އާތު އަވާ: ދުނިޔެއަށްޓަކައި އެއްގަޑިއިރު

2014 ވަނަ އަހަރު މާލޭގައި އާތު އަވަރ ފާހަގަކުރުމުގެ ތެރެއިން -- ސަން ފޮޓޯ -- ފަޔާޒު މޫސާ

ދުނިޔެއަށްޓަކައި އެއްގަނޑި އިރު ނުވަތަ އާންމުކޮށް ކިޔާ ގޮތުންނަމަ "އާތު އަވާ" ފާހަގަކުރަން ފެށިތާ މިއަދަށް މިއީ ނުވަ ވަނަ އަހަރެވެ. އާތު އަވާ މިރޭ ފާހަގަކުރުމަށް މުޅި ދުނިޔެ ވަނީ ތައްޔާރު ވެފައެވެ. އެއްގަނޑި އިރު ފާހަގަކުރުމުގެ ގޮތުން ކަރަންޓު ބޭނުންކޮށްގެން ދިއްލާފައިވާ ހުރިހާ އަލިތަކެއް ނިއްވާމުލަކީ މުޅިދުނިޔޭގައިވެސް ކަން ކުރާ އުސޫލެވެ.

ބައިނަލް އަގުވާމީ ގޮތުން އާތު އަވާ ފާހަގަކުރަން ފަށާފައިވަނީ 2008 ވަނަ އަހަރު އެވެ. އެއަހަރުގެ މާޗު މަހުގެ 29 ވަނަ ދުވަހު ދުނިޔޭގެ ހަތް ބައްރެއްގައި 35 ގައުމަކުން ވަނީ ދުނިޔެއަށްޓަކައި އެއްގަޑި އިރު ހޭދަކުރުމަށްޓަކައި، ކޮންމެހެން ބޭނުން ނޫން ހުރިހާ އަލިކަމެއް ނިވާލާފަ އެވެ.

ތިމާވެއްޓަށްޓަކައި ކޮންމެ އަހަރެއްގެ އެއް ގަޑިއިރު ފާހަގަކުރަން އިސް ނެގީ، ތިމާވެށީގެ ހިމާޔަތަށް މަސައްކަތްކުރުމުގައި ހަރަކާތްތެރިވަމުންދާ އެންމެ ބޮޑު ޖަމިއްޔާ، ވޯލްޑް ވައިޑް ފަންޑް ފޯ ނޭޗާ/ވޯލްޑް ވައިލްޑްލައިފް ފަންޑް ޑަބްލިޔޫ.ޑަބްލިޔޫ.އެފް) އިންނެވެ. އެ ޖަމާއަތުން ބުނާ ގޮތުގައި ތައިލޭންޑްގެ ބޭންކޮކްގައި 2008 ވަނަ އަހަރު އެ ގަޑިއިރު ފާހަގަކުރުމުން، އެ 60 މިނެޓްގެ ތެރޭގައި ކަރަންޓް ބޭނުންކުރި މިންވަރު 73.34 މެގަވޮޓް މަދުވި އެވެ. އެއް ގަޑިއިރު 73.34 މެގަވޮޓްގެ ކަރަންޓް ބޭނުންކުރުމުން، ގާތްގަނޑަކަށް 41.6 ޓަނުގެ ކާބަން ޑައިއޮކްސައިޑް ބޭރުވާނެ އެވެ.

މި ތަފާސްހިސާބުތަކަށް ބުރަވާ އިރު ގަބޫލުކުރަންޖެހެނީ، އެންމެ ސިކުންތަކަށް ޖަނަރޭޓަރެއް ހިންގި ނަމަވެސް އެއިން ދުން ބޭރުވާ ނަމަ، ތިމާވެއްޓަށް ގެއްލުން ލިބޭނެ ކަމެވެ. ވީއިރު އެންމެ ސިކުންތަކަށް ޖައްވަށް ވިހަ ދުން ބޭރުކުރުން ހުއްޓައިލި ނަމަވެސް. އެއީ ޖައްވު ހޫނުވާ މިންވަރު، ކިތަންމެ ކުޑަކުޑަ ބައިކުޅަބަޔަކުން ނަމަވެސް ދަށްވެގެންދާނެ ކަމެކެވެ.

އދ.ގެ ސެކެޓްރީ ޖެނެރަލް ބަންކީ މޫން ވިދާޅުވި ގޮތުގައި މޫސުމަށް އަންނަ ބަދުލަތަކަކީ އިންސާނުންގެ ސަބަބުން އަންނަ ބަދަލުތަކެވެ. އަދި އެކަމުގެ ސަބަބުން ގެއްލުންވަނީވެސް ހަމަ އިންސާނުންނަށެވެ. އެހެންކަމުން މޫސުމަށް އަންނަ ބަދަލުތަކުން ދުނިޔެ ސަލާމަތް ކުރުމަކީ ހަމަ ކޮންމެ މީހެއްގެވެސް ޒިންމާއެއް ކަމަށް ބަންކީ މޫން ވަނީ ވިދަޅުވެފަ އެވެ.

މޫސުމަށް އަންނަ ބަދަލުތަކުން ދުނިޔެ ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަށް ފާހަގަ ކުރާ އެއްގަޑި އިރު 2009 ވަނަ އަހަރުން ފެށީގެން ރާއްޖޭގައި ވެސް ދަނީ ފާހަގަ ކުރަމުންނެވެ. ދިވެހިރާއްޖެއަކީ ތިމާވެށީގެ ނުރައްކާތަށް އެންމެ ފުރަތަމަ ކުރިމަތިވާނެ ގައުމު ކަމަށް ގިނަ ބަޔަކު ބުނަމުންދާ އިރު، ދިވެހީންނަށް ވެސް ދިވެހީންގެ ފެންވަރުގައި ތިމާވެށީގެ ހިމާޔަތަށް މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

މޫސުމަށް އަންނަ ބަދަލުތަކުން ދުނިޔެ ސަލާމަތް ކުރުމަށްޓަކައި ރާއްޖޭގައި ތަފާތު ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ. އެގޮތުން ހުޅުމާލޭ ހޮސްޕިޓަލުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރުމުގެ ޕްރޮޖެކްޓް މިދިއަ އަހަރު މޭ މަހު ވަނީ ނިންމާލާފަ އެވެ. އޭގެ އިތުރުން މިއަހަރުގެ ތެރޭގައިވެސް ރާއްޖޭގެ އިތުރު ފަަސް ރަށެއްގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ފަށާނެ ކަމަަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވަނީ ވިދާޅުވެފަ އެވެ.

އާތު އަވަރގެ ބޭނުމަކީ ހަމަ އެކަނި މޫސުމަށް އަންނަ ބަދަލުތަކެއް ނޫނެވެ. އެހެންނަމަވެސް އެ އެއްގަޑި އިރުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާއި މެދު މި ޖީލު އަހުލުވެރިވެގެން ދިއުމަކީ އެންމެ ބޮޑު އެއް ބޭނުން ކަމުގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫން ވަނީ ވިދާޅުވި އެވެ.

ވޭތުވެ ދިޔަ އަހަރު ތަކުގައި އާތު އަވާ ފާހަގަކުރުމަށް ރާއްޖޭގައި ހާއްސަކޮށް މާލޭގައި، އަލިފާނުގެ ކުޅިވަރުތަކުގެ އިތުރުން އުއްބައްތިން މާލެތެރެ ޒީނަތް ކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވެ އެވެ. ހާއްސަކޮށް މާލޭގެ ރާޅުގަނޑު ސަރަހައްދުގައި އާއިލާތަކާއި ޒުވާން ރައްޓެހިން އެއްވެ އާތު އަވާ ފާހަގކުރުމަށް ތަފާތު ހަރަކާތްތަކެއް ވަނީ ހިންގާފަ އެވެ. އަދި ވަކިވަކި ޖަމިއްޔާ ޖަމާއަތްތަކާއި ސަރުކާރުގެ އޮފީސްތަށް ގުޅިގެންވެސް އާތު އަވާ ފާހަގަކޮށްފައިވެ އެވެ.

އާތު އަވާ ފާހަގަކުރުމުގެ ގޮތުން މިރޭ 8:30 ން 9:30 ހަށް އެމްޖެންސީ ހާލަތުގައި ނޫނީ އަލިތަށް ނިވާލުމަށް ސަރުކާރުން ވަނީ އަންގާފަ އެވެ. އަދި މިރޭ އަށަކުން ފެށިގެން 10 ޖަހަންދެން ފައިމަގުގައި އުޅޭ ގަނޑިއެއްގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅައި އެކަން އިއުލާނުކޮށްފަ އެވެ. އޭގެ އިތުރުންވެސް ރާއްޖޭގެ ގިނަ ރިސޯޓު ތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައިވެސް މިރޭ އަށަކުން ނުވައަކަށް ހުރިހާ ލައިޓްތަކެއް ނިވާލުމުގެ އިތުރުން ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވެ އެވެ.

އާތު އަވާ ފާހަގަކުރުމަށް ރާވާފައިވާ ޗޯކް ބޯޑު އިވެންޓާއި ބައިކް މޯލްޑިވްސްގެ އިވެންޓު، މިރޭ 18:00 ވަންދެން ރާޅުގަނޑުގައި ކުރިޔަށް ދާނެއެވެ. އަދި އޭގެ އިތުރުން ބ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓުތަށް ހިމެނޭ ގޮތަށް "އިޓްސް ބެޓަރ އިން ބ" އެ ޝިއާރުގެ ދަށުން އާތު އަވާ ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ވަނީ ރާވާފަ އެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ދުނިޔެވީ ވާޖިބެއްގެ ގޮތުން އަލިކަމާއި ނުލައި ދުނިޔެއަށްޓަކައި އެއްގަޑި އިރު ހޭދަކުރައްވާށެވެ.

comment ކޮމެންޓް