ހުޅުކޮޅު ރޯވެއްޖެކަން އެނގުމާއިއެކު ރުޚުސާނާގެ ހިތަށް ބިރުވެރިކަމެއް ލިބުނެވެ. އެއީ ކޮންމެ މީހަކަށްވިޔަސް ރުޚުސާނާ ހުއްދައެއް ނުދޭނެއެވެ. ފަލަކްނާޒްގެ ކުއްޖަކާއި މިސްކުގެ ކާވެނި ކުރުވުން ވަނީ ރުޚުސާނާގެ އެންމެ އިސް ވާޖިބުކަމުގައި ވެފައެވެ. މިސްކުއަށްޓަކައި ދެން އެފަދަ ރަގަޅު ހުށަހެޅުމެއް ނުލިބޭނެއެވެ.

"ކޫލް ކޮޓެޖް"ގެ އާއިލާގެ ބައެއް މެމްބަރުން ރެސްޓޯރެންޓަށް ކާން އައީ އެކީގައެވެ. އަނާ ފިޔާތޮށިކުލައިގެ ހެދުމެއްލައިގެން ހުރިއިރު ރީތިކަމުން ދެކޭ ކޮންމެ މީހަކު ދެވަނަފަހަރަށް ބަލައިލަން މަޖުބޫރުކުރުވައެވެ. ޔަޒީދު އާއި ފަރަހްނާޒް އެކީގައިގޮސް އިށީންއިރު ފިރިހެން ދަރިފުޅު ރާހިލް އައީ ފޯނާއި ކުޅެމުންނެވެ. އިސްކޮޅުން ދިގުވެފައި ފިރިހެންވަންތަ ގޮތެއް ހުންނަ އެ ޒުވާނާއަކީ އަންހެންކުދިންގެ ތެރޭގައި މަޝްހޫރު ކުއްޖެކެވެ. ދިގު އެސްފިޔަތަކުން ފްރޭމްކުރެވިފައިވާ ދެލޮލަކީ އަންހެންކުދިންގެ ހިތްތައް ކަތިލައިލާ ޚަންޖަރެއްހާ ތޫނު ލޮލެކެވެ. އަނާގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީންއިރު އަނާ އިނީ ދުރަށް ބަލަހައްޓައިގެންނެވެ. އެތާ އެންމެން ހަމަޖެހިލުމަށްފަހު މައުޟޫއަކަށްވީ އަނާއެވެ.

"މަންމަމެން އަނާ ސައިކޭޓްރިސްޓަކަށް ދައްކަންޏާ ޖެހޭނީ އެރޫމްގައި ކެމެރާ ހަރުކުރަން، މީހެއްގެ މޫނުގައި އެއީ އެންޖެލްއެކޭ ލިޔެވިފައެއް ނީދެއެއްނު މަންމާ....." ރާހިލް ވާހަކަދެއްކީ މަޑުންނެވެ. އަނާ އިނީ މެނޫ ހުޅުވާލައިގެންނެވެ. އެމީހުން މަތީބައިގެ ރިޒާވްކޮށްފައިވާ ބައިގާ ތިބިއިރު އެހިސާބުގައި އިތުރު ބަޔަކު އޭރަކު ނެތެވެ. މޭޒުމަތީގައި ހުރި އުއްބައްތީގެ ހުޅުކޮޅު ނަށާލާއިރު އެދިމާލަށް ބަލަންއިން އަނާގެ ލޮލަށް ފެންނަނީ އެކަނި ކައިލަންގެ ރީތި ސޫރައެވެ. އެހެން އެއްވެސް ކަމަކާއިމެދު ނުވިސްނަން އަނާ ތަކުރާރުކޮށް ހިތަށް އެންގިއެވެ. އެކަނި ކައިލަންގެ ރީތި ސިފަތަކުން ހިތް ހަމަޖައްސައިލާނީއެވެ. ބިރުވެރި ހުވަފެންތައް ހަނދާންކުރަން ވެއްޖެއްޔާ އޭނަ އިތުރަށް މޮޔަވެދާނެއެވެ.

"ދަރިފުޅު ބޭނުންގޮތެއް، އެކަމަކު މަންމަ މާ ވަރަކަށް ކައިލަންއަށް ޓްރަސްޓްކުރަނީ، ރާހިލް ބުނާގޮތަށް އަހަރެމެން ކަންތައް ކުރަމާ ހިނގާ އިހަށް، ރާހިލް ބޭނުމެއްނުވޭ އިހަށް ރުގުޔާކުރުވާކަށްވެސް، އެކަންތައްވެސް މަޑުޖައްސާލާނީ......" ޔަޒީދު ރާހިލްގެ ވިސްނުންތޫނުކަމާއި ހަރުދަނާކަމަށް ހިތް ތައުރީފުކުރެއެވެ. ދަރިއަކަށްވިޔަސް ކޮންމެ ކަމެއްގައި ލަފާ ހޯދުމަށް އިސްކަން ދެއެވެ. ކޮއްކޮމެން ދެކެ އޭނަ ވާ ލޯތްބަކީ ނަމޫނާއެކެވެ.

"މިޒަމާނުގައި ޖިންނިންނަށް މަންމަމެން މާ ވަރަކަށް އީމާންވާތީ މަޖާ ދޯ ސްވީޓްހާޓް...." ރާހިލް އަނާގެ މޫނަށް ބަލައިލިއިރު ލޯބި ނޫން އެއްޗެއް އެދެލޮލަކު ނުވެއެވެ. އަނާ އިޝާރާތުންވެސް ޖަވާބުދޭކަށް ނޫޅުނެވެ. ރާހިލް އަހައިލީ ކާން ބޭނުންވާ އެއްޗެކެވެ. އަނާ އިނގިލި ޖައްސާލާފައި ދެއްކުމުން ރާހިލް ބޯ ހޫރާލިއެވެ. އަނާ ލައްވާ ވާހަކަ ދައްކުވަން އުޅޭ މީހަކުގެ ސިކުނޑި ސުމަކަށް ގޮސްދާނެއެވެ.

"މިގޭތެރެއިން ސިހުރުހަދަނީއޭ ކިޔަންޏާ އެހެންވެސް ޝައްކުވާނެއްނު، ރާހިލް، ކޮއްކޮ އަންނަން ބުނި ގަޑި ފާއިތުވެއްޖެދޯ......." ފަލަކްނާޒްގެ އެ ޖުމްލަ ފުރިހަމަނުވަނީސް ފޯނަށް ގުޅާލާފައި މަންމަމެން ތިބިތަނެއް އޮޅުން ފިލުވަން ގުޅިއެވެ. އެހެން ބުނުމުން ރާހިލް ހީގަނެފައި ބުނީ ޑެވިލް ގެ ވާހަކަދައްކާލާ އިރަށް ފާޅުވީކަމުގައެވެ. ރާހިލް އެހެން ބުނުމުން ފަލަކްނާޒް ލޯބިން ކަހަލަގޮތަކަށް ދަރިފުޅަށް ލޯ އަޅައިލިނަމަވެސް އެއީ މުޅިއަކުން ދޮގެއްނޫނެވެ. ރާހިލް އާއި ކޮއްކޮ ހާދަ ތަފާތެވެ. އުޅުމާއި މިޒާޖު އަދި ހުންނަލެއްވެސް ތަފާތީއެވެ. އެކުއްޖާ އަބަދު ހުންނާނީ ރުޅިއައިސްފައި ބުމަ ގޮށްޖަހާލައިގެންނެވެ. ހިނިތުންވުން ދުވަހަކުވެސް ދައްކާނުލާނެއެވެ. މިގެއަށް ވަންނަންވިޔަސް ހީވަނީ ދެފައިގާ އަލިފާން ހިފާހެންނެވެ. މަޖުބޫރުވެގެން ނޫނީ ގޭގެ އެތެރޭގައި ފައި އަޅާކަށް އޭނަ ބޭނުމެއް ނޫނެވެ. ރާހިލް ހާދަ ތަފާތެވެ. ފަނޑު ހިނިތުންވުމުގެ ސަބަބުން އެރީތިކަން އިތުރުވެފައިވެއެވެ. އެހާ މާތް ވައްތަރުޖަހައެވެ.

އެ ރެސްޓޯރެންޓަށް ޔަޒީދުގެ އާއިލާ އައީ އެންމެ ފެންވަރު ރަގަޅުތަނަކަށް ނުވިޔަސް ތަނުގެ ކެއުން މީރުކަމުންނާއި ހިތްފަސޭހަކަމުން ރަހަ ތަފާތުކޮށްލުމަށެވެ. ޓްރޭޑާސްފަދަ ތަންތަނަށް އަބަދު ދިޔުމުގެ މާނައެއްނެތެވެ. އޭރު އެރެސްޓޯރެންޓުގެ ތިރީބައިގާ ޒާޔަލްއާއި މިސްކުވެސް އިށީދެލައިގެން ކާން އޯޑަރު ދީގެން ތިއްބެވެ. އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައި ތިބިއިރު ޒުވާން ދެހިތުގައި ވަނީ ލޯބީގެ ވިންދު ޖަހަން ފަށާފައެވެ. ޒާޔަލްއާއި މިސްކު ވާހަކަދައްކަން ތިއްބާ ކޮންމެވެސް މީހަކު ވަރަށް ރަގަޅަށް އެދެޒުވާނުންނަށް ބަލައިލިއެވެ. އެމީހަކު އަނދިރީގައި ހުރެފައި އަތް މުށްކަވައިލިގޮތަށް ހިނގައިގަތީ ސިޑިއާއި ދިމާލަށެވެ. އެންމެ ފަހަރަކުވެސް މިސްކުގެ ނަޒަރު އެދިމާލަށް ހުއްޓުނުނަމައެވެ. އެދެލޮލުން ބަލައިލިގޮތަކުން ހީވީ ފިއްސާލާނެހެންނެވެ.

ކައިލަން ގަހަކަށް ލެނގިލައިގެން ފޯނެއްގައި ހުރި މަންޒަރު ބެލްކަނީގައި ހުރި ފަލަކްނާޒްއަށް ފެނުނެވެ. ހިތުގައި ޝައްކު އުފެދުނެވެ. ކައިލަންގެ ލޯބިވެރިޔަކު ހުރީހެއްޔެވެ؟ ނޫނީ ސިއްރުން މީހަކާއި އިނދެގެން ހުންނަނީހެއްޔެވެ؟ އެހާ ސިއްރުން ވާހަކަދައްކާނީ ކޮންމެވެސް ޚާއްސަ ފަރާތަކާއިކަން ޔަގީނެވެ. ބެލްކަނީގައި ހުރިއިރު ފަލަކްނާޒް ކިތަންމެ ރަގަޅަށްވެސް އެމަންޒަރު ބެލިއެވެ. ކައިލަންފަދަ ރީތި ފިރިހެނަކު އުމުރުން ފަންސަވީސް އަހަރުވާއިރު ހުހަށް ހުރެދާނެބާވައޭ އޭނަގެ ހިތަށް ކުރިންވެސް އެރިއެވެ. ދިހަވަރަކަށް މިނިޓްފަހުން ފޯނު ޖީބަށް ޖެހިގޮތަށް ކައިލަން ގެއާއި ދިމާލަށް އަންނަތަން ފެނުނެވެ. ކައިލަންގެ ހިނގުން ރޭމްޕް މޮޑެލްއެއް ހެންނެވެ. ކަޅުކުލައިގެ އަތްދިގު ޓީޝާޓަކާއި ނޫ ޖިންސެއްލައިގެން ހުރިއިރު އެހާ ދުރުންވެސް އެރީތި ދެލޮލުގެ ތޫނުކަން ފާހަގަކުރެވުނެވެ. ފަލަކްނާޒްގެ ހިތް އުފަލުން ނަށައިލިއެވެ. އޭނަގެ އަނާއާއި މިހާ ގުޅޭ ޒުވާނަކު މިރާއްޖެއަކުން އޭނަ ނުދެކެއެވެ.

"ކައި......" ފަލަކް ނާޒް ފެންޑާއަށް ނުކުމެފައި ގޮވާލީ ތަންކޮޅެއް ގާތްކޮށެވެ.

"ލައްބަ..." ކައިލަން ހުރީ ހަމަޖެހިލާފައެވެ.

"ކާކަށް ގުޅައިގެން......" ފަލަކްނާޒް ތެޅިތެޅިވާ ހިތަކާއިއެކު ސުވާލުކުރިއެވެ. އަޑުއަހަން ބޭނުންނުވާފަދަ ޖަވާބެއް ލިބިދާނެތީ ނޭވާވެސް ހިފެހެއްޓުނެވެ.

"ފްރެންޑެއް...." ކައިލަންގެ ޖަވާބުން ފަލަކްނާޒް ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލިއެވެ. ފަލަކްނާޒް އަނާގެ ވާހަކަ ފެށުމުން ކައިލަން އެދުނީ ފުރަތަމަ ދުވަސްވީމަ ގަސްތަކުގެތެރޭގައި ސެޝަން ބާއްވަން ބޭނުންކަމުގައެވެ. ބަންދުތަނެއްގައި ތިބުމުން އަނާގެ ހިތަށް ނުތަނަވަސްކަން ވެރިވެދާނެއެވެ. ކައިލަންގެ ނިންމުމާއި އެއްބަސްވުމަށްފަހު ދާދި އަވަހަށް ގަސްތަކުގެ ހިޔަލުގައި ދެސޯފާ ބަހައްޓާދީފައި ކައިލަން އިށީންނަން އިޝާރާތްކޮށްލާފައި އެތެރެއަށް ވަނީ އަނާ ބަލައެވެ. އަނާ ނުކުމެގެން އައީ އިސްއޮބާލައިގެން ހުރެއެވެ. އެހާ ސީދާ ހަށިގަނޑެއް ލިބިފައި ތެދުކޮށް ހުންނަ ކުއްޖެއްކަމުގައި ވިޔަސް ކައިލަން ފެންނައިރަށް އިސްޖަހައިލަން މަޖުބޫރުވަނީ ކީއްވެކަމެއް އޭނައަކަށްވެސް ނޭގެއެވެ. ރަތާއި ކަޅުކުލައިގެ ސްޓްރައިޕް ސްވެޓަރެއްފަދަ ހެދުން ގަޔަށް ހިފާލާފައިވާއެވެ. އަނާ އިށީންއިރު ހަތަރެސްފައި ފިނިވެ ގަނޑުވާން ކާރިވެއްޖެއެވެ. ކައިލަންގެ ރީތިކަމުން ހިތަށް އަސަރުކުރުވާތީ އަނާ ވަރަށް ޖެހިލުންވެއެވެ. މިއިހުސާސްތަކުން ސަލާމަތްވާން އޭނަ ބޭނުމެވެ. އަނާ ތުންފަތުގައި ބާރަކަށް ދަތްއަޅާލައިގެން އިންއިރު ތުންފަތުން ލޭ އޮހިގެންދާނެހެން ހީވިއެވެ.

"އަނާ، ކިހިނެއްތަ؟ "ކައިލަން ސުވާލުކުރީ އެކުވެރިއަކާއި ވާހަކަދައްކާ ފަދަ ގޮތަކަށެވެ. އެސުވާލުގެ ޖަވާބު ނުލިބޭނެކަން އެނގޭއިރުވެސް އެއްފަރާތުން ވާހަކަދައްކަން މިވަނީ މަޖުބޫރުވެފައެވެ. ކައިލަން އެކިގޮތްގޮތަށް ވާހަކަދެއްކިއިރުވެސް އިތުރު ކާމިޔާބެއް ނުލިބުނެވެ. ކައިލަން އަނާގެ ގާތު އެއްޗެއް ކުރަހާލަދޭށޭ ކިޔާފައި ދިން ނޯޓްފޮތް ހަމަ އެގޮތަށް ބިއްލޫރި މޭޒުމަތީގައި އޮތެވެ. އަނާ ހީވަނީ އަމިއްލަ ދުނިޔެއެއްގައި އިންހެންނެވެ. ފަލަކްނާޒް ކައިލަންއަށް ކޮފީއެއް އަދި އަނާއަށް ހޮޓްޗޮކްލެޓެއް ގެނެސްދިނެވެ. އޭނަ އެތާ މަޑުކުރާކަށް ޚިޔާލެއްނުކޮށް އެދެމީހުންނަށް ވަގުތު ދީފައި ދިޔައީއެވެ. ކައިލަން އެކިވާހަކަތައް ދެއްކިއެވެ. މަޖާ ޖޯކުތަކެއް ކިޔާދިނެވެ. އަނާ ކުޑަކޮށް ހީލާން އުޅެފައިވެސް ކުރިން ހުރިގޮތަށް މޫނުމަތި ގެންނަން ނެގީ ކުޑަ ސިކުންތުކޮޅެކެވެ.

ކުއްލިއަކަށް އަނާ އެއްލި ކަޅިއަކުން ފެނުނީ ކައިލަންގެ ބޮލާއި ދިމާލަށް ލެނބިފައިވާ ގޮތްޕެއްގައި އިން މަކުނުވާތަކެވެ. ވަރަށް ރީތިކޮށް ވާ ފުރާލައިގެން އޮތް މަކުނު ތިރިއަށް އަންނަމުން ދާތަން ބަލަން އަނާ އިންއިރު ކައިލަންއަކަށް އެކަމެއް ރޭކާނުލިއެވެ. މަކުނު ކައިލަންގެ ރީތި އިސްތަށިގަނޑާއި ހިތާވީހެއްޔެވެ؟ އެސޮރުގެ އަމާޒުހުރީ ސީދާ ކައިލަންގެ ބޮލާއި ދިމާލަށެވެ. އަނާގެ ހިތަށް ނުބައިގޮތެއްވިއެވެ. ތެދުވެގެންގޮސް މަކުނު ޗިސްކޮށްލަން ބޭނުންވިއެވެ. ދެވަނަ ޚިޔާލެއް އައުމުން އަނާ މޭޒުމަތީގައި އޮތް ނޯޓްފޮތުގައި ނިކަން ހަލުވިކޮށް ސްކެޗެއް ކުރަހައިލިއެވެ. އެއިން ދައްކުވައިދެނީ އޭނައާއި ފަހަތުގައި ހުރި ގަހެވެ. އަދި އޭނަގެ ބޮލާއި ދިމާލަށް އެލުވިފައި އޮތް ފައިދިގު މަކުނެވެ.

ކައިލަން ސިހިފައި އެނބުރިބަލައިލިއިރު މަކުނުއޮތީ ކާރީގައެވެ. މޫނުގައި ކިރިޔާ ނުބީހުނުކަމެވެ. އަނާގެ ކުރެހުމުގެ ހުނަރު އެބަހުއްޓެވެ. ކުރެހުމަކީވެސް ބަސްމޮށުމެކެވެ. މިގޮތަށްވެސް އަނާ ވާހަކަ ދައްކާނެނަމައެވެ. އެކުޑަ ކުރެހުންވެސް ކައިލަން ނިންމީ ކާމިޔާބެއްކަމުގައެވެ.

ކައިލަން ގެއަށް ދިޔައިރު މަންމައާއި ބައްޕަ އެކީގައި ސިޓިންރޫމްގައި ވާހަކަދައްކަން ތިބިތަން ފެނިފައި އާކަމަކަށްވިއެވެ. ދެމަފިރިންނަށް ވިކަމުގައިވިޔަސް އެއީ ނަމެއްގައި އޮތް ގުޅުމެކެވެ. ދެމީހުން ދެކޮޓަރީގައި ނިދާތާ އެތައް އަހަރެއްވެފައިވާއިރު ރުޚުސާނާގެ ކުރިމައްޗަށް ފަޒީލް އަޔަސް މޫނުބަނަވެގެން ދާގޮތުން ކޮންމެވެސް ކަންތައްގަނޑެއް އޮންނަކަން ކައިލަން ދަނެއެވެ. އޭނަ އެކަން ދެނެގަންނާކަށް ބޭނުމެއްވެސް ނޫނެވެ. ކުޑައިރުއްސުރެން ކައިލަން ކުރި އެންމެ ބޮޑު ހިތާމައަކީ އެއީއެވެ. މައިންބަފައިންގެ ދޭތެރޭގައި އޮތް ނުތަނަވަސްކަމާއި ދުރުހިލޭކަމެވެ. ދެމަފިރިން މިގޮތަށް އެކީގައި ވާހަކަ ދައްކަން ތިބުމުން ކައިލަންގެ ހިތަށް ކުޑަ ކުޑަ އުފަލެއް ލިބުނެވެ. ރުޚުސާނާ ކާން ހަދާށޭ ކިޔާފައި އެތެރެއަށް ވަނެވެ.

"ކައިލަން، މަންމަ އުޅެނީ ހަފްތާއެއްގެ ވޯކްޝޮޕަކަށް މެލޭޝިއާއަށް ދާން، މިސްކު ބަހައްޓަން މިއުޅެނީ މަންމަގެ އެކުވެރިއެއްގެ ގާތުގައި، އެއީ ރަގަޅުކަމެއްނޫނޭ ބުނިހާއިރުން މަންމަ ބުނަނީ އެގޭ ކުއްޖަކާއި މިސްކު ކާވެނި ހަމަޖެހިފަޔޯ އޮތީ، ބައްޕައަކަށް އެންގުމަކީ ބޭނުންކަމަކަށް ނުވޭ، މަޝްއަލް މިގެއިން ވައްކަންކުރާއިރު އެކަންވެސް މަންމަ ސިއްރުކުރަން ބޭނުންވޭ، އެވާހަކަ ދެއްކީމަ އަމިއްލަ ދަރި ނޫންހެއްޔޭ ބަދުނާމުވާނީ، އެކަމަކު ބައްޕަގެ އަލަމާރިން އެތައް ފައިސާތަކެއް ގެއްލިއްޖެ، މަޝްއަލް ނޫން ކާކު މިގޭތެރެއިން އެކަން ކުރާނީ؟ " ފަޒީލް އިނީ ހިތްހަމަނުޖެހިފައެވެ ފަޒީލް ބަސްމަދެވެ. ކައިލަން އިނީ ޝޮކެއްގައެވެ. މަޝްއަލް އެހާ ނުބައިވެދާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. ގެއިން ވައްކަން ކުރާ ހިސާބަށް ދާނީ ހާދަ ވިޔާނުދާ މީހަކަށްވީމައެވެ.

ކައިލަން މިސްކު "ރަތްފިޔަ"އަށް ލާފައި ނުކުތީ މަންމަގެ ނިންމުމަށް އިތުބާރުކޮށްފައެވެ. އެގެއިން ދިމާވެދާނެކަމަކާއިމެދު އޭނަ ފަހަރެއްގައިވެސް ވިސްނާފައެއް ނުވެއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު