ބަންދު ބޯޑު އެޅުވުމުން އަނބިންނަށް ބޮޑު އުފަލެއް؟!

އަވިސްތާ ކެފޭ: ކެފޭތަކާއި ފިހާރަތައް އަވަހަށް ބަންދު ކުރުމުން ދިރިއުޅުމުގެ އާދަޔަށް ބަދަލު އަންނާނެ-- ސަން ފައިލް ފޮޓޯ

އަނބިމީހާ އެނދުމަތީގައި އޮވެ، ފުރޮޅެނީ އެވެ. ގަޑިން މެންދަމު 1:00 ޖަހައިފި އެވެ. އަދިވެސް ފިރިމީހާ ގެއަށް ނާދެ އެވެ. އިންތިޒާރުގެ މި ވަގުތުތައް ގުނާތާ ކިތަންމެ ދުވަހެއް ވެއްޖެ އެވެ. ކޮންމެ ރެއަކުހެން އުޅެން ޖެހެނީ އެ ހާލެއްގަ އެވެ. އެ ގުޅުމުގެ ދެމެދަށް ވަދެފައި ވަނީ "ކޮފީ" ތައްޓެކެވެ. ފިރިސޮރު ވަނީ "ކޮފީ ތަށީގައި" ކޮންމެ ރެއަކު ބަނދެވިފަ އެވެ. ރައްޓެހިގެން ކޮފީ މަޖަލުގައި ފިރިމީހާ ވަނީ "އަވަދިވެފަ" އެވެ. ގެއަށް އައިސް މަޖަލެއް ކުރާނެ ހިތްވަރެއް ނުހުރެ އެވެ.

ނަމަވެސް ހާލަތު މިއަދު ބަދަލުވެއްޖެ އެވެ. އަނބި މީހާގެ އިންތިޒާރަށް ނިމުން އަތުވެއްޖެ އެވެ. އޭނާގެ މައްސަލައަށް ހައްލު ހޯދައިދިނީ ފެމެލީ ކޯޓުން ނޫނެވެ. އިކޮނަމިކް މިނިސްޓްރީންނެވެ. އެ މިނިސްޓްރީން ނިންމާފައި ވަނީ ކެފޭތައް އަވަހަށް ބަންދު ކުރުމަށެވެ.

އިކޮނަމިކް މިނިސްޓްރީން މިހާރު ނިންމާފައިވާ ގޮތުން ދަންވަރު 12:00 އަށް ކެފޭތައް ބަންދު ކުރެ އެވެ. އަދި ފިހާރަތައް ރޭގަނޑު 10:00 ގައި ބަންދު ބޯޑު އަޅުވަ އެވެ.

ރާއްޖޭގެ ވެރިކަން ކުރާ ރަށް މާލެގައި މިފަދަ އުސޫލަކަށް އަމަލު ކުރުމަކީ ރަނގަޅު ނިންމުމެއް ހެއްޔެވެ؟ އަނބިންނަން ކިތަންމެހާ ވެސް ރަނގަޅެވެ. ނަމަވެސް ނޫކަށިި ފުރައިގެ ކޮންމެ ޒުވާނަކަށް އެ ގޮތް ވަރިހަމަ ނުވެދާނެ އެވެ.

ތަރައްގީ ވެފައިވާ ގައުމުތަކުގައި އަމަލު ކުރާ ގޮތް

ޗައިނާގެ ވިޔަފާރި މަރުކަޒު، ޝަންހާއި:

ފިހާރަތައް، ރޭގަނޑު 9:00 ގައި ބަންދު ކުރެ އެވެ. ކެފޭތަކާއި ރެސްޓޯރަންޓުތައް، ރޭގަނޑު 10:00 އަށް ބަންދު ބޯޑު އަޅުވަ އެވެ.

މިއީ ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދު އޮތް ގައުމުގެ ވިޔަފާރީގެ އެންމެ ބޮޑު މަރުކަޒުގައި އަމަލު ކުރާ އުސޫލެވެ. ޗައިނާގައި އެންމެ އާބާދީ ބޮޑު އެ ސިޓީގައި ކުށްކުރުން މަދެވެ. އެއީ އަމާން ސިޓީ އެވެ. ފާރައަށް ފުލުހުން މަގުތަކުގައި ތިބޭކަށް ނުޖެހެ އެވެ. ހަރުދަނާ ގާނޫނުތަކާއި އުސޫލުތައް ތަންފީޒު ވާތީ، ރައްޔިތުން ވަރަށް ކިޔަމަންތެރި އެވެ.

ސިންގަޕޫރު:

ސިންގަޕޫރުގައި ވެސް އަމަލު ކުރަނީ އެފަދަ ގޮތަކަށެވެ. އެންމެ ލަސްވެގެން ރޭގަނޑު 10:00 ޖަހާއިރު ފިހާރަތައް ބަންދު ކުރެ އެވެ. މަޝްހޫރު ބޮޑު ވިޔަފާރި ޝޮޕިން ސެންޓަރުތައް އިރާކޮޅު ބަންދުކުރެ އެވެ. ކެފޭތަކާއި ރެސްޓޯރަންޓުތައް ބަންދު ކުރަނީ 11:00 ކުރިންނެވެ.

މެލޭޝިޔާ:

މެލޭޝިޔާގައި ވެސް އޮންނަނީ އެފަދަ ނިޒާމެކެވެ. ގިނަ ފިހާރަތައް ހުޅުވާފައި ހުންނަނީ 12 ގަޑިއިރަށެވެ. އެއީ ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށެވެ. ގިނަ ކެފޭތައް ވެސް ރޭގަނޑު އަވަހަށް ބަންދު ކުރެ އެވެ.

ދެން އޮތީ އަވަށްޓެރި ގައުމުތަކުގެ ވާހަކައެވެ. އަވަށްޓެރި އިންޑިއާ އަދި ސްރީލަންކާގައި ވެސް އަމަލު ކުރަނީ އެގޮތަށެވެ. އިރާކޮޅު ފިހާރަތަކާއި ކެފޭތައް ބަންދު ކުރެ އެވެ. މަނާ ވަގުތުގައި ހިދުމަތް ދޭނަމަ ވިޔަފާރި ހުއްޓުވައި ފިވަޅު އަޅައެވެ.

ޒުވާނުންގެ ދިރިއުޅުމަށް އަންނާނެެ ބަދަލު:

މި ނިންމުން އެތައް ބަޔަކު ސިފަކުރާ ގޮތުގައި އާއިލާގެ ގުޅުން ބޮޑު ވެދޭނެ އެވެ. އަނބިންނަށް ވަގުތު ދިނުމަށް ކޮށޭ މަގެކެވެ. އެއީ ރޭގަނޑު އަވަހަށް ނިދައި ހެނދުނު އަވަހަށް ހޭލުމަށް ލިބޭ ހިތްވަރެއްގެ ގޮތުގައި އެތައް ބަޔަކު ސިފަކުރެ އެވެ. ހަމައެހެންމެ އެކަމުގެ ސަބަބުން މަސައްކަތްތެރިކަން އިތުރުވެ ގޭތެރޭ ހޭދަކުރާ ވަގުތު އިތުރު ކުރެވޭނެ ކަމަށް ގަބޫލުކުރެވެ އެވެ. އެހެންކަމުން ގިނަ އަދަދެއްގެ ބަޔަކު ސިފަ ކުރާ ގޮތުގައި މިއީ އަހުލާގަށް ގެނެވޭ ހެޔޮ ބަދަލެކެވެ.

ނަމަވެސް މިކަމާ ކަންބޮޑުވާ އެތައް ބަޔަކު ވެސް އެބައުޅެ އެވެ. ސަބަބެއް ކަމަށް ބެލެވެނީ ކުރިން ފާހަގަ ކުރި ގޮތަށް ދިވެހިންގެ ކަށީގައި ހިފާފައި ހުރި އާދައެވެ. ލަސް ވަގުތު ވިޔަފާރި ކުރުމާއި ކެއިންބުއިމުގެ އާދައަށް ހުރަސް އެޅޭތީ އަންނަ ރުޅިއެވެ. ހަމައެހެންމެ ބައެއް ފަރާތްތަކުގެ ވަޒީފާ ޑިއުޓީ ހުންނަ ގޮތުން ވެސް އެ ގަޑިތަކުގައި ތަންތަން ބަދަލުކުރުމުން ގެއްލުންވާ ކަމަށް އެފަރާތްތަކުން ބުނެއެވެ.

"އަހަރެން 12:00 ޖެހީމަ ޑިއުޓީ ނިންމާފަ ގޮސް ގެއަށް ފެނާ އެއްޗެހި ގަންނަނީވެސް، އެކަމަކު މިހާރު މިވާގޮތުން އެބަޖެހޭ ޑިއުޓީ މެދުން އެކަންކަން ކުރުމަށް ދާން، އަނެއްކާ ޑިއުޓީ ނިންމާފަ އެރޭ އެއްޗެއް ކެވޭނެ ގޮތެއް ވެސް ދެން ނޯވޭ،" އަމިއްލަ އޮފީހެއްގައި މަސައްކަތް ރައްޓެއްސަކު ބުންޏެވެ.

އާންމުންގެ ހިޔާލު އެގޮތަށް ހުރި ވިޔަފާރިތައް ވެސް ހަމަ އެ ބަހުސް އެބަކުރެ އެވެ. ބައެއް ވިޔަފާރިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި ވަނީ މަޝްވަރާއެއް ނެތި ކުއްލިއަކަށް އެ ބަދަލު ގެނައުމެވެ. އެކަމުގެ ސަބަބުން ޑިއުޓީތަކަށް ނަގާފައި ތިބި މުވައްޒަފުންނަށާއި ހިންގުމުގެ އެކިއެކި ކަންތައްތަކަށް ކުއްލި ބަދަލެއް ގެންނަންޖެހޭ ކަމަށް ބުނެ އެ ފަރާތަކުން ޝަކުވާ ކުރެ އެވެ.

އެއްބަޔަކު ވާހަކަ އެހެން ހުރި ނަމަވެސް ބައެއް ވިޔަފާރިވެރިން ފަހުގެ ނިންމުމަށް ތާއީދު ކުރެއެވެ. މެގުނާ މާޓުގެ ވެރިޔާ މުހައްމަދު ރަޝީދު ވިދާޅުވީ އަލަށް ގެނައި ބަދަލަކީ ވަރަށް ރަނގަޅު އަދި ފަހުން އޭގެ ފައިދާ އެންމެން ކުރާނެ ނިންމުމެކެވެ. އެ ނިންމުމުގެ ސަބަބުން ސޭލްސް ދަށްނުވެ، އުފެއްދުންތެރިކަން އިތުރުކުރެވޭނެ ކަމަށް ރަޝީދު ވިދާޅުވެ އެވެ.

"މިކަން 9 ޖަހާއިރު ވިއްޔާ އަޅުގަނޑަށް ރަނގަޅީ، އޭރުން ވާނެގޮތަކީ އާއިލާއާއެކު ދެވޭނެ، މިހާރު ފިހާރަ ފިހާރަތަކުގައި މި ހުންނަ ސިސްޓަމުން ރަނގަޅު ސޭލްސްއެއް ނިންމާ ކަމަށް ވަންޏާ، ފިހާރަ ބަންދުކޮށްފައި އަދި ނަގާނެ ބައިގަޑިއިރު ނުވަތަ 45 މިނެޓް،" ރަޝީދު ވިދާޅުވި އެވެ.

ކެފޭ ރެސްޓޯރެންޓުތަކަށް ބަލާއިރު ވެސް އެކި ރެސްޓޯރެންޓްތަކުގެ ވާހަކަ ހުރީ އެކިގޮތަށެވެ. އެއްބަޔަކު އެކަމާ އުފާ ކުރާއިރު އަނެއް ބަޔަކު ކަންބޮޑުވެއެވެ. އަވަހަށް ބަންދުކޮށްގެން އުފެއްދުންތެރިކަން ކުރިއަރާނެ ކަމަށް އެއްބަޔަކު ބުނާއިރު ސޭލްސް ދަށްވެދާނެތީ ކަން ބޮޑުވާ ބަޔަކުވެސް އެބައުޅެއެވެ.

"ވަރަށް ރަނގަޅު ނިންމުމެއް އެއީ، އަޅުގަނޑުމެން ޕޮސިޓިވް، އޭގެ ސަބަބުން ސޭލްސް ވެސް އިތުރުވޭ، މިއީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް އޮންނަ ގޮތް ދެއްތޯ،" މަޒާޑާގެ ވެރިޔާ އަހުމަދު އަތޫފު ވިދާޅުވި އެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފު ވިދާޅުވި ގޮތުގައި އެގަޑިތަކުގައި ވިޔަފާރިތައް އެބަދަލަކީ ވަކި ވިޔަފާރިއެއް ތަފާތު ނުކޮށް ހުރިހާ ވިޔަފާރިތަކަށް އެކުއެކީ ގެނައި ބަދަލަކަށް ވުމުން ވިޔަފާރިތައް ދަށްވާނެ ކަމަށް ނުބެލެވޭ ކަމަށެވެ. ނަމަވެސް "ސޭލްސް"އަށް އަންނަ ބަދަލާ ގުޅޭ ސީދާ ޖަވާބެއް ދޭން އެނގޭނީ ތިން ވަރަކަށް މަސް ފަހުން ކަމަށް އާސިފް ވިދާޅުވި އެވެ.

ދަންވަރު ހިދުމަތް ލިބޭނެ ހާއްސަ ތަނެއް ހުންނަންޖެހޭ:

މިއީ ވެރިކަން ކުރާ މާލެ އެވެ. ދޮޅު ލައްކައެއްހާ އަދަދަކަށް މީހުން ބަރުކޮށްގެން، މި ރަށް އަބަދަކު ނުނިދާނެ އެވެ. ކޮންމެ ވެސް ބަޔަކު ހޭލައި ތިބޭނެ އެވެ. ހޮސްޕިޓަލް ތަކުގައްޔާއި ބަނދަރުތަކުގައި ފަޅުވެރިން ތިބޭނެ އެވެ. ކޮންމެ މީހާކަށް ވެސް ކުއްލި ކަމެއް ޖެހިދާނެ އެވެ.

ކުއްލި ހާލަތެއްގައި ޒަރޫރީ ބޭނުމަށް ފިހާރައިން ގަންނަންޖެހޭ ސާމާނު ހުރެދާނެ އެވެ. އެ ބޭނުމަށް ހިދުމަތް ލިބޭނެ ވަކިން ހާއްސަ ތަނެއް ހުރުން މުހިންމެވެ. އެއީ ތަރައްގީވެފައިވާ ގައުމުތަކުގައި އަމަލު ކުރާ އުސޫލެކެވެ. އެއީ 24 ގަޑިއިރު ހިދުމަތް ލިބޭ ތަންތަނެވެ. ދިވެހިންގެ މަސައްކަތު މާހައުލަށް ބަލާއިރު އެފަދަ ދެ ތިން ތަނެއް ހުރުން މުހިންމު ކަމަށް ބެލެވެއެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައި ވަނީ މާރާމާރީތަކާއި ހަމަނުޖެހުންތައް ބޮޑުވެފައިވާއިރު ގަޑިތައް އަވަސް ކުރުމުގެ ބޭނުމަކީ ކުށްކުރުން ހުއްޓުވުމާއި އަމާންކަން ގާއިމް ކުރުން ކަމަށެވެ.

ކޮންމެއަކަސް ސަރުކާރުގެ އަމާޒަކަށް ވެފައި މި ވަނީ އާންމުން އަވަހަށް ނިންދެވުމެވެ. އެކަން ހާސިލް ވެއްޖެ ނަމަ އެއީ އަމާން މުޖުތަމައުއެއް ބިނާ ކުރެވޭނެ ހެއްކެކެވެ. އޭގެ އަނެއް ފައިދާއަކަށް ބަލާއިރު އަވަހަށް ނިދުމަކީ އެތައް ފައިދާއެއް ކުރުވާނެ ކަމެކެވެ. އަނބިންގެ އުފާފާޅުކުރުމާއެކު އާއިލާތަކަށް ދެވޭ ވަގުތުތައް ގިނަވުމާއެކު މަސައްކަތްތަކަށް ދެވޭ ވަގުތު ގިނަވެ ހީވާގި ވާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް