ފައިނުގެ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި

މިއަދު ފައިނުގައި ކުރިއަށްދިޔަ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: އަހުމަދު ޖައިޝަން

ރ. ފައިނުގެ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.

ރ. އަތޮޅުގައި އެންމެ ފަހުން ހަދަން ފަށާ އެ ބަނދަރުގެ މަސައްކަތް ރަސްމީކޮށް ފައްޓަވާދެއްވާފައިވަނީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ.

ސަރުކާރުގެ އުމްރާނީ ތަރައްގީގެ މެނިފެސްޓޯގެ ދަށުން ރަށްރަށުގައި ގާއިމް ކުރާ ތަންތަނުގެ ތެރެއިން އެ ރަށުގައި އެޅުމަށް ހަމަޖެހިފައިވާ އެ ބަނދަރަށް 30 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށްް ހައުސިން މިނިސްޓްރީން ބުންޏެވެ.

ބޮޑުމިނުގައި 300 ފޫޓު ހުންނަ އެ ބަނދަރު، 245 ދުވަސްތެރޭގައި ހަދާ ނިމޭނެ ކަމަށް އެ ބަނދަރު ހެދުމަށް ހަވާލުކޮށްފައިވާ އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

ބަނދަރާމެދު ރަށުގެ ރައްޔިތުން ހިތްހަމަ ޖެހިފައިވި ނަމަވެސް އެ ބަނދަރުގެ ދިގުމިނަށް 100 ފޫޓު އިތުރުކޮށްދިމަށް ރަށު ކައުންސިލުން ވަނީ އެދިފައެވެ. ފަޅު ފުންކުރާއިރު ނަގާ ފަސް، ރަށުގެ ގިރާ ސަރަހައްދަށް އަޅައި ދިނުމަށް އެރަށު ކައުންސިލުން ވަނީ އެދިފައެވެ.

ބަނދަރުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވުމަށްފަހު ހައުސިންގް މިނިސްޓަރު ވިދާޅުވީ ގައުމުގެ ކުރިއެރުވުމަށް ކުރަމުންދާ ކަންތައްތަކަށް ހުރަސް އެޅުމަކީ ކޮށްގެން ނުވާނެ ކަމެއް ކަމަށާއި ކަންތައްތައް ކުރަން ޖެހޭނީ އިހްލާސްތެރި ކަމުގައި ކަމަށެވެ.

"ގައުމުގެ ވިސްނުމުގައި ނޫން ގޮތަކަށް މަސައްކަތް ކުރާ ކަމުގައި ވާނަމަ އެއީ ގައުމަށް ލިބިގެން ދާނެ ގެއްލުމެއް. އެހެން ކަމުން އަޅުގަނޑު ހަމަ ގޮވާލަން، ގައުމުގެ ތަރައްގީ އަށް ޓަކައި ކުރެވޭ ކަންކަމަށް ހުރަސް ނޭޅުމަށް. އަދި ޒިންމާދާރު ގޮތާއެކު ގައުމުގެ ކަންތައްތައް ކުރިއެރުވުމުގައި އިހްލާސްތެރިކަމާއެކު ހުރިހާ ފަރާތްތަކުންވެސް އަމަލު ކުރުން،" މުއިއްޒު ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު